ގއ. ވިލިނގިލިން ފަރުވާއަށް މާލެ ގެނައުން ލަސްވުމުގެ ސަބަބުން ހާލު ދެރަވެގެން މަރުވި ކުއްޖާގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
އެ ހާލަތު ދިމާވެގެން އިއްޔެ މަރުވެފައި ވަނީ، ގއ. ވިލިނގިލީ ފެންފިޔާޒުގެ އުމުރުން 13 އަހަރުގެ މުހައްމަދު ޖާހު ހާލިދު އެވެ.
މި މައްސަލައިގައި ކަމާބެހޭ ފަރާތްތަކުން ކަންތައް ކުރިގޮތުގެ މައްސަލަ ބަލައިދިނުމަށް މަޖިލީހަށް ހުށަހެޅުއްވީ، ގއ. ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން އެވެ.
އެ މައްސަލަ ބަލައިދިނުމަށް އެދިވަޑައިގެން މެންބަރު ސައުދު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމަށް ފޮނުއްވާފައިވާ ސިޓީގައި ވިދާޅުވެފައި ވަނީ، ފަހަކަށް އައިސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދިމާވާ އިމަޖެންސީ ހާލަތުގައި މީހުންނާއި އުޅަނދުފަހަރު ގެއްލިގެން ހޯދުމާއި، ސިއްހީ ބަލި ހާލަތު ދަށްވެ އިމެޖެންސީގައި އިތުރު ފަރުވާއަށް މާލެ ގެންނަން ޖެހޭ ބަލި މީހުން އުފުލުމުގައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އެކަށީގެންވާ ސަމާލުކަމެއް ދެމުން ނުދާކަން ފާހަގަ ކުރެވޭ ކަމަށެވެ.
އެގޮތުން ޖާހުގެ މައްސަލަ ފާހަގަ ކުރައްވައި ސައުދު ވިދާޅުވެފައި ވަނީ، ގއ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް އެ ކުއްޖާގެ ހާލަތު އިތުރަށް ގޯސްވެ ވީ އެންމެ އަވަހަކައަށް މާލެ ގެންދިއުމަށް ޑޮކްޓަރުން ލަފާ ދެއްވި ކަމަށެވެ. އެފަދަ އިމަޖެންސީ ހާލަތްތަކުގައި ބޭނުންކުރަން އޮންނަ ހާއްސަ ފްލައިޓާއި ހެލިކޮޕްޓަރު ތައްޔާރަށް އޮތް އިރުވެސް އޭގެ ބޭނުން ނުކޮށް، އައިލެންޑް އޭވިއޭޝަންގެ ފްލައިޓް ލިބެން އޮތް ވަގުތަކަށް ވަރިހަމަކޮށް އެ ކުއްޖާއަށް ބޭނުންވާ ހާއްސަ ފަރުވާ އަވަސް ކުރުމަށް ގަސްތުގައި ހުރަސްއަޅާފައިވާކަން ފާހަގަ ކުރާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
އެހެންކަމުން ޖާހު މަރުވި ހާދިސާގައި، އެވަގުތާ ހަމައަށް ރާއްޖޭގައި ލިބެން ހުރި އިމަޖެންސީ ވަސީލަތްތައް ބޭނުންނުކޮށް، ގަސްތުގައި އަވަސް ފަރުވާއަށް އެ ކުއްޖާ މާލެ ގެނައުން ލަސްވި މައްސަލަ ބަލައި ދިރާސާކޮށް، އެފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް ސަރުކާރު ޖަވާބުދާރީ ކުރުވުމަށް، މި ހާދިސާގައި އެކި މުއައްސަސާތަކުން ވެފައިވާ އިހުމާލުތައް ބަލައިދިނުމަށް އެ ސިޓީގައި ސައުދު ވަނީ އެދިވަޑައިގެންފައެވެ.
އިއްޔެ މަރުވި ކުއްޖާގެ ބައްޕަ މުހައްމަދު ހާލިދު "ވަން" އަށް މައުލޫމާތުދެމުން ބުނެފައި ވަނީ، އާސަންދަ ހަމަޖެހުނު ނަމަވެސް އެ ކުއްޖާ މާލެ ނުގެނެވި ލަސްވީ ޝެޑިއުލް ފުލައިޓެއް ނުލިބިގެން ކަމަށެވެ.
އެނގިފައިވާ ގޮތުގައި އެ ކުއްޖާ މާލެ ގެނެވުނީ މާލެ ގެނައުމަށް އެދުނުތާ 16 ގަޑިއިރު ފަހުންނެވެ. އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު "ވަން" އަށް ވިދާޅުވީ އެ ކުއްޖާ މަރުވީ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު