ސައުދީ އަރަބިއާގެ ރިޔާދުގައި ރޭ ކުޅުނު ސްޕެނިޝް ސުޕަ ކަޕްގެ ފައިނަލުގައި ރެއާލް މެޑްރިޑުން ބާސެލޯނާ ބަލިކޮށްފިއެވެ.

މިދިޔަ އަހަރުން ފެށިގެން، ކޮމާޝަލް ބޭނުމަށް ސައުދީގައި ސްޕެނިޝް ސުޕަ ކަޕް ބާއްވަމުންދާ އިރު، ރޭގެ ފައިނަލްވީ ބެލުންތެރިން ބޭނުންވި ފައިނަލަކަށެވެ. އެއީ ސްޕެއިންގެ ގަދަ ދެ ބާރު ކަމަށްވާ ރެއާލް އާއި ބާސާގެ ކުރިމަތިލުމަކަށެވެ. އެލް ކްލެސިކޯގައި ރޭ ރެއާލްއިން ބާސާ ބަލިކުރީ 4-1 ގެ ނަތީޖާއަކުންނެވެ. ތަފާތަކަށްވީ ބްރެޒިލްގެ ތަރި ވިނީޝިއަސް ޖޫނިއާއެވެ. އޭނާ ވަނީ ފުރަތަމަ ހާފުގައި ހެޓްރިކް ފުރިހަމަ ކޮށްފައެވެ.

މެޗު ފެށިގެން ފުރަތަމަ 10 މިނެޓް ތެރޭގައި ވިނީޝިއަސްގެ ދެ ގޯލު ފެނިގެން ގޮސްފައިވާ އިރު، ފުރަތަމަ ގޯލު މެޗުގެ ހަތްވަނަ މިނެޓުގައި ޖަހައި ވިނީޝިއަސް ވަނީ ކްރިސްޓިއާނޯ ރޮނާލްޑޯގެ "ސޫއީ" ސެލެބްރޭޝަން ހަދައިފައެވެ. ރޮނާލްޑޯގެ ކްލަބު އަލް ނަސްރުގެ ކިންގް ސައުދު ޔުނިވާސިޓީ ސްޓޭޑިއަމްގައި މެޗު ކުޅެފައިވާ އިރު، އެ ސްޓޭޑިއަމް އެއްކޮށް ސެލެބްރޭޝަނުގައި ބައިވެރިވިއެވެ.

ވިނީޝިއަސްގެ ދެ ގޯލާއެކު ރެއާލްއިން ލީޑު ކުރަމުން ދަނިކޮށް، މެޗުގެ 33 ވަނަ މިނެޓުގައި ރޮބަޓް ލެވަންޑޯސްކީ ގޯލެއް ޖަހައި ބާސާއަށް އުންމީދެއް ހޯދައިދިން ނަމަވެސް، ވިނީޝިއަސް ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ހެޓްރިކް ފުރިހަމަކޮށް، ރެއާލްއަށް އަނެއްކާވެސް ނަތީޖާގެ ފަރަގު ބޮޑު ކޮށްދީފައެވެ. އެ ގޯލަކީ ޕެނަލްޓީއަކުން ޖެހި ގޯލެކެވެ.

ދެވަނަ ހާފުގައި ރެއާލްއިން ޖެހި ހަމައެކަނި ގޯލު ރޮޑްރީގޯ ޖެހި އިރު، މެޗުގެ 71 ވަނަ މިނެޓުގައި ބާސާގެ ރޮނާލްޑް އަރައޫހޯއަށް ވަނީ ރަތް ކާޑުވެސް ދައްކައިފައެވެ.

އެންމެފަހުން ކުޅުނު ތިން އެލް ކްލެސިކޯވެސް ރެއާލްއިން ކާމިޔާބު ކުރި އިރު، މިއީ ރެއާލްއިން ސުޕަ ކަޕް ހޯދި 13 ވަނަ ފަހަރެވެ. އެންމެ ގިނައިން ހޯދާފައިވާ ބާސާ ވަނީ 14 ފަހަރު މުބާރާތް ހޯދައިފައެވެ.