ޖިނާއީ ބޮޑެތި މައްސަލައެއްގެ ދައުވާ ކޯޓަށް ހުށަހެޅުމާ އެކު ދައުވާ ލިބޭ ފަރާތް ރާއްޖެއިން ބޭރަށްދިއުން މަނާ ކުރުމަށް ކޯޓުން މޯލްޑިވްސް އިމިގްރޭޝަނަށް އަންގަން ޖެހޭ ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައަޅައިފިއެވެ.

ސުޕްރީމް ކޯޓުން މިގޮތަށް ކަނޑައެޅީ، ސީލައިފް ގްލޯބަލް ކުންފުނީގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ) ރާއްޖެއިން ބޭރަށް ފުރަން ހުއްދަ ދިން އަމުރު ބާތިލްކޮށް ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމްގައެވެ.

އެ ހުކުމުގައި ހިމެނޭ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔުގައި ވިދާޅުވީ، ކުށެއްގެ ތުހުމަތުގައި ކޯޓެއްގައި ދައުވާ އުފުލުމަކީ ސީރިއަސް ކަމެއް ކަމަށެވެ. ޖިނާއީ މައްސަލައެއްގައި ދައުވާ ލިބޭ މީހަކު ރާއްޖެއިން ބޭރަށް ފުރައިގެން ގޮސް ފިލައިފިނަމަ، ޖިނާއީ އަދުލުގެ ނިޒާމު ވާގިނެތި، އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅޭނެ ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން އެކަން އެހެންވިޔަ ނުދިނުމަށް ދައުލަތުން ފިޔަވަޅު އަޅަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

"ގާނޫނުލް އުގޫބާތުގެ 22 ވަނަ މާއްދާގައި ބަޔާންކުރާ ޖިނާއީ މައްސަލައެއްގެ ދައުވާ ކޯޓަށް ހުށަހެޅުމާ އެކު ދައުވާ ލިބޭ ފަރާތް ރާއްޖެއިން ބޭރަށް ދިއުން މަނާ ކުރުމަށް ކޯޓުން މޯލްޑިވްސް އިމިގްރޭޝަނަށް އެންގުމާ އެކު އެފަދަ މީސް މީހުން ބްލެކްލިސްޓު ކުރެވި އެފަދަ މީސް މީހުން ރާއްޖޭން ބެރަށް ނުފުރޭނެ ގޮތް ހެދުމަކީ ކޯލްޑިވްސް އިމިގްރޭޝަންގެ ޒިންމާއެއް،" ފަނޑިޔާރު ސުއޫދު ވިދާޅުވިއެވެ.

ސުއޫދު ވިދާޅުވީ، ޖިނާއީ ބޮޑު މައްސަލައެއްގައި ދައުވާ ލިބޭ މީހެއްގެ މައްސަލަ އިސްތިއުނާފީ މަރުހަލާތަކުން ނިމެންދެން އެމީހަކު ރާއްޖޭން ބޭރަށް ފުރުން މަނާވެފައި އޮންނަ އޮތުން ދަމަހައްޓަން ޖެހޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ޖިނާއީ ބޮޑު މައްސަލައެއްގެ ޝަރީއަތުގެ މަރުހަލާގައި ދައުވާލިބޭ މީހެއްގެ ބޭސް ފަރުވާއަށް ރާއްޖޭން ބޭރަށް ފުރުމުގެ ހުއްދަ ދޭންވާނީ އެ ފަރުވާއަކީ ރާއްޖޭން ލިބެން ނެތް ބޭސްފަރުވާއެއް ކަމަށް ޑޮކްޓަރަކު، ޝަރީއަތުގެ މަޖިލީހަށް ހާޒިރުވެ ދޭ ރައުޔެއްގެ މައްޗަށް ބިނާކޮށް ކަމަށާއި އެ ރައުޔާމެދު ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން ދެކޭ ފޮތް ސާފު ކުރުމަށްފަހުގައި، އެ މީހަކު ބޭސް ފަރުވާ ނިމުމުން އެނބުރި ރާއްޖެއަށް އަންނާނެކަން ކަށަވަރު ކުރުމަށް ޝަރުތުކޮށްފައި ކަމަށްވެސް ވިދާޅުވިއެވެ.

އެގޮތުން ކަނޑައެޅޭ ޝަރުތުތަކުގެ ތެރޭގައި ކަފާލާތުގެ ގޮތުގައި ދައުވާގައި ހިމެނޭ ފައިސާގެ އަދަދާ އެއްވަރުގެ ފައިސާގެ އަދަދެއް ނުވަތަ ބޭންކް ގެރެންޓީއެއް ނުވަތަ ބޮންޑެއް ބެހެއްޓުމަށް ޝަރުތު ކުރުމުގެ އިހުތިޔާރު ކޯޓަށް ލިބިގެންވާ ކަމަށްވެސް ވިދާޅުވިއެވެ. އެގޮތަށް ކަނޑައަޅާ ޝަރުތަކީ ޕްރޮސިކިއުޓާ ޖެނެރަލް ގަބޫލުކުރާ ޝަރުތަކަށް ވާންޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ބޭސްފަރުވާއަށް ނޫން ބޭނުމަކު ޖިނާއީ ބޮޑު ކުށެއްގައި ދައުވާ ލިބޭ އެއްވެސް މީހަކު ރާއްޖޭން ބޭރަށް ދިއުމުގެ ހުއްދަ ކޯޓުން ދޭންވާނީ އެކަމަށްޓަކައި ޖިނާއީ އިޖުރާއަތުގެ ގަވާއިދުގައި ކަނޑައަޅާފައިވާ އުސޫލަކާ އެއްގޮތަށް ޕްރޮސިކިއުޓާ ޖެނެރަލް އެކަމަށް އިއުތިރާޒު ނުކުރާނަމަ ކަމަށްވެސް ވިދާޅުވިއެވެ.

އައްމަޓީގެ މައްޗަށް ކުރާ ހިޔާނާތުގެ ދައުވާތަކާ ގުޅިގެން ހިފަހައްޓާފައިވާ އޭނާގެ ޕާސްޕޯޓް ދޫކޮށްލުމަށާއި އޭނާ ރާއްޖެއިން ބޭރަށްދާން، ކުރިމިނަލް ކޯޓުން ކުރި އަމުރު ދެމެހެއްޓުމަށް ހައިކޯޓުން ކުރި ހުކުމް ބާތިލު ކަމަށް މި ހުކުމުގައި ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅައިފައެވެ.