ސީރިއާގެ ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަށް އެ ގައުމަށް ގޮސް އުޅެނިކޮށް ހާލުގައި ޖެހިފައިވާ ދިވެހިންތަކެއް ރާއްޖެ ގެނައުމަށް ޗާޓަރު ފުލައިޓެއް ދިވެހި ސަރުކާރުން ތުރުކީއަށް ފޮނުވައިފިއެވެ.
ސަރުކާރުގެ އިސް އޮފިޝަލަކު "ވަން"އަށް ވަނީ އެކަން ކަށަވަރަރުކޮށްދެއްވައިފައެވެ. އޭނާ ވިދާޅުވީ، އެ މީހުން ގެނައުމަށް ތުރުކީއަށް ފޮނުވާފައިވާ ފުލައިޓަކީ، އެކަން ކޮށްދޭން އެންމެ ހެޔޮ އަގު ހުށަހެޅި، ރާއްޖޭގައި ހިންގާ އަމިއްލަ އެއާލައިނެއްގެ ފުލައިޓެއް ކަމަށެވެ.
އޮފިޝަލް ވިދާޅުވީ، ރާއްޖެ ގެންނަން ހަމަޖެހިފައިވާ މީހުންނަކީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފަހުދުވަސްކޮޅު ސީރީއާގެ ރެފިއުޖީ ކޭމްޕެއްގައި ތިބި ދިވެހި ފިރިހެނަކާއި އަންހެނުންތަކަކާއި އެ މީހުންގެ ދަރިން ހިމެނޭގޮތުން ވިއްސަކަށް މީހުން ކަމަށެވެ. އެމީހުން ރާއްޖެ ގެންނަނީ ތުރުކީގެ އެހީތެރިކަމާއެކު ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ހަނގުރާމައަށް ގޮސް ހާލުގައި ޖެހި ރެފިއުޖީ ކޭމްޕްތަކުގައި ތާށިވެފައިވާ ދިވެހިން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަނީ، އެ ފަރާތްތަކުގެ އާއިލާތަކުން އެކަމަށް އެދި ހުށަހެޅުމުން ކަމަށެވެ. ނަމަވެސް އެކަމަކީ ވަރަށް ބޮޑެތި ނުރައްކާތަކާއި ބޮޑެތި ކޮންޖެހުންތަކެއް ކުރިމަތިވާ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ. އެންމެ ބޮޑު ގޮންޖެހުމަކީ އެ ސަރަހައްދަކީ ހަނގުރާމަ ހިނގާ ސަރަހައްދެއްކަމުން ރެޑްކްރޮސް ފަދަ ބައިނަލްއަގުވާމީ އެހީދޭ ފަރާތްތައް ނޫން އެހެން ފަރާތްތަކަށް ދެވޭ ހިސާބުތަކަށްނުވާތީ، ރާއްޖެ އަންނަން ބޭނުންވާ ދިވެހިން ތިބޭ ހިސާބަށް ފޯރުމުގައި ދިމާވާ ދަތިތައް ކަމަށްވެސް ވިދާޅުވިއެވެ.
"މުވާސަލާތީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން އެ ހިސާބުތަކަށް ރީޗް ވުމަކީ ވަރަށް ބޮޑު މައްސަލައެއް،" އޮފިޝަލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެ ތަނުގައި ތިބޭ ދިވެހިންނަށް ލިބިފައި ތިބޭ ދަރިން ރާއްޖެ ގެނައުމުގައިވެސް ގާނޫނީގޮތުން ބަލަންޖެހޭ ބޮޑެތި ކަންތައްތަކެއް ހުންނަ ކަމަށެވެ. އެގޮތުން އެ ކުދިން ގެނައުމުގެ ކުރިން އެއީ ދިވެހި މީހާއަށް ލިބިފައިވާ ދަރިއެއްތޯ ބަލަން ޑީއެންއޭ ޓެސްޓު ހަދަން ޖެހޭ ކަމަށާއި، އެކަން ކުރަނީ އެތަނަށް ފުލުހުން ފޮނުވައިގެން ކަމަށްވެސް ވިދާޅުވިއެވެ.
ހަނގުރާމައިގެ ސަރަހައްދުތަކުން ގެންނަ މީހުން އާންމު ހާލާތުގައި މުޖުތަމައަށް ދޫކޮށްލުމުގެ ކުރިން، ހާއްސަ ރިހެބިލިޓޭޝަން ޕްރޮގްރާމް ފުރިހަމަކުރުމަށްޓަކައި ފުރަތަމަ އެމީހުން ބައިތިއްބަނީ، ޓެރަރިޒަމް މަނާކުރާ ގާނޫނުގެ ދަށުން ކ. ހިންމަފުށީގައި ގާއިމުކޮށްފައިވާ ނޭޝަނަލް ރީއިންޓެގްރޭޝަން ސެންޓަރު (އެންއާރުސީ) ގައެވެ.
އެހެންކަމުން އެ ފަރާތްތައް އެންމެ ފުރަތަމަ ރާއްޖެ ގެނެސް، އެންއާރުސީގައި ބައިތިއްބައިގެން 30 ދުވަހުގެ އެސެސްމަންޓެއް ހަދައި ކޯޓަށް އެ އެސެސްމަންޓް ހުށަހަޅަން ޖެހެއެވެ. އެއީ ކޯޓުން ދޭ މުއްދަތަކަށް ޕްރޮގްރާމް ހިންގުމަށާއި، އޭގެ ތެރޭގައި ހިމެނޭ މީހުންގެ ތެރެއިން ކުށްވެރިންނަކީ ކޮބައިތޯ ބެލުމަށެވެ. އެއަށްފަހު އޭގެ ތެރޭގައި ކުށްވެރިން ތިބިނަމަ އެމީހުންގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭނެއެވެ. ނަމަވެސް ދެން ތިބި މީހުން ތިބޭނީ ފަރުވާ ފުރިހަމަކުރުމަށްޓަކައި ސެންޓަރުގައެވެ.
އެ ސެންޓަރާ ބެހޭ މައުލޫމާތުދެއްވަމުން އެންއާރުސީގެ ޑިރެކްޓާ ޖެނެރަލް އަންވަރު ނައީމު މީގެ ކުރިން "ވަން"އަށް ވިދާޅުވީ، އެގޮތަށް ރާއްޖެ ގެންނަ ފަރާތްތައް ބޭތިއްބުމަށް އެންއާރުސީގައި ހަތަރު ބްލޮކެއް ހުންނާނެ ކަމަށެވެ. މީގެ ތެރެއިން އެއް ބްލޮކް އަންހެނުންނަށް ހާއްސަކޮށްފައިވާ އިރު، އެއް ބްލޮކް 18 އަހަރު ނުފުރޭ ފިރިހެން ކުދިންނަށް، އެއް ބްލޮކް 18 އަހަރުން މަތީގެ ފިރިހެނުންނަށް އަދި އެއް ބްލޮކް އާއިލާތަކަށް ވަނީ ހާއްސަކޮށްފައެވެ. މި ސެންޓަރުން އެއް ފަހަރާ 72 މީހުންނަށް އަދި ފަސް އާއިލާއަށް ފަރުވާ ފޯރުކޮށްދެވޭނެއެވެ.
ގެއެއްގައި ބަޔަކު ދިރިއުޅެވޭ ގޮތަށް، އަމިއްލައަށް ކެއްކުމުގެ ކަންތައްވެސް އެތަނުގައި ހަމަޖައްސާފައިވެއެވެ. އެކަމަށް ބޭނުންވާ ތަކެތި ފޯރުކޮށްދެނީ ސަރުކާރުންނެވެ. އަދި އެ ފަރާތްތައް 24 ގަޑިއިރު މޮނިޓާ ކުރެވޭނެ އިންތިޒާމު ވެސް އެންއާރުސީގައި ވަނީ ހަމަޖައްސައިފައެވެ.
އެ ސެންޓަރުގައި ކުޑަކުދިންނަށާއި ބޮޑެތި މީހުންނަށް ފަރުވާދިނުމަށް ތެރަޕީ ރޫމުތަކެއްވެސް ވަނީ ގާއިމުކޮށްފައެވެ. އެގޮތުން، ނަފްސާނީ އަދި އިޖުތިމާއީ ގޮތުން ބޭނުންވާ އެހީތެރިކަމާއި ދީނީ ގޮތުން ސައްހަ މައުލޫމާތު، ފަރުވާ ހޯދާ ފަރާތްތަކަށް ފޯރުކޮށްދޭނެއެވެ. އަދި ކުޑަކުދިން ކުޅުމަށް ހާއްސަ ކޮޓަރިއަކާއި ލައިބްރަރީއެއްވެސް އެ ސެންޓަރުގައި ވަނީ ގާއިމުކޮށްފައެވެ.
މީގެ އިތުރުން އެތަނަށް އަންނަ ކުޑަކުދިންނަށް ލިޔަން ކިޔަން ދަސްކޮށްދިނުމަށް ހިންމަފުށީ ސްކޫލް ޓީޗަރުން މެދުވެރިކޮށް ސެންޓަރުގައި ކްލާސްތައް ނެގުމާއި، ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ވޮކޭޝަނަލް ތަމްރީނުތައްވެސް ފޯރުކޮށްދޭ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. އަދި ކުދިންގެ އުމުރާ ގުޅޭ ގްރޭޑަކާ އެއް ލެވެލަކަށް ތައުލީމު އުނގެނުމުން އެ ރަށު ސްކޫލަށް ގެންދާނެކަމަށް އަންވަރު ވިދާޅުވިއެވެ.
އަންވަރު ވިދާޅުވީ، އެންއާރުސީގައި މީގެ ކުރިން އާއިލާއެއް ރީއިންޓެގްރޭޓް ކޮށްފައިވާ ކަމަށެވެ. އަހަރު ދުވަހުގެ މަސައްކަތަށްފަހު އެ އާއިލާ އަނބުރާ މުޖުތަމައަށް ނެރެފައިވަނީ ކާމިޔާބު ކަމާއެކުގައި ކަމަށް ވެސް އަންވަރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެ އާއިލާގައި ހަތަރު ކުދިން ހިމެނޭ އިރު، އޭގެ ތެެރެއިން ދެ ކުދިންނަކީ ސީރިއާގައި އުފަންވެފައިވާ ދެ ކުދިން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު