ކައުންސިލުގެ އިހުތިސާސުން ބޭރުގައި ހިމެނޭ ފަޅު ރަށްތައް ކައުންސިލުތަކަށް ލިބޭ ގޮތް ހަދައިފިއެވެ.
ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީން މިއަދު ވަނީ "މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގުތިސޯދީ ބޭނުންތައް ފިޔަވައި އެ ނޫން ބޭނުންތަކަށް ފަޅު ރަށްރަށް ދޫކުރުމާ ބެހޭ ގަވާއިދު" ގެޒެޓުކޮށްފައެވެ. މިއަދުން ފެށިގެން އެއް މަސް ދުވަސް ހަމަވާ ތާރީހުން ފެށިގެން އެ ގަވާއިދަށް އަމަލުކުރަން ފަށަން ޖެހެއެވެ.
އެ ގަވާއިދުގައިވާ ގޮތުން ކައުންސިލުގެ އިހުތިސާސުން ބޭރުގައި ހިމެނޭ ފަޅު ރަށްތައް އާންމު ފައިދާއަށްޓަކައި ކައުންސިލުތަކަށް ދިނުމުގެ ބާރު ސަރުކާރަށް ލިބިގެންވެއެވެ. ކައުންސިލުތައް ނޫން އަމިއްލަ ފަރާތްތަކަށް ވެސް އެގޮތަށް ފަޅު ރަށްތައް ދޫކުރެވޭނެއެވެ. ކައުންސިލުތަކަށް ފަޅު ރަށްތައް ދޫކުރަންވާނީ ޕްރޮޕޯސަލް ހުށަހެޅުމުން، އެ ޕްރޮޕޯސަލް ވަޒަންކުރުމަށް ފަހުގައި ކަމަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.
ކައުންސިލުތަކަށް އިހުތިސާސުން ބޭރުގައި ހިމެނޭ ރަށްތައް ދޫކުރާނެ ފަރާތެއް ކަނޑައަޅަންވާނީ ސިޓީސް، ލޯކަލް ގަވަނަންސް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީން ކަމަށް ގަވާއިދު ވަނީ ބަޔާންކޮށްފައެވެ. އެ މިނިސްޓްރީ މެދެވެރިކޮށް، ކައުންސިލުތަކަށް ދޫކުރާނެ ރަށްތަށް ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ގަވާއިދުގައިވެއެވެ.
ރަށެއް ހޯދުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ކުރިން؛ ރަށުގެ ރައްޔިތުންނާ މަޝްވަރާކޮށް ރައްޔިތުންގެ ބައްދަލުވުމަކުން ޕްރޮޕޯސަލް ފާސްކުރަންޖެހެއެވެ. އަދި އެ ރަށެއްގައި ކުރަން ނިންމާ ބޭނުމަކަށް ކައުންސިލަށް ރަށް ދޫކުރުމާ ގުޅޭގޮތުން، އެ އަތޮޅެއްގެ އަތޮޅު ކައުންސިލުގެ ހުއްދަ ހޯދަންޖެހެއެވެ.
ގަވާއިދުގެ ދަށުން ކައުންސިލަކުން ފަޅު ރަށެއް ހޯދުމަށް ހުށަހަޅާ ތަފްސީލު ރިޕޯޓުގައި ކުއްޔާބެހޭ ބައި ނުހިމަނާ ހުށަހެޅިދާނެއެވެ. އަދި އެގޮތަށް ހުށަހަޅާ ހުށަހެޅުންތަކާ ގުޅިގެން ދޫކުރެވޭ ފަޅުރަށް ކުއްޔަކާ ނުލައި ދޫކުރެވިދާނެ ކަމަށް ގަވާއިދުގައި ބުނެއެވެ. ކައުންސިލުތަކުން ރަށެއް ހޯދުމަށް ހުށަހެޅޭނީ އެ ކައުންސިލެއް ނިސްބަތްވާ އިދާރީ ދާއިރާއެއްގައި ހިމެނޭ ފަޅުރަށަކަށެވެ. ނަމަވެސް އެ އަތޮޅުގައި ރަށެއް ނެތް ނަމަ، އެހެން އަތޮޅަކަށް ނިސްބަތްވާ ރަށެއް ހޯދުމުގެ ފުރުސަތު އޮވޮއެވެ. އެ ދެ ހާލަތުގައިވެސް، އެ އިދާރީ ދާއިރާގެ އަތޮޅު ކައުންސިލުގެ ހުއްދަ، ލިޔުމުން ހޯދަންޖެހެއެވެ.
ކައުންސިލުތަކުން ތަފްސީލު ރިޕޯޓު ހުށަހަޅާ އިރު، އެއް ކައުންސިލަކަށްވުރެ ގިނަ ކައުންސިލަކުން ގުޅިފައިވާ ހުށަހެޅުމެއްގެ ތެރެއިންވެސް ރަށެއް ހޯދުމުގެ ފުރުސަތު އޮވެއެވެ. ކައުންސިލުތަކަށް ފަޅުރަށްރަށް ދޫކުރުމަށް ހަމަޖެހިފައިވަނީ މީލާދީ ދިހަ އަހަރުދުވަހުގެ މުއްދަތަކަށެވެ. އެ ގަވާއިދުގެ ދަށުން ކައުންސިލަކަށް ދޫކޮށްފައިވާ ރަށުގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމަށް ވަކި މިންގަނޑުތަކެއް ވެސް ހިފަހައްޓަން ޖެހެއެވެ.
ފަޅު ރަށްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ލިބެނީ ސަރުކާރުން ކަނޑައަޅައި އިއުލާނުކޮށްފައިވާ ރަށްތަކަކަށެވެ. އެ ރަށްތައް ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
- ގަސް ހެއްދުން ނުވަތަ ކާބޯތަކެތި ހެއްދުން
- ތަކެތި ގުދަންކުރުން
- ކުކުޅާއި ގެރިބަކަރި ފަދަ ތަކެތި ގެންގުޅުން
- ދޫނި ގެންގުޅުން
- މަސްކައްކައި ހިއްކުން
- ލޮނުމަހުގެ މަސައްކަތް ކުރުން
- ފަރުދީ ފެންވަރުގައި ހުއިފިލަނޑާ ކައްކައި ހިއްކުން
- އެކުއަކަލްޗާގެ މަސައްކަތް ކުރުން
- ފާނަކޮށިއެޅުމާއި ފާނައިގެ މަސްވެރިކަން ކުރުން
- ދިރޭމަސް ގެންގުޅުން
- އޮޑިދޯނިފަހަރު ބަނުމުގެ މަސައްކަތް ކުރުން
- ފައިބަރުގެ މަސައްކަތް ކުރުން
- ވަޑާމުގެ މަސައްކަތް ކުރުން
- ވޯކްޝޮޕް ހެދުން
- އެޅިގަލުގެ މަސައްކަތް ކުރުން
- ދަތުރުދިޔުމާއި މޫދުކުޅިވަރުގެ ހިދުމަތް ދިނުން
- ލުއި ބުއިން ނުވަތަ ލުއި ކެއުން ތައްޔާރުކޮށް ވިއްކުން
ޚަބަރު
ޚަބަރު
ޚަބަރު