އިޒްރޭލުން ވަނީ ބައިނަލްއަގުވާމީ ގަތުލުއާންމުގެ މުއާހަދާއާ ހިލާފުވެފައި ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
ޔުގަންޑާގެ ކަމްޕާލާގައި ކުރިއަށްދާ ނޮން-އެލައިންޑް މޫވްމަންޓް (ނާމް)ގެ 19 ވަނަ ސަމިޓުގައި ރާއްޖޭގެ ފަރާތުން ތަގުރީރު ކުރައްވަމުން ނައިބު ރައީސް ވިދާޅުވީ އިޒްރޭލުން، ފަލަސްތީނުގެ، ގާޒާގެ އެތައްހާސް ބަޔަކު ޝަހީދުކޮށްލައި ހިންގަމުންދާ ކަންކަމާ ހުރެ ގާޒާގެ ރައްޔިތުންނަށް އިންސާނީ މުސީބާތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.
ފަލަސްތީނުގެ ކުށެއް ނެތް އާންމު ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންގެންދާ އުދުވާންތައް ރާއްޖެއިން ކުށްވެރިކުރާކުރާ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
އެ އުދުވާންތަކަކީ ގަތުލުއާންމުތަކާ ގުޅޭ މުއާހަދާއާ ހިލާފު އުދުވާންތަކެއްކަން ފާހަގަކުރައްވައި، ނައިބު ރައީސް ވަނީ ދެކުނު އެފްރިކާއިން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް އިޒްރޭލުގެ އެ އަމަލުތަކަކީ ގަތުލުއާންމުތަކާ ގުޅޭ މުއާހަދާއާ ހިލާފު އަމަލުތަކެއްކަން ސާބިތުކުރުމަށް މައްސަލަ ހުށަހަޅާފައިވާތީ އެކަމަށް ތައުރީފު ކުރައްވައިފައެވެ.
ނައިބު ރައީސް ވަނީ ގާޒާގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން، ދެމުންގެންދާ ހަމަލާތައް ވަގުތުން ވަގުތަށް ހުއްޓާލުމަށާއި ދާއިމީ ސުލްހަވެރި މަގެއް ހޯދުމަށް ގޮވާލައްވައިފައެވެ. އަދި 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ކަނޑައަޅައި، ފަލަސްތީނަކީ ސިޔާދަތީ އަދި މިނިވަން ދައުލަތެއްގެ ގޮތުގައި ގާއިމުކުރުމަށް ވެސް ނައިބު ރައީސް ވަނީ ގޮވާލައްވައިފައެވެ.
ޔުނައިޓެޑް ނޭޝަންސް (ޔޫއެން)ގެ ސެކިއުރެޓީން ކައުންސިލް އިސްލާހުކުރުން މުހިންމު ކަމަށް ވެސް ނައިބު ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ނައިބު ރައީސް ވިދާޅުވީ ފާގަތި މުސްތަގުބަލެއް ހޯދުމަށްޓަކައި މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައިގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ބާރުއަޅައި ތަރައްގީވަމުން އަންނަ ގައުމުތަކުން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަކީ ވަކި ބައްރަކަށް ކުރިމަތިވެފައިވާ މައްސަލައެއް ނޫން ކަމަށާއި އެކަމުގެ ގެއްލުން އެންމެ ބޮޑަށް ކުރިމަތިލާން ޖެހިފައިވަނީ މަދު ވަސީލަތްތަކެއް ލިބިފައިވާ ތަރައްގީވަމުން އަންނަ ގައުމުތަކަށް ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު