ޖަރުމަނު ލީގުގައި ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ވާޑާ ބްރެމެން އަތުން ބަލިވެ، ބަޔާން މިއުނިކަށް އެއްވަނައަށް އަރަން ޕްރެޝަރު ކޮށްލަން ލިބުނު ފުރުސަތު ގެއްލިއްޖެއެވެ.

ރޭ ބަޔާނުން އަމިއްލަ ދަނޑުގައި ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. އެއީ މި ސީޒަނުގެ ލީގުގައި އެ ޓީމުން ހޯމްގައި ބަލިވި ފުރަތަމަ ފަހަރެވެ. އަދި އެއީ ވާޑާ ބްރެމެންއަށް ބަޔާން ދަނޑުގައި 2008 ވަނަ އަހަރަށްފަހު ހޯދުނު ފުރަތަމަ މޮޅެވެ.

ޒަބީ އެލޯންސޯ ކޯޗުކަން ކޮށްދެމުން އަންނަ ބަޔާން ލެވަކޫސަންއިން މި ސީޒަނުގައި ބަލިނުވެ ދަމަހައްޓަމުން އަންނަ ފުރިހަމަ ފޯމާއެކު އެޓީމުން މިވަގުތު ލީގު ތާވަލުގެ އެއްވަނައިގައި އޮތީ 18 މެޗުން 48 ޕޮއިންޓާއެކުގައެވެ. ބަޔާނުން 17 މެޗު ކުޅެ، 41 ޕޮއިންޓާއެކު ދެވަނައިގައި އޮތް އިރު، ތިންވަނައިގައި ސްޓަޓްގާޓް އޮތީ 18 މެޗުން 34 ޕޮއިންޓާއެކުގައެވެ.

ރޭގެ މެޗުގައި ބަޔާންގެ ފަރާތުން އެންމެ ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައި ނުވާ އިރު، އެޓީމުގެ އެންމެ ނުރައްކާތެރި ކުޅުންތެރިޔާ ހެރީ ކޭންގެ ފަރާތުންވެސް ފެނުނު އެންމެ ރަނގަޅު ފުރުސަތުގައިވެސް ބޯޅަ ދިޔައީ މާ ބޮޑަށް މަތިން ބޭރުންނެވެ.

މެޗުގެ ހަމައެކަނި ގޯލު، ދެވަނަ ހާފުގެ ކުރީކޮޅުގައި މިޝެލް ވީސާ ޖެހި އިރު، މެޗަށްފަހު ބަޔާންގެ ކޯޗު ތޯމަސް ޓުޗެލް ބުނީ މެޗުގައި ދިމާވި މައްސަލައެއް ދިމާވީ ކުޅުންތެރިންނަށް ކަމަށާއި، މައްސަލައަކީ ކޮބާތީ އަހަން ޖެހެނީ ކުޅުންތެރިން ގާތުގައި ކަމަށެވެ. ޓުޗެލް ބުނީ މެޗަށް ނުކުތީ ހިތްވަރާއެކު ޖައްސަން ނަމަވެސް، އެ މަންޒަރާ ގާތްކުރާ ވަރަށްވެސް ހިތްވަރު ފެނިގެން ނުދާ ކަމަށެވެ.