އަންނަ ހޮނިހިރު ދުވަހު ބާއްވާ ޕީޕީއެމް-ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި މާވަށު ދާއިރާއަށް ވާދަކުރަން ފޯމު ހުށަހެޅި ކެންޑިޑޭޓެއް، ޕާޓީ ބައިބައިވާ ގޮތަށް ކަންކަން ކޮށްފައިވާތީ ފޯމު ބާތިލުކޮށްފިއެވެ.

ފޯމު ބާތިލުކޮށްފައިވަނީ، ލ. މާވަށް، ކުރިބޯށި، މޫސާ ފައިސަލުގެ ކެންޑިޑަސީ ފޯމެވެ.

ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ސޮއިކުރައްވައި މިއަދު، ފައިސަލަށް ފޮނުއްވި ސިޓީގައި ވިދާޅުވީ، އޭނާގެ ކެންޑިޑަސީ ބާތިލުކުރީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024ގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވާދަކުރާ ކެންޑިޑޭޓުން ކަނޑައެޅުމާ ބެހޭ އުސޫލުގެ ހަތަރުވަނަ މާއްދާގައި ބުނާ ޝަރުތުތައް ފުރިހަމަ ނުވާތީ ކަމަށެވެ.

އެގޮތުން، ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށްފަހު، ޕާޓީގެ އެތެރޭގައި އުފެދިގެން ދިޔަ ޕާޓީގެ ސިޔާސަތުތަކާ އިދިކޮޅު އޮއިވަރުގައި ޖެހިވަޑައިގެން، ޕާޓީގެ އާއްމު މެންބަރުންގެ މެދުގައި ފިތުނަ އުފެދޭ ގޮތަށް ބަޔަކު ކުރަމުންގެންދާ މަސައްކަތުގައި އޭނާ ބައިވެރިވެފައިވާ ކަމަށް ވިދާޅުވިއެވެ.

"ޕާޓީގެ އެތެރޭގައި ބައިބައިވުން އުފެދޭ ގޮތަށް ކަންކަން ކުރައްވާފައިވާތީ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024ގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވާދަކުރާ ކެންޑިޑޭޓުން ކަނޑައެޅުމާ ބެހޭ އުސޫލުގެ ހަތަރުވަނަ މާއްދާގައި ބުނާ ޝަރުތުތައް ފުރިހަމަ ނުވާ ކަމަށް ނިންމައި މަނިކުފާނުގެ ކެންޑިޑަސީ ބަލައިގަނެވެން ނެތް ވާހަކަ ދެންނެވީމެވެ." އެ ސިޓީގައިވެއެވެ.

ޕީޕީއެމް-ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި މާވަށު ދާއިރާއަށް ދެން ވާދަކުރަނީ، އަސަދުﷲ އާއި އިސްމާއިލް މާހިރާއި މުސްއަބު އަބްދުﷲ އާއި އަބްދުލް މުއިއްޒު އަހުމަދުގެ އިތުރުން އަނީލެވެ. މާވަށު ދާއިރާގައި ހިމެނެނީ ހިތަދޫ، ކުނަހަންދޫ އަދި މާވަށެވެ.

ފައިސަލުގެ އިތުރުން ވެސް ޕީޕީއެމް-ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރަން ފޯމު ހުށަހެޅި ބައެއް އެހެން ކެންޑިޑޭޓުންގެ ޝަރުތުތައް ހަމަނުވުމުން ވަނީ ފޯމު ބާތިލުކޮށްފައެވެ.