ކުޑަކުއްޖަކަށް ތަކުރާރުކޮށް ޖިސްމާނީ އަނިޔާ ކުރަމުންދިޔަ މީހަކު ހައްޔަރު ކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ، މ.އަލްވާހް، އަލީ މުހައްމަދު 41އ އެވެ.

އޭނާގެ މައްޗަށް ފުލުހުން ތުހުމަތު ކުރަނީ ގެވެށި އަނިޔާއިން ރައްކާތެރިވުމުގެ އަވަސް އަމުރާއި ހިލާފުވުމާއި ކުޑަކުއްޖަކަށް ޖިސްމާނީ އަނިޔާ ކުރި ކަމުގެ ތުހުމަތެވެ.

އެ ތުހުމަތުގައި އޭނާ ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް އިއްޔެ ހާޒިރު ކުރުމުން އެ ކޯޓުން ވަނީ އޭނާގެ ބަންދަށް ދިހަ ދުވަސް ޖަހައިފައެވެ.

އޭނާއާ ގުޅޭ ބަންދު އަމުރުގައި ބުނެފައިވާގޮތުން ފެމެލީ ކޯޓުން އޭނާގެ މައްޗަށް ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަވަސް އަމުރެއް ނެރެފައިވެއެވެ. އެ އަމުރާ ހިލާފު ކަންތައްތަކެއް ކުރެވުނު ކަމަށް ޝަރީއަތުގައި އޭނާ އެއްބަސްވެފައިވާ އިރު، އެ ހާދިސާއާ ގުޅިގެން އެ ދުވަހު ތިން ފަހަރެއްގެ މަތިން ފުލުހުން އޭނާއާ ވާހަކަ ދައްކައި، އެގޮތަށް އަމަލު ނުބެހެއްޓުމަށް ނަސޭހަތް ދިން ނަމަވެސް އޭގެ ފަހުންވެސް އޭނާ ވަނީ އެކަން ތަކުރާރުކޮށްފައެވެ.

ފުލުހުން ހުށަހަޅާފައިވާ ފޮޓޯ ރިޕޯޓުން ކުއްޖާއަށް އަނިޔާ ވެފައިވާކަން ފާހަގަވެއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ފަރާތަކީ ޑްރަގް ކޯޓުގެ ފަރުވާއަށް އެސެސްމަންޓް ހަދާފައިވާ މީހެކެވެ.