(16 ޖެނުއަރީގެ އަދަދާ ގުޅޭ)
އިސްލާމްދީނުގެ ދުޝްމިނުންގެ ޕްރޮޕެގެންޑާތަކަށް އިސްވެދިޔަ މާތް އާޔަތުގައި ޖަވާބު ދެއްވައިފައިވަނީ މުސްލިމުންގެ މި ޝުޢޫރުތަކުގެ ނުހަނު މަތީދަރަޖަޔަކަށް ރިޢާޔަތްކުރެއްވުމާ އެކުގައެވެ. ބަޔާންކުރައްވައިފައި އެވަނީ ޚުދު މައްކާގެ މުޝްރިކުންނަކީ މާތް اللّــــه ގެ މަގުން މީސްތަކުން އެއްކިބާކުރާ ބަޔަކުކަމުގައެވެ. މީސްތަކުން މާތް اللّــــه އަށް ކާފަރުކުރުވާން ގަދައަޅައި މަސައްކަތްކުރާ ބަޔަކު ކަމުގައެވެ. މާތް اللّــــه ގެ ޙަރަމަށް ޒިޔާރަތްކުރާ މީހުން ހުއްޓުވައި ޒާއިރުންގެ މަގުބަންދުކުރާ ބަޔަކު ކަމުގައެވެ. ޙަރަމްފުޅުގެ އަހުލުވެރީންނަށް ދަތިކޮށް އުނދަގޫކޮށް ޙަރަމްފުޅުގެ ސަރަޙައްދުން ނެރުމުގެ ކުށްވެރީން ކަމުގައެވެ. އެފަދަ ބަޔަކު ޙުރުމަތްތެރި މައްސަރުތަކޭ ގޮވަމުން މިހާރު މައިދާނަށް ނުކުމެގެން މިއުޅެނީ ކޮންހައިސިއްޔަތެއް އޮވެގެންތޯއެވެ. މި މާތް އާޔަތުގައި ޔަހޫދީންނާއި މުނާފިޤުންނާ މުޚާޠަބުކުރެއްވުންވެސް ހިމެނެއެވެ. މައްކާގެ މުޝްރިކުން ބަޔާންވެދިޔަ ހުރިހައި އަނިޔާތަކެއްކޮށް އިސްލާމީ ޝަޢާއިރުތަކުގެ ޙުރުމަތް ކަނޑަމުން ގެންދިޔައިރު ޔަހޫދީން ތިބީ ތައްބައްދައިގެންކަން ހަނދާންކޮށްދެއްވައިފައެވެ. އަދިވެސް އެކަން އިޙްސާސު ނުވަނީތޯ ސުވާލު ކުރައްވައިފައެވެ.
ތާރީޚުގެ މޫނުބަލާ ލޯގަނޑުން މި ހާދިސާއަށް ބަލައިލާއިރު މި ހާދިސާ ފުޅާކޮށް ބޮޑުކޮށް ހުތުރު ސިފައެއްގައި މީހުންގެ ކުރިމައްޗަށް ހުށަހެޅުމަކީވެސް ޔަހޫދީން ކުޅުނު ޑްރާމާއެކެވެ. އެވެރީން ތިބެނީ މުސްލިމުންގެ ހުރިހައި ޙަރަކާތްތަކަކަށް ފާރަވެރިވެ ދުރުމީގެ ލޮލަކުން ބަލަބަލައެވެ. ކުޑަކުޑަ ކުށެއް ނުވަތަ ފަރުވާކުޑަކޮށްލެވުމެއްވެސް ފެނޭތޯ ބަލަބަލައެވެ. ކުޑަކުޑަ ބާކޮޅެއް ނުވަތަ ހިމަހިމަ ރެނދެއްވިޔަސް ފެނޭތޯ ބަލަބަލައެވެ. އެތަނެއް މާސިންގާ ބާގަނޑަކަށް ހަދައިލައިގެން އިސްލާމީ ތަޙްރީކަށް ޙަމަލަތައް އަމާޒުކުރުމަށްޓަކައެވެ. އެކަމެއް އެވެރީންގެ ޙާޝިޔާއަށް ހަވަރުފެންފޮޅިޔަށް އަޅައިލުމަށްޓަކައެވެ.
ދިމާވާ ކުދިކުދި އިއްތިފާޤީ ކަންކަން ނުބައި ވިސްނުމުގައި ފުޅާކޮށް ބޮޑުކޮށް މީހުންގެ ހިތްނުބައިކުރުވަން އެކަންކަން ފަތުރަމުންދާ ޖައްވެއްގައި މަސައްކަތްކުރުމަކީ ކިހައި އުނދަގޫކަމެއްކަން އެއްވެސް ބޭފުޅަކަށް ވަންހަނާވެވަޑައެއް ނުގަންނަވާނެއެވެ. ކުޑަކުޑަ އިސްލާމީ ދައުލަތުގެ ވަށައިގެން އޭރު ހައްތާވެސް ތިބީ ދުޝްމިނުންނެވެ. އެހެންކަމުން އިސްލާމީ ތަޙްރީކުގެ ޤާއިދަށާއި އެ ތަޙްރީކުގެ މެންބަރުންނަށް އިންޤިލާބީ މަސައްކަތްޕުޅުތަކެއް ކުރައްވަން ދަތިފުޅުވާނެވަރުއޮތީ ހީކޮށްލުމެވެ. ދުޝްމިނުން އުފައްދާ ޝައްކުތަކާއި ވަސްވާސްތަކާއި ކުރާ އިޢުތިރާޟުތަކުގެ ފުނިވަރު ގިނަކުރަމުން ގެންދިޔައީ ވާރޭ މޫސުމުގައި ތެތްބިމުގައި ކިލާފަނި އާލާވާ ގޮތަށެވެ. އެކަމަކު ފަނިފަކުސައިގެ ޙަރަކާތް ގިނަވުމަކީ މަތިވެރި މަޤްޞަދެއްގައި ޙަރަކާތްތެރިވާ ތަޙްރީކެއްގެ ފަތަޙައިގެ ފިޔަވަޅުތައް ހުއްޓުވުމުގައި ކާމިޔާބުވެފައިވާ ކަމެއްނޫނެވެ.
ކުރީންވެސް ދަންނަވައިފައިވާ އިސްލާމްދީނުގެ ނަބިއްޔާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ތަންފީޒުކުރެއްވި ކޮންމެ އިޞްލާޙަކީވެސް ޔަހޫދީ މައުލަވީންނާއި މުފުތީން ހަމަތަކާއި ހަމަވިސްނުމާ ޚިލާފަށް އިޢުތިރާޟުގެ ފުނިވަރުތައް ބަންޑުންކޮށްލި އިޞްލާޙެކެވެ. މިފަދަ އިޞްލާޙުތަކުގެ ތެރެއިން ޔަހޫދީ މުފުތީން އުޑު ބޮލަށްލައިގެން ތެދުވި އެއް އިޞްލާޙަކީ މުތަބަންނީކުރުމާއި (އަނެކެއްގެ ދަރިޔަކު ތިމާގެ އުފަން ދަރިޔަކަށް ހެދުން) އެފަދަ ދަރީންގެ މަޤާމާއި ޙައްޤުތަކާ ބެހޭގޮތުން އިސްލާމްދީނުގައި ތަންފީޒުކުރެވުނު އިޞްލާޙުތަކެވެ. އެ އިޞްލާޙުތަކާ ގުޅޭގޮތުންވެސް ޔަހޫދީން އިޢުތިރާޟުތަކާއި ދެކޮޅުވެރިކަމުގެ ޕްރޮޕެގެންޑާތައް އުފައްދައިލީ ފަތުންފަތްފަޅާ ގަސްތަކެއް ފަޅައިގެން ހެދިގަންނަގޮތަށެވެ. ނުވަތަ ކިއްސަރާޅި ގަހަކުން ވަކި ނުކުންނަ ގޮތަށެވެ. (ކިއްސަރާޅި ގެހެކި ވަކިއެޑުން މ(ޏ) ގަހަކުން އާދަޔާ ޚިލާފަށް މާގިނައިން ވަކިނުކުތުން)
ދުނިޔޭގެ ވަރަށްގިނަ ޤައުމުތަކުގައި ދުރުހިލޭ މީހުން ދަރިންކަމުގައި ހެދުމުގެ އާދަ ޢާންމުވެފައި އޮތެވެ. ޢަރަބީންގެ ތެރޭގައި އެ މުސްކުޅި އާދަ އޮތީ އިޖުތިމާޢީ އަދި ދީނީ ސަނަދެއް ލިބިފައި އޮތްކަމެއްގެ ގޮތުގައެވެ. އެހެންކަމުން، އަރަހުށި މާތް اللّــــه މިންވަރު ކުރެއްވީ މިބާވަތުގެ ޖާހިލީ އެތައް ރަސްމުތަކެކޭ އެއްގޮތަށް، ދުރުހިލޭ މީހުން ޙަޤީޤީ ދަރީންކަމުގައި ހަދައި، ޝަރުޢީގޮތުން އުފަން ދަރިންނަށް ލިބިގެންވާ ލޭގެ ގުޅުމުގެ ޝަރުޢީ އަދި ޤާނޫނީ ޙައްޤު، ދުރުހިލޭ މީހުންނަށް ދިނުމުގެ އާދަވެސް އުވާލެއްވުމަށެވެ. އަނބީންނަށް ޡިހާރު ކުރުމުގެ އާދަވެސް އުވާލެއްވި ފަދައިންނެވެ. އެހެންމީހުންގެ ދަރީން ތިމާގެ އުފަން ދަރީންކަމުގައި ހެދުމުގެ ޖާހިލީ ރަސްމު އުވާލެއްވުމަށްޓަކައި، އަރަހުށި މާތް اللّــــه ޚިޔާރު ކުރެއްވީ ޚުދު އިސްލާމްދީނުގެ ނަބިއްޔާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ދަރިކަލަކަށް ހައްދަވައިފައިވާ زيـــد بـــن حــــارثـــــه رضـــــى اللّــــه عــنــــه ގެ ތަބްނިއްޔަތު އުވާލެއްވުމެވެ.
ޡިހާރުކުރުމާއި މުތަބަންނީ ކުރުމުގެ އާދަ އުވާލެއްވުމުގެގޮތުން، ކީރިތި ޤުރްއާނުގައި ވަޙީކުރައްވައިފައިވެއެވެ.
"އެއްވެސް މީހަކަށް، އެމީހެއްގެ އެތެރެހަށީގައި، اللّــــه ދެހިތެއް ނުލައްވައެވެ. އަދި ތިޔަބައިމީހުންގެ އަނބީންގެ ތެރެއިން ތިޔަބައިމީހުން ޡިހާރުކުރާ (އެބަހީ: މަޔަކާ ހަމަކުރާ) އަނބީންނަކީ، ތިޔަބައިމީހުންގެ މައިންކަމުގައިވެސް ނުލައްވަތެވެ. އަދި ތިޔަބައިމީހުންގެ ދަރީންކަމުގައި ހަދައިގެންއުޅޭ ދަރީންނަކީ، ތިޔަބައިމީހުންގެ ދަރީން ކަމުގައިވެސް ނުލައްވަތެވެ. އެއީ ތިޔަބައިމީހުންގެ އަނގަތަކުން ބުނާ ބުނުމެކެވެ. އަދި اللّــــه ޙައްޤު ބަސްފުޅު ވަޙީކުރައްވަތެވެ. އަދި އެކަލާނގެ ތެދުމަގަށް މަގު ދައްކަވަތެވެ. އެ ދަރީން އެއުރެންގެ ބަފައިންނަށް ނިސްބަތްކުރާށެވެ! އެގޮތް اللّــــه ގެ ޙަޟުރަތުގައި ޢަދުލުވެރިކަން ބޮޑެވެ. އެ ދަރީންގެ ބަފައިން ތިޔަބައިމީހުންނަށް ނޭނގޭނަމަ، ފަހެ، އެއީ ދީނުގެ ފަރާތުން ތިޔަބައިމީހުންގެ އަޚުންނެވެ. އަދި ތިޔަބައިމީހުންގެ އެހީތެރީންނެވެ. އަދި ތިޔަބައިމީހުންނަށް ނޭނގިގެން (ކުށުން) ކުރެވުނުކަމެއްގެ ފާފައެއް ތިޔަބައިމީހުންގެ މައްޗަކަށް ނެތެވެ. އެހެނެއްކަމަކު، ފާފަވެރިކަން އޮންނާނީ، ތިޔަބައިމީހުންގެ ހިތްތައް ޤަޞްދުކުޅަ ކަމަކާ މެދުގައެވެ." (ســــورة الأحـــــزاب: 4، 5)
މި އާޔަތުގެ ޞަރީޙު އަމުރުފުޅާ ވިދިގެން، ޢަރަބީންގެ މެދުން އެކަން ފޮހެލެއްވުމަށްޓަކައި އިސްލާމްދީނުގެ ނަބިއްޔާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އާ އެކަލޭގެފާނު ދަރިކަލަކަށް ހައްދަވައިފައިވާ زيـــد بـــن حـــارثــــة رضـــــى اللّــــه عــنــــه ވަރިކުރެއްވި السّــيّــدة زيـنـب رضـــى الـلّــه عــنـــهـــا އާ ސީދާ ހަތް އުޑުގެ މަތީން ކާވެނިކޮށްދެއްވިއެވެ.
ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އާއި، أمّ المــؤمــنـــيـــن السّــيّــدة زيـنـب بـنت جحش رضـــى الـلّــه عــنـــهـــا ގެ ކާވެނިފުޅު އިސްލާމްދީނުގެ ޢަދުއްވުން ހަދައިފައިވަނީ ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ ރީތި ނަންފުޅު ހުތުރުކުރުމުގެ ޒަރީޢާއަކަށެވެ. ޚާއްޞަކޮށް އޮރިއެންޓަލިސްޓުން ވަނީ އެ ހާދިސާއަށް ހަބަރާއި، ލޮނާއި، މިރުސް އަޅައި އެބައިމީހުން ބޭނުން ރަހައެއް ލައްވައިފައެވެ. އިސްލާމްދީނުގެ ނަބިއްޔާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ ޢިއްފަތްތެރިކަމާއި، އިޞްމަތްތެރިކަމުގެ ދާވަނިކޮޅުގައި ލައްޖެއްސުމަށް އެ ހާދިސާގެ ބޭނުންކޮށްފައެވެ.
ހ. މަދީނާގެ މުނާފިޤުންނާއި ޔަހޫދީން ފަތުރައިފައިވާ ދޮގު ވާހަކަތަކުން ވަނދުހޮވައިގެން، ހުޅަނގުގެ ހިތާއި ނަފްސު ކަޅުވެފައިވާ އޮރިއެންޓަލިސްޓުން ކިޔާ ފުލޯކު ވާހަކައިގައިވާގޮތުން، "محـمّــد ގެފާނު (صـلّـــــى اللّــــه عــلـيــــه وسـلّـــــم) އެކަލޭގެފާނު މިނިވަންކުރެއްވި زيـــد بـــن حـــارثــــة ގެ ގެއަށް އޭނާ ގޭގައި ނެތިސް އެއްދުވަހަކު ވެދެވަޑައިގެންނެވިއެވެ. زيـــد ގެ އަނބިކަނބަލުން زيـنـب بـنت جحش ފެނިވަޑައިގެންފައި ވިދާޅުވިއެވެ. سبحــان اللّــــه އެވެ! ހާދަ ރީތި އަންހެނެކެވެ! އެކަމަނާ ފެނިވަޑައިގަތުމުން محـمّــد ގެފާނު އެކަމަނާދެކެ މޮޔަފުޅުވެއްޖެއެވެ. زيـــد އަށް އެކަން އެނގިވަޑައިގަތުމުން،
އޭނާ އެކަމަނާ ވަރިކޮށްލެއްވިއެވެ. محـمّــد ގެފާނު އެކަމަނާއާ ކާވެނިބައްލަވައިގެންނެވިއެވެ."
(نــعــــوذ بـــاللّــــه)
މިވާހަކަޔަކީ ފުލެއް ބިތެއް މައްޗެއްނެތް ވާހަކައެކެވެ. ކަނޑައެޅިގެންހުރި ދޮގު ވާހަކައެކެވެ. މިވާހަކައިގެ އެއްވެސް ހެތްކެއް، އަދި ޤަރީނާއެއްވެސް ނެތެވެ. މުފައްސިރުންގެ ޖުމްހޫރުން ވަނީ މިއީ ދޮގުވާހަކައެއްކަމަށް އިއްތިފާޤު ވެވަޑައިގެންފައެވެ. މިވާހަކައިން އެނގެނީ، އޮރިއެންޓަލިސްޓުންގެ ނުބައި ނުލަފާކަމެވެ. ދޮގުވެރިކަމެވެ. މިވާހަކައިގެ ހެތްކެއް އަދި ސަނަދެއްވެސް ނެތުމުގެ އިތުރަށް، މިވާހަކައަކީ ސަލާމަތް ބުއްދިއާވެސް ޚިލާފު ވާހަކައެކެވެ. السّــيّــدة زيـنـب އަކީ އިތުރު ސާހިބާއަށް އެއްދުވަހަކު އިއްތިފާޤީ ހާދިސާއަކުން އަލަށް ފެނިވަޑައިގެންނެވި ބޭކަނބަލެއް ނޫނެވެ. އެކަމަނާއަކީ ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ ބޮޑުދައިތާފުޅު أمـيمــة بـنت عــبــد المـطّـلـــب ގެ ދަރިކަނބަލެކެވެ. އެކަމަނާ ހޭމައާ ކުޅުއްވައި އުޅުއްވީވެސް، ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ ކުރިފުޅުމަތީގައެވެ. ފަރުދާގެ އާޔަތް ބާވައިލެއްވީ، އިތުރު ސާހިބާއާއި السّــيّــدة زيـنـب ގެ ކާވެނިފުޅުގެ ވަލީމާގެ ތެރޭގައެވެ. އެހެންކަމުން، السّــيّــدة زيـنـب رضـــى الـلّــه عــنـــهـــا ބޮޑުފުޅުވެ، ޒުވާންވެވަޑައިގަތީ ކައުސާހިބާގެ ލޯފުޅުމަތީގައެވެ. އެކަމަނާ زيـــد بـــن حـــارثــــة رضـــــى اللّــــه عــنــــه އާ ކާވެނިބެއްލެވީވެސް ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެކަމަށް ބާރުއަޅުއްވައިގެންނެވެ. ކަންމިހެން ހުރިއިރު، އިތުރު ސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެކަމަނާގެ ރީތިފުޅުކަމާހުރެ އެކަމަނާއާ ހިތްޕުޅާހަމަކުރައްވައިގެން ކާވެނިބައްލަވައިގެންނެވިނަމަ، ކާވެނިބައްލަވައިގަންނަވާނީ އެކަމަނާގެ އުމުރުފުޅުން 36 އަހަރުފުޅު ފުރި، ޢަރަބިކަރައިގެ ހޫނު ވެށީގައި އަންހެނުންގެ ރީތިކަން މެދުންލަނބައިލާ އުމުރުފުޅަށް އައުމަކުން ނޫނެވެ. އިތުރު ސާހިބާ އަމިއްލަފުޅަށް އެކަމަނާއަށް ބާރުއަޅުއްވައިގެން މީހަކާ ކާވެނިކޮށްދެއްވައި، އެކަމަނާގެ ފިރިކަލުން އެކަމަނާ ވަރިކުރެއްވުމަށްފަހަކު ނޫނެވެ.
(ނުނިމޭ)
ދީން
ދީން
ދީން
ދީން