އައިވަރީ ކޯސްޓްގައި ކުރިއަށްދާ އެފްރިކާގެ އެންމެ ޝަރަފުވެރި ފުޓުބޯޅަ މުބާރާތް، އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޯން) ގެ ގްރޫޕް ބީގައި ރޭ ގާނާ އާއި މިސްރު ކުޅުނު މެޗު އެއްވަރު ވެއްޖެއެވެ.

ގާނާއިން ގޯލު ޖަހައި ލީޑު ނެގި މެޗުގައި ފަހަތުން އަރައި މިސްރުން ދެ ފަހަރަށް އެއްވަރު ކުރި އިރު، މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ. މެޗުގައި މިސްރުގެ ތަރި މުހައްމަދު ސަލާހަށް އަނިޔާވެ، ފުރަތަމަ ހާފު ނިމެން ދަނިކޮށް އޭނާ ބަދަލުކުރަން ޖެހިފައިވެއެވެ.

ސަލާހްގެ އަނިޔާގެ ސަބަބުން ލިވަޕޫލަށް މާޔޫސްކަން ކުރިމަތިވެފައިވާ އިރު، އެޓީމުގެ ކޯޗު ޔާގަން ކްލޮޕް ބުނީ ސަލާހާ ވާހަކަ ދެކެވުނު ކަމަށާއި އަނިޔާގެ ތަފްސީލު އަދި ނޭނގޭ ކަމަށެވެ. ސަލާހަށް ލިބިފައިވާ އަނިޔާއާ އެކު އޭނާ މުބާރާތުގައި އިތުރަށް ނުފެނުމުގެ ފުރުސަތު އެބައޮތެވެ.

މެޗުގެ ފުރަތަމަ ހާފު ނިމެން ދަނިކޮށް ގާނާއިން ލީޑު ނެގީ މުހައްމަދު ކުޑޫސް އޭރިއާ ބޭރުން ޖެހި ރީތި ގޯލަކުންނެވެ. ދެވަނަ ހާފަށް ނުކުމެ، މިސްރުގެ އޮމަރު މަރްމޫޝް ޖެހި ގޯލުން މެޗު އެއްވަރުވި ނަމަވެސް، އޭގެ އިރުކޮޅެއް ފަހުން ކުޑޫސް ވަނީ ދެވަނަ ގޯލު ޖަހައި އަނެއްކާވެސް މެޗުގެ ލީޑު ނަގައިފައެވެ.

އެ ގޯލާއާ އެކު ގާނާއިން ލީޑު ނަގައިގެން މެޗު ނިންމާލަން ދަނިކޮށް، މުސްތަފާ މުހައްމަދު ޖެހި ގޯލުން މިސްރު އަނެއްކާ ވެސް ނަތީޖާ ހަމަހަމަ ކުރިއެވެ.

ގާނާ މިހާތަނަށް މިއަހަރުގެ އެފްކޯންގައި މޮޅުވެފައި ނުވާ އިރު، އެޓީމަށް އަދި ލިބިފައި ވަނީ އެންމެ ޕޮއިންޓެކެވެ.

ރޭ ގްރޫޕް އޭގައި ނައިޖީރިއާ އާއި އައިވަރީ ކޯސްޓް ކުޅުނު މެޗުން ނައިޖީރިއާ 1-0 އިން މޮޅުވި އިރު، އެ ގްރޫޕުގައި އިކުއެޓޯރިއަލް ގީނީ ވަނީ 4-2 އިން ގީނީ ބިސާއޫ ބަލިކޮށްފައެވެ.