އައިވަރީ ކޯސްޓްގައި ކުރިއަށްދާ އެފްރިކާގެ އެންމެ ޝަރަފުވެރި ފުޓުބޯޅަ މުބާރާތް، އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޯން)ގެ ގްރޫޕް އެފްގައި މޮރޮކޯއިން ކުޅުނު ފުރަތަމަ މެޗުގައި ޓަންޒޭނިއާ ކައިރިން ބޮޑު މޮޅެއް ހޯދައިފިއެވެ.
ގަތަރުގައި 2022 ވަނަ އަހަރު ބޭއްވި ފީފާ ވޯލްޑް ކަޕްގައި މުޅި ދުނިޔެ ހައިރާން ކޮށްލައި، އެފްރިކާގެ ތާރީހު ލިޔެލި މޮރޮކޯއަކީ މުބާރާތުގެ އެއް ފެވަރިޓުންގެ ގޮތުގައި ގުނާ ގައުމެކެވެ. އެގައުމުގެ ފެށުމަށް ބޮޑު އިންތިޒާރެއްވެސް ކުރެވިފައި އޮތް އިރު، ރޭގެ މެޗުގައި ޓަންޒޭނިއާ ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ.
މެޗު ރަނގަޅަށް ފެށި މޮރޮކޯއިން ވަނީ މެޗުގެ 30 ވަނަ މިނެޓުގައި ލީޑު ނަގައިފައެވެ. ހަކީމް ޒިޔެޗްގެ ހިތްގައިމު ހިލޭ ޖެހުމެއް ކީޕަރު މަތަކޮށް ބޭރުކޮށްލި ނަމަވެސް، ރީބައުންސްގައި އަރައި ޑިފެންޑަރު ރޮމައިން ސައިސް ވަނީ ބޯޅަ ގޯލަށް ވައްދާލައިފައެވެ.
ތާރީހުގައި ތިންވަނަ ފަހަރަށް އެފްކޯންގައި ކުޅެމުން އަންނަ ޓަންޒޭނިއާއަށް މެޗަށް ވަންނަން އުނދަގޫތަކަކާ ކުރިމަތިވި އިރު، މޮރޮކޯގެ ގޯލްކީޕަރު ޔަސީން ބޮނޫއަށް މާ ބޮޑު ނުރައްކަލެއް މެޗުގައި ކުރިމަތިވެފައެއް ނުވެއެވެ. މޮރޮކޯއަށް މެޗުން މޮޅުވާން ފަސޭހަވީ ޓަންޒޭނިއާގެ ނޮވަޓަސް މިރޯޝީއަށް މެޗުގެ 70 ވަނަ މިނެޓުގައި ދެއްކި ރަތް ކާޑާއެކުގައެވެ.
އޭގެފަހުން މޮރޮކޯއިން ދެ ގޯލު ޖެހި އިރު، އެ ގޯލުތައް ޖެހީ އައްޒެދީން އުނާހީ އާއި ޔޫސުފް އައް ނަސޭރީއެވެ. ނަސޭރީ ޖެހި ގޯލަށް އެސިސްޓް ކޮށްދިނީ އަޝްރަފް ހަކީމީއެވެ.
މޮރޮކޯއިން 1976 ވަނަ އަހަރަށްފަހު އެފްކޯން ހޯދުމަށް މަސައްކަތް ކުރަމުންދާ އިރު، އެޓީމަށް ފެށުން ރަނގަޅުވެ، އުންމީދު ވަނީ ބޮޑުވެފައެވެ.
އެފްކޯން
އެފްކޯން
އެފްކޯން
އެފްކޯން