ޓޯކުރި ޖީއެން ސައިކަލެއް އޮޅުމަކުން ނައްތާލެވުމުން، ވެރި ފަރާތަށް 82،900 ރުފިޔާ ދޭން ދިވެހި ފުލުހުންގެ ހިދުމަތު (ދައުލަތް) ގެ މައްޗަށް ސިވިލް ކޯޓުން މިއަދު އަމުރު ކޮށްފިއެވެ.

މި މައްސަލައަކީ ހުޅުމާލޭ ފޭސް ދޭއްގައި ހިނގި އެކްސިޑެންޓަކާ ގުޅިގެން، އަތުގައި ލައިސަންސް ނެތި ސައިކަލް ދުއްވި މައްސަލައިގައި، ޓޯކުރި ސައިކަލެއް ބަލައި ދިއުމުން ނުލިބިގެން، އޭގެ ވެރިފަރާތް ކަމަށްވާ ކ. ގުޅި ޖަވާހިރު ވާދީ މުހައްމަދު ޒިޔާން ގެ ފަރާތުން ކޯޓަށް ހުށަހެޅި މައްސަލައެކެވެ.

މި މައްސަލައިގައި ޒިޔާން ކޯޓުގައި އެދިފައި ވަނީ، އެ ސައިކަލް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އިރު ހުރި ހާލަތުގައި ހަތް ދުވަހުގެ ތެރޭގައި އަނބުރާ އޭނާއާ ސައިކަލް ހަވާލުކުރުމަށް އަމުރު ކޮށްދިނުމަށެވެ. ނަމަވެސް ޓޯ ކޮށްފައި ހުރި ވެހިކަލްތަކުގެ ތެރެއިން، މުއްދަތު ހަމަވެގެން ނައްތައިލި ސައިކަލްތަކާއެކު އޮޅުމަކުން ޒިޔާންގެ ސައިކަލް ނައްތާލެވިފައިވާ ކަމަށް ފުލުހުން ވަނީ ކޯޓުގައި އިއުތިރާފުވެފައެވެ.

އެހެންކަމުން ސައިކަލް އަނބުރާ ރައްދު ކުރެވެން ނެތްނަމަ، ސައިކަލް ގަންނަން ހަރަދުވި 57،900 ރުފިޔާ އާއި ޕިއުނިޓިވް ޑެމޭޖާސްގެ ގޮތުގައި 19،300 ރުފިޔާ އާއި ވަކީލުގެ ފީގެ ގޮތުގައި 25،000 ރުފިޔާއާ އެކު ޖުމްލަ 102،200 ރުފިޔާ ދެއްކުމަށާއި ނޮމިނަލް ޑެމޭޖަސް އާއި އެގްރެވޭޓެޑް ޑެމޭޖަސްގެ ގޮތުގައި ޝަރީއަތަށް ފެންނަ އަދަދެއް ކަނޑައަޅުއްވައި ހަތް ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށް ފުލުހުންގެ މައްޗަށް އަމުރު ކޮށްދިނުމަށް ޒިޔާން ކޯޓުގައި އެދުނެވެ.

މި މައްސަލަ ބެލުމަށްފަހު ސިވިލްކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ، ޕިއުނިޓިވް ޑެމޭޖަސްގެ ގޮތުގައި ސައިކަލްގެ އަގުގެ ތިންބައިކުޅަ އެއްބަޔަށްވާ 19،300 ރުފިޔާ ނަގައިދިނުމާމެދު ގޮތެއް ކަނޑައަޅަން ބަލާއިރު، ޕިއުނިޓިވް ޑެމޭޖަސް އަކީ އެކަން ކުރި މީހާ ކުރިއަށް އޮތް ތަނުގައި އެފަދަ ކަމަކަށް އަރައިގަތުން ދުރު ކުރުމުގެ އަދަބެއްގެ ގޮތުގައި ނަގައިދެވޭ ބަދަލެއް ކަމަށެވެ.

ނަމަވެސް އެ ސައިކަލް ނައްތާލާފައި ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓާފައި ހުރި އެހެން އުޅަނދުތަކެއް ނައްތާލުމުގެ ތެރޭގައި އެރި އޮޅުމަކުން ކަމާއި އެއީ އެއްވެސް އޮފިސަރެއް ގަސްދުގައި ކުރި އަމަލަކުން ހިނގި ކަމެއްކަން އެނގޭނެ އެއްވެސް ހެތްކެއް އެ މައްސަލައިގެ ތަހުގީގަށް ހޯދާފައިނުވާ ކަމަށް ފުލުހުން ބުނެފައިވާ ކަމަށް ހުކުމްގައިވެއެވެ.

އަދި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ އުޅަނދުތައް ގާނޫނާ އެއްގޮތަށް ނައްތާލުމަކީ ފުލުހުންގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭކަމަކަށްވާ އިރު، އެހެން ގޮތަކަށް ސާބިތު ނުވާހާ ހިނދަކު އެ ފަރާތުގެ އަމަލަކީ ގަސްތުގައި ކުރި ކަމެއް ކަމަށް ބެލެވެން ކަމަށްވެސް ހުކުމްގައިވެއެވެ.

ނަމަވެސް ސައިކަލްގެ އަގުގެ ގޮތުގައި ޒިޔާންގެ ފަރާތުން ހޯދުމަށް އެދުނު 57،900 ރުފިޔާ އާއި ޝަރީއަތުގެ ހަރަދުގެ ގޮތުގައި ހޯދުމަށް އެދުނު 25،000 ރުފިޔާއާއެކު ޖުމްލަ 82،900 ރުފިޔާ މިއަދުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި އެކީ އެއްފަހަރާ ޒިޔާން އަށް ދެއްކުމަށް ދިވެހި ފުލުހުންގެ ހިދުމަތުމަތް (ދިވެހި ދައުލަތް) ގެ މައްޗަށް މި ހުކުމްގައި ވަނީ އަމުރު ކޮށްފައެވެ.

އަދި ޕިއުނިޓީވް ޑެމޭޖާސް އާއި ނޮމިނަލް ޑެމޭޖަސް އަދި އެގްރެވޭޓެޑް ޑެމޭޖަސްގެ ގޮތުގައި ހޯދުމަށް އެދުނު ފައިސާ ނަގައިދެވޭނެ ތަނެއް ނެތް ކަމަށާއި ސައިކަލަށް އިތުރު އެއްވެސް ހަރަދެއް ކޮށްފައިވާނަމަ، އެ ހަރަދު ފަހުން ޝަރީއަތަށް ހުށަހަޅައިގެން ހޯދުމުގެ ހައްގު ދައުވާކުރާ ފަރާތަށް ލިބިދެވެން ނެތް ކަމަށް ކަނޑައަޅާ ކަމަށްވެސް ހުކުމްގައި ވެއެވެ.

ގިނަ ދުވަސް ވަންދެން ޓޯ ކޮށްފައި ހުންނަ އުޅަނދުތައް ނައްތާލުމުގެ ބާރު ފުލުހުންނަށް ގާނޫނުން ލިބިދެއެވެ. ނަމަވެސް އެއީ އެތަކެތި ޓޯކުރިތާ 60 ދުވަސް ފަހުންނެވެ. އަދި އެކަމަށްޓަކައި އެ ތަކެތީގެ ވެރިފަރާތްތަކަށް ނޯޓިސް ދިނުމުގެ އިތުރުންވެސް، ގާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންތައްކެއް ހިމެނެއެވެ.