އައިވަރީ ކޯސްޓުގައި ކުރިއަށްދާ އެފްރިކާގެ އެންމެ ޝަރަފުވެރި ފުޓުބޯޅަ މުބާރާތް، އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޯން)ގެ ގްރޫޕް ސްޓޭޖުގައި ރޭ މިސްރުން ގާނާއާ ދެކޮޅަށް ކުޅުނު މެޗުގައި މުހައްމަދު ސަލާހަށް ކުރިމަތިވި އަނިޔާގެ ތަފްސީލު މިސްރުގެ ފުޓުބޯޅަ އިދާރާއިން ހާމަކޮށްފިއެވެ.

ރޭ އައިވަރީ ކޯސްޓުގެ އަބީޖާންގައި ކުޅުނު މެޗު 2-2 އިން އެއްވަރުވި އިރު، ސަލާހަށް އަނިޔާވީ ފުރަތަމަ ހާފު ނިމެން އުޅެނިކޮށެވެ. ސަލާހްގެ އަނިޔާގެ ސަބަބުން ލިވަޕޫލަށް މާޔޫސްކަން ކުރިމަތިވެފައިވާ އިރު، އެޓީމުގެ ކޯޗު ޔާގަން ކްލޮޕް ބުނީ ސަލާހާ ވާހަކަ ދެކެވުނު ކަމަށެވެ.

ސަލާހުގެ އަނިޔާއާ ގުޅޭގޮތުން މިސްރުގެ އެފްއޭއިން ރޭ ނެރުނު ބަޔާނެއްގައި ބުނީ އެކްސްރޭއިން ދެއްކި ގޮތުގައި އަނިޔާވެފައިވަނީ ސަލާހުގެ ފަލަމަސްގަނޑުގެ ދަށް ފަޅިއަށެވެ. މަސްގަނޑަށް ލިބިފައިވާ އަނިޔާގެ ސަބަބުން ސަލާހަށް ކުރިއަށް އޮތް ދެ މެޗު ގެއްލޭނެ ކަމަށްވެސް މިސްރު އެފްއޭއިން ބުނެފައިވެއެވެ. އެއީ މިސްރުން ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ކޭޕް ވާޑޭއާ ދެކޮޅަށް ކުޅެން އޮތް މުހިންމު މެޗުގެ އިތުރުން، ގަދަ 16 އަށް ގޮސްފިނަމަ އެ މެޗެވެ.

ސަލާހްގެ އަނިޔާގެ ހާލަތުން، އޭނާ ދެން އެފްކޯންގައި ފެންނާނީ މިސްރު ކުއާޓާ ފައިނަލަށް ދަތުރު ކޮށްފިނަމަ އެކަންޏެވެ. ގައުމީ ޓީމަށް ގާތްގަނޑަކަށް 100 މެޗު ކުޅެދީފައިޥާ ސަލާހް ނެތުން ވާނީ މިސްރަށް މާޔޫސް ކަމަކަށެވެ. އެޓީމުން މިފަހަރުގެ އެފްކޯން ގްރޫޕް ސްޓޭޖު ފެށީ އެންމެ ރަނގަޅު ފޯމެއްގައެއް ނޫނެވެ. މިހާތަނަށް ކުޅުނު ދެ މެޗުން ލިބިފައިވަނީ ދެ ޕޮއިންޓެވެ.