ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ ސަރުކާރު ބަންދު ނޫން ދުވަހެއް ކަމަށް ކަނޑައަޅައިފިއެވެ.
މަޖިލިސް ހުޅުވާ ދުވަހަކީ މީގެ ކުރިން ބަންދު ދުވަހަކެވެ.
ރައީސް އޮފީހުން މިއަދު ބުނީ ރިޔާސީ ބަޔާން އިއްވާ ދުވަހަކީ މީގެ ފަހުން ސަރުކާރު ބަންދު ނޫން ދުވަހެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށެވެ. އަދި މިޔާއެކު، ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް 2019 އަހަރު ކަނޑައަޅާފައި އޮތް އޮތުން ބާތިލުކުރައްވާފައިވާ ކަމަށް ބުންޏެވެ.
މި އަހަރު އެ ޖަލްސާ ބާންވާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ ހެނދުނު 9:00ގައެވެ.
އަންނަ މަހުގެ ފަސް ވަނަ ދުވަހު ބާއްވާ މަޖިލިސް ހުޅުވުމުގެ ޖަލްސާގެ ރިޔާސީ ބަޔާން ވެގެންދާނީ މިދިޔަ ނޮވެމްބަރު މަހު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ރައީސް މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާނަށެވެ.
ގާނޫނު އަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ކޮންމެ އަހަރަކުވެސް ރައްޔިތުންގެ މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަން ޖެހެއެވެ. ކޮންމެ އަހަރަކުވެސް ރިޔާސީ ބަޔާން އިއްވަނީ ރައްޔިތުންގެ މަޖިލިސް ފަށާ ޖަލްސާގައެވެ.
ގާނޫނު އަސާސީގައިވާ ގޮތުން ރިޔާސީ ބަޔާނަކީ ގައުމެއްގެ ހާލަތު ބަޔާންކޮށްދީ އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަން ޖެހޭ ކަމަށް ރައީސަށް ފެނިވަޑައިގަންނަވާ ކަންކަމުގެ މައްޗަށް އެކުލެވޭ ބަޔާނެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު