މާލޭގެ ރައްޔިތުންނަށް އެމަނިކުފާނުގެ ވެރިކަމުގައި ދޫކުރި ފުލެޓާއި ގޯތިތައް ހަވާލުކުރުން އަވަސްކުރުމަށް ގޮވާލައި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

މާލޭގެ މޭޔަރުކަމުގެ ގޮނޑި އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި އާދަމް އާޒިމް ކާމިޔާބުކުރެއްވުމުން އެކަމުގެ އުފަލުގައި ސަލްޓަން ޕާކުގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ، މާލޭ ރައްޔިތުން ސަރުކާރަށް ނޫނެކޭ ބުނެފި ކަމަށާއި މުޅި ރާއްޖެވެސް ސަރުކާރަށް ނޫނެކޭ ބުނާ ދުވަސް އޮތީ ކައިރީގައި ކަމަށެވެ.

"ރައީސް މުއިއްޒަށް އަޅުގަނޑު ދަންނަވާނީ ލަސްނުކުރައްވާށޭ، ލަސްނުކުރުއްވާށޭ. މާލޭގެ ރައްޔިތުންނަށް އަޅުގަނޑުމެން ދިން ގޯތިތައް މިއަދުން މިއަދަށް ހަވާލުކުރައްވާށޭ. ފުށިދިއްގަރުފަޅަށް މާލޭ ރައްޔިތުން ގެންދަވަން ނުހައްދަވާށޭ. ފުލެޓުތައް ހަވާލުކުރައްވާށޭ،" ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައީ ދޮގާއި މަކަރު ވިއްކައިގެން ކަމަށެވެ. އަދި ސަރުކާރަށް ދެ މަސް ނުވަނީސް ސަރުކާރުގެ އިތުބާރު ގެއްލިއްޖެ ކަމަށް ވިދާޅުވިއެވެ.

ރައީސް ސޯލިހު އިތުރަށް ވިދާޅުވީ، ފުށިދިއްގަރުފަޅުން މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި އެއީ މާލޭ ރައްޔިތުން ބޭނުންވާ ގޮތް ނޫން ކަމަށެވެ.

ބިންވެރިޔާ ސްކީމާއި ގެދޮރުވެރިޔާ ސްކީމުން ގޯއްޗާއި ފުލެޓު ލިބިފައިވާ ފަރާތްތަކަށް ކަނޑައަޅާފައިވާ ގޯއްޗާއި ފުލެޓު ހަވާލުކުރުން އަވަސްކުރަން އެމްޑީޕީން ވަނީ ކުރިންވެސް ގޮވާލައިފައެވެ.

މިދިޔަ ސަރުކާރުން ކުރިއަށްގެންދިޔަ ބޯހިޔާވަހިކަމުގެ ސްކީމުގެ ދަށުން ފުލެޓު ލިބުނު ބަޔަކު، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އޮފީހަށް ގޮސް މުޒާހަރާވެސް ކުރިއެވެ.

ހައުސިން މިނިސްޓްރީން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިނިސްޓަރު ޑރ. އަލީ ހައިދަރު ކުރިން ވިދާޅުވެފައިވާ ގޮތަށް، ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ފަށާނީ އޭސީސީން ބަލަމުންދާ ފުލެޓުތަކުގެ މައްސަލަ އެ ކޮމިޝަނުން ނިންމުމުން ކަމަށެވެ. ނަމަވެސް އޭގެ ފަހުން ސަރުކާރުން އެކަމާ ގުޅޭގޮތުން ވާހަކަ ދައްކާފައެއް ނުވެއެވެ.