އަަވަށްޓެރި އިންޑިއާއަކީ ރާއްޖޭގެ ރަހުމަތްތެރި ގައުމެއް ކަމަށާއި އެ ގައުމަށް އިހުތިރާމު ނުކުރާނަމަ ގެއްލުންވާނީ ރާއްޖެއަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝިީދު ވިދާޅުވެއްޖެއެވެ.

އިނގިރޭސި ބަހުން އެކްސްގައި ނަޝީދު މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޒަމާނުއްސުރެ ދިވެހިން އަމިއްލަ ވެރިކަމެއް ހާސިލްކޮށްފައިވަނީ ދިވެހީންނަކީ ހަރުދަނާ އަދި ސްޓްރެޓެޖިކް ބަޔަކަށްވާތީ ކަމަށާއި ގަދަބާރުގެ ސަބަބުން ނޫން ކަމަށެވެ.

"އަޅުގަނޑުމެންގެ ލީޑަރުންގެ ދުރުވިސްނުމެއް ނެތް ނަމަ، އަދި އެބޭފުޅުންގެ ބުރަކަށީގައި ތަޅަމުން ދާނަމަ، ރާއްޖެއަށް ގެއްލުންވާނެ. އިންޑިއާއަކީ އަޅުގަނޑުމެންގެ އަވަށްޓެރި އަދި ރަހުމަތްތެރިއެކެވެ. ކޮންމެ ވަގުތެއްގައިވެސް އިންޑިއަށް އިހުތިރާމް ލިބެން ޖެހޭނެ،" ނަޝީދު ވިދާޅުވިއެވެ.

މި ސަރުކާރު އައި ފަހުން އިންޑިއާ އާއި ރާއްޖޭގެ ގުޅުން މިވަނީ ހީނަރުވެފައެވެ. އެގޮތުން ދެ ގައުމުގެ ފަތުރުވެރިކަން އިޝްތިހާރުކުރުމުގެ ވާދަވެރިކަން އިތުރުވެފައިވާ އިރު އިންޑިއާއިން ގެންދަނީ ރާއްޖެ "ބޮއިކޮޓް" ކުރަން ގޮވާލައި ކެންޕެއިނެއްވެސް ކުރިއަށްގެންދަމުންނެވެ.

މީގެ އިތުރުން މީގެ ކުރިން ހަމައެކަނި އިންޑިއާއަށް ބަރޯސާވި ބައެއް ކަންކަން މި ސަރުކާރުން ވަނީ ބަދަލުކުރަން ފަށައިފައެވެ. އޭގެ ތެރޭގައި އާސަންދަ ހިމެނެއެވެ.