މިދިޔަ ހުކުރު ދުވަހު މާލެ ސިޓީއަށް ކުރި ވިއްސާރައިގައި ގެއްލުންވި ގެތަކަށް 711،541 ރުފިޔާ ދިނުމަށް ނިންމައިފިއެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖުމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ފެން ވަދެގެން ގެއްލުން ލިބުނު ތަންތަނުގެ އަދަދަކީ 227 ކަމަށާއި އޭގެ ތެރެއިން 193 ތަނަކަށް އެޓެންޑުވެފައިވާނެ ކަމަށެވެ. އޭގެ ތެރެއިން 152 ތަނެއްގައި 1،018 ވެލި ބަސްތާ ޖަހާފައިވާ ކަމަށެވެ. އެ ތަންތަނުގެ ތެރޭގައި ގެތަކާއި ސްކޫލު އަދި ފިހާރަތައް ހިމެނޭ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.

އެންޑީއެމްއޭ އިން ބުނީ ވަގުތުން އެހީތެރިކަން ބޭނުންވާ 43 ގެއެއްގެ ރެޕިޑް އެސެސްމެންޓް މޯލްޑިވްސް ރެޑްކްރޮސެންޓުގެ އެހީތެރިކަމާއެކު ހަދާފައިވާނެ ކަމަށެވެ. 18 ގެއެއްގެ 110 މީހުންނަށް ދެ ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށްފަހު އެ މީހުން، އެ މީހުންގެ ގެތަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި ޑެމޭޖް އެސެސްމެންޓު ހަދަން ނިންމީ 78 ތަނެއްގައި ކަމަށެވެ. 53 ގެއެއްގެ އެސެސްމެންޓް ވަނީ ނިމިފައި ކަމަށާއި 48 ގެއަކަށް އެހީދިނުމުގެ އުސޫލުގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ. 19 ތަނަކުން އެސެސްމެންޓު ހަދަން ބޭނުންވާކަން އަންގާފައިވާ ކަމަށާއި އެކި ސަބަބުތަކާ ގުޅިގެން ހަ ތަނެއްގެ އެސެސްމެންޓު ހެދިފައިނުވާ ކަމަށެވެ.

"އެސެސްމެންޓު ހެދުނު ގެތަކަށް، ކާރިސާތަކުގައި އިންސާނީ އެހީ ފޯރުކޮށްދިނުމުގެ އުސޫލުގެ ތެރެއިން އެހީގެ ގޮތުގައި 711،541.70 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައި. ޒަރޫރީ ހިފައި ގެންގުޅޭ ތަކެއްޗަށް ޖުމުލަ ގެއްލުމުގެ 20 ޕަސަންޓަށްވާ 100،075.20 ރުފިޔާ، ސްޓްރަކްޗަލް ގެއްލުންތަކަށް ޖުމުލަ 611،466.50 ރުފިޔާ" އެންޑީއެމްއޭ އިން ބުންޏެވެ.

މި ވިއްސާރައިގެ އިތުރުން މިދިޔަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު މާލެއަށް ކުރި ވިއްސާރައިގައި އެހީ ދިން ގެތަކުގެ ތެރެއިން 30 ގެއަކަށް، ގެއްލުންވެގެން އަލުން އެސެސްމެންޓް ހަދާފައިވާ ކަމަށް ވެސް އެންޑީއެމްއޭ އިން ބުންޏެވެ.