އައިވަރީ ކޯސްޓުގައި ކުރިއަށްދާ އެފްރިކާގެ އެންމެ ޝަރަފުވެރި ފުޓުބޯޅަ މުބާރާތް، އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޯން)ގެ ގްރޫޕް އެފްގައި ރޭ ޑިމަކްރެޓިކް ރިބަޕްލިކް އޮފް ކޮންގޯއިން މޮރޮކޯ ހިފެހެއްޓި އިރު، ނަމީބިއާ ބަލިކޮށް ދެކުނު އެފްރިކާއިން އުންމީދު ހޯދައިފިއެވެ.

މޮރޮކޯއާއި ކޮންގޯ ރޭ ކުޅުނު މެޗު 1-1 އިން އެއްވަރުވި އިރު، އެ ނަތީޖާއާއެކުވެސް މޮރޮކޯ ވަނީ ކޮލިފިކޭޝަންއާ ގާތުގައެވެ. 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ސެމީ ފައިނަލުގައި ކުޅެ އެފްރިކާ ފަހުރުވެރިކޮށްދިން މޮރޮކޯ ފުރަތަމަ މެޗުގައި 3-0 އިން ޓެންޒޭނިއާ ބަލިކޮށްފައި އޮތުމުން އެ ޓީމު އަތުގައި ފައިދާ ގޯލުގެ ފަރަގެއް އެބައޮތެވެ. އެހެންކަމުން ޒަމްބިއާއާ ދެކޮޅަށް ނުކުންނަ ގްރޫޕްގެ ފަހު މެޗުން ޕޮއިންޓެއް ހޯދައިގެންވެސް މޮރޮކޯއަށް ގަދަ 16 ޔަގީން ކުރެވޭނެއެވެ.

ކޮންގޯއަށްވެސް އަދި އުންމީދު އެބައޮތެވެ. އެ ޓީމަށް ދެ މެޗުން ދެ ޕޮއިންޓް ލިބިފައިވާ އިރު، ފަހު މެޗުން މޮޅުވެ، ގަދަ 16 އަށް ދެވޭނެއެވެ.

ރޭގެ މެޗު ފެށިގެން މޮރޮކޯގެ އަޝްރަފް ހަކީމީ ވަނީ އެ ޓީމަށް ލީޑު ނަގައިދީފައެވެ. ހަކީމީ ހަވަނަ މިނެޓުގައި ލީޑު ނެގީ ހަކީމް ޒިޔެޗްގެ ކޯނަރެއް އެއްފަހަރުން ގޯލަށް ވައްދާލައިގެންނެވެ.

ކޮންގޯއިން ދެވަނަ ހާފަށް ކުޅުން އިތުރަށް ރަނގަޅުކުރި އިރު، އެ ޓީމުން ވަނީ ދެވަނަ ހާފު ފެށިގެން މާގިނައިރެއް ނުވެ، ސިލާސް ޖެހި ގޯލުން މެޗު އެއްވަރުކޮށްފައެވެ.

ގްރޫޕް އީގައި ދެކުނު އެފްރިކާއިން ރޭ ނަމީބިއާ ބަލިކުރީ 4-0 ގެ ނަތީޖާއަކުންނެވެ. އެ ގްރޫޕްގެ އެއްވަނައިގައި މާލީ ދެ މެޗުން ހަތަރު ޕޮއިންޓާއެކު އޮތް އިރު، ދެކުނު އެފްރިކާ އޮތީ ދެ މެޗުން ތިން ޕޮއިންޓާއެކު ދެވަނައިގައެވެ. ނަމީބިއާއަށްވެސް ދެ މެޗުން ތިން ޕޮއިންޓް ލިބިފައިވާ އިރު، ޓިއުނީޝިއާ ފުލުގައި އޮތީ ޕޮއިންޓަކާއެކުގައެވެ.

ދެކުނު އެފްރިކާއަށް މިހާރު އޮތީ ގާތްގަނޑަކަށް ގަދަ 16 ޔަގީންވެފައެވެ. އެޓީމަށް ފަހު މެޗުން މޮޅެއް ހޯދައި އެއްވަނަ ހޯދޭނެއެވެ.

ރޭގެ މެޗުގައި ދެކުނު އެފްރިކާގެ ތެމްބާ ވޭން ދެ ގޯލު ޖެހި އިރު، އަނެއް ގޯލުތައް ޖެހީ ޕާސީ ތައުއާއި ތަޕެލޯ މަސެކޯއެވެ.