އުރީދޫއާއެކު މިޝަން ފޯ މައިގްރެންޓް ވޯކާސް އިން މޯލްޑިވްސް (އެމްއެމްޑަބްލިޔުއެމް) އިން ކޮންމެ އަހަރަކު ބާއްވަމުންދާ ހާއްސަ ކްރިކެޓް ކާނިވަލްގެ މިއަހަރުގެ އެޑިޝަން އިއްޔެ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ވަން ޑޭ ކްރިކެޓް ކާނިވަލެއްގެ ގޮތުގައި ހުޅުމާލޭ ފޭސް ދޭއްގައި އިއްޔެ ބޭއްވި އިވެންޓުގައި ބިދޭސީ މަސައްކަތްތެރިންގެ 40 ޓީމަކުން ވަނީ ވާދަކޮށްފައެވެ. ގިނަ އަދަދެއްގެ ބިދޭސީ މަސައްކަތްތެރިން ޝާމިލުވެ ކުރިއަށްގެންދިޔަ އިވެންޓުގައި މަސައްކަތްތެރިންނަށް އުފާވެރި ހިތްގައިމު މާހައުލެއް ތަނަވަސްކޮށްދޭން ވަނީ ނިންމައިފައެވެ.

އެގޮތުން ކްރިކެޓް ކާނިވަލް ކުރިއަށްދާ ސަރަހައްދުގައި މިފަހަރުވެސް ހިލޭ މެޑިކަލް ސްކްރީން ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ. އޭގެ އިތުރުން ހާއްސަ ލަކީ ޑްރޯއަކާއެކު ފައިސާގެ އިނާމާއި ހޮޓެލް ޖެންގެ ހާއްސަ ސްޓޭ ޕެކޭޖެއްވެސް ދީފައިވެއެވެ.

މެއިން ސްޕޮންސަރު އުރީދޫން ބުނެފައިވަނީ އެމްއެމްޑަބްލިޔުއެމްއާ ގުޅިގެން ކްރިކެޓް ކާނިވަލެއް ބިދޭސީ މަސައްކަތްތެރިންނަށް ގެނެސްދޭ އެންމެ ބޮޑު އެއް ބޭނުމަކީ މަސައްކަތްތެރިންގެ ބުރަ ދިރިއުޅުމުން ވަގުތުކޮޅެއް ހުސްކޮށް، ހިތްހަމަ ޖައްސާލަން ފުރުސަތު ހޯދައިދިނުން ކަމަށެވެ. އިވެންޓު މިފަހަރުވެސް ކާމިޔާބުކޮށް ނިމިގެން ގޮސްފައިވާ އިރު، މަސައްކަތްތެރިންގެ މޫނުމަތިން އުފާވެރިކަން ފެނިގެން ދިއުން އެއީ އިވެންޓްގެ އެންމެ ބޮޑު ބޭނުމެވެ.

މިފަހަރުގެ މުބާރާތުގެ ފައިނަލުގައި ބަންގުލަދޭޝް ހައިކޮމިޝަންގެ ޓީމާއި އައިލެންޑް ކްރިކެޓް ވާރިއޯސް ވާދަކޮށްފައިވާ އިރު، ތަށި ނަގައި 10،000 ރުފިޔާގެ ފައިސާގެ އިނާމު ހޯދީ ބަންގުލަދޭޝް ހައިކޮމިޝަންގެ ޓީމެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ބަންގުލަދޭޝް ހައިކޮމް ޓީމުގެ އަރުގަމް އެމް ހޮވުނު އިރު، އޭނާއަކީ އެންމެ މޮޅު ބެޓްސްމަން ވެސް މެއެވެ. އެންމެ މޮޅު ފީލްޑަރަކީ އައިލެންޑް ކްރިކެޓް ވާރިއޯސްގެ ޕްރޭމް ސުޖިން ސޭމް ޖޭހާ ސިންހެވެ. އެންމެ މޮޅު އުކުންތެރިޔަކީ ބަންގުލަދޭޝްގެ ކައުސަރެވެ.

މިޝަން ފޯ މައިގްރެންޓް ވޯކާސް އިން މޯލްޑިވްސްއިން ކުރިއަށް އޮތްތަނުގައިވެސް މަސައްކަތްތެރިންގެ ހައްގުގައި އެކިއެކި އިވެންޓުތައް ކުރިއަށް ގެންދަން ނިންމާފައިވާ އިރު، މިއީ އުރީދޫއާއެކު ކްރިކެޓް ކާނިވަލް ގެނެސްދިން ތިންވަނަ ފަހަރެވެ.