އޭޝިއާގެ އެންމެ ޝަރަފުވެރި ފުޓުބޯޅަ މުބާރާތް، އޭޝިއަން ކަޕްގެ ގްރޫޕް ޑީގައި މުބާރާތުގެ ފެވަރިޓުން ކަމަށްވާ ޖަޕާނުގެ މައްޗަށް އިރާގުން ކުރި ހޯދައިފިއެވެ.
ވޯލްޑް ކަޕް 2022 ބޭއްވި ގަތަރުގައި ކުރިއަށްދާ މިފަހަރުގެ އޭޝިއަން ކަޕްގެ ގްރޫޕް ޑީގައި އިއްޔެ ހަވީރު އިރާގުން ޖަޕާން ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މިއަހަރުގެ އޭޝިއަން ކަޕަށް ޓީމުތަކުން ތައްޔާރުވި އިރު، އެންމެ ގިނަ ބައެއްގެ ފެވަރިޓުންގެ ގޮތުގައި ޖަޕާން އޮތް އިރު، ރޭގެ ބައްޔާއެކު އެޓީމަށް ވަނީ ނޮކްއައުޓަށް އިތުރު އިންތިޒާރެއް ކުރަން ޖެހިފައެވެ.
މިހާތަނަށް އިރާގުން ކުޅުނު ދެ މެޗުންވެސް މޮޅުވެ، އެޓީމުން ގަދަ 16 ޔަގީންކުރި އިރު، ފުރަތަމަ މެޗުގައި އިރާގުން ވަނީ އިންޑޮނޭޝިއާ ބަލިކޮށްފައެވެ. އެ ގްރޫޕުގެ ދެވަނައިގައި މިވަގުތު ޖަޕާނު އޮތް އިރު، އިންޑޮނޭޝިއާ ވަނީ ރޭ ވިއެޓްނާމް ކައިރިން 1-0 އިން މޮޅުވެ އުންމީދު އާކޮށްފައެވެ.
ޖަޕާނުން ގްރޫޕް ސްޓޭޖުގައި ކުޅޭ ފަހު މެޗުގައި ނުކުންނާނީ އިންޑޮނޭޝިއާއާ ދެކޮޅަށެވެ.
އިއްޔެގެ މެޗުގައި އިރާގުގެ ދެ ގޯލުވެސް ޖެހީ އައިމަން ހުސައިނެވެ. އެ ދެ ގޯލަކީވެސް ބޮލުން ކާމިޔާބުކުރި ދެ ގޯލެވެ. ގަތަރުގެ އެޑިއުކޭޝަން ސިޓީ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ކުރީކޮޅުގައި އައިމަން އިރާގަށް ފުރަތަމަ ލީޑު ނަގައިދިނީ އަރިމަތިން އައި ހުރަހަކަށް މަސައްކަތްކޮށް، ބޮލުން ގޯލަށް ބޯޅަ ފޮނުވާލައިގެންނެވެ.
ހާފު ނިމުމުގެ ކުރިން އަހުމަދު އަލް-ހައްޖާޖުގެ ހުރަސް ގޯލަށް ފޮނުވާލައި އައިމަން ޖަޕާން ކައިރިން ދެވަނަ ގޯލެއް ޖެހި އިރު، ޖަޕާނުން މެޗުގައި ޖެހި ހަމައެކަނި ގޯލު، އިތުރު ވަގުތުގައި ޖެހީ ލިވަޕޫލަށް ކުޅެމުން އަންނަ އެންޑޯ ވަޓަރެވެ.
މިއީ މިދިޔަ 42 އަހަރު ތެރޭ އިރާގު އަތުން ޖަޕާނުވީ ފުރަތަމަ ބައްޔެވެ. އެ މުއްދަތުގައި ދެ ޓީމު ވަނީ ނުވަ ފަހަރަކު ކުރިމަތިލައިފައެވެ.
އިރާގުގެ އިތުރުން އިރާނާއި އޮސްޓްރޭލިއާ އަދި އެންމެފަހުގެ ޗެމްޕިއަން، ހޯސްޓް ގަތަރުންވެސް މިހާތަނަށް ވަނީ އޭޝިއަން ކަޕްގެ ގަދަ 16 ޔަގީން ކޮށްފައެވެ.
އޭޝިއަން ކަޕް
އޭޝިއަން ކަޕް
އޭޝިއަން ކަޕް