ޝަރުއީ ދާއިރާގެ ނުވަތަ ގާނޫނީ ދާއިރާގެ މަސައްކަތަށް، ތަމްރީނަކަށް ނުވަތަ ބޭރު ގައުމެއްގައި ނުވަތަ ބައިނަލްއަގުވާމީ ޖަމިއްޔާއެއްގައި މަސައްކަތް ކުރުމަށް ފަނޑިޔާރުން ވީއްލުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު އެކުލަވާލައިފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ މިދިޔަ ބުދަ ދުވަހު "ފަނޑިޔާރުން ވީއްލުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު" ގެޒެޓުކޮށްފައެވެ.

އުސޫލުގައިވާ ގޮތުން ފަނޑިޔާރުން މަސައްކަތުން ވީއްލުމުގެ މައިގަނޑު ސަބަބަކީ ފަނޑިޔާރުންގެ ޝަރުއީ އަދި ގާނޫނީ ފަންނުގެ ދާއިރާގެ ހުނަރު އިތުރުކުރުމާއި ފަނޑިޔާރުންގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ ހުނަރުތައް ދަސްކުރުމެވެ.

  • ލެކްޗާއެއް އެއް ނުވަތަ ތަމްރީނެއް ދިނުމަށް ނުވަތަ ތައުލީމު ފޯރުކޮށްދޭ ފަރާތަކުން އެދިގެން ކުރާ ދިރާސާ މަސައްކަތަކަށް
  • ޖުޑީޝަލް އެކަޑަމީން އިންތިޒާމުކޮށްގެން ހިންގާ އެކިއެކި ޕްރޮގްރާމުތަކަށް
  • ކޯސްތަކުގެ ނުވަތަ ތަމްރީނު ޕްރޮގްރާމުތަކުގެ ކްލާސްތަކަށާއި އިމްތިޙާނުތަކަށް
  • ކުރު މުއްދަތުގެ ފުލްޓައިމް ތަމްރީނު ޕްރޮގްރާމުތަކަށް
  • ދިގު މުއްދަތުގެ ފުލްޓައިމް ކޯސްތަކަށް
  • ޝަރުއީ ދާއިރާގެ ނުވަތަ ގާނޫނީ ދާއިރާގެ މަސައްކަތަކަށް ނުވަތަ ބޭރު ގައުމެއްގެ ނުވަތަ ބައިނަލްއަގުވާމީ ޖަމިއްޔާއެއްގެ މަސައްކަތަކަށް

އުސޫލުގައި ބަޔާންކޮށްފައިވާ ކަމެއް ނޫން ކަމެއް ދިމާވެގެން ފަނޑިޔާރުން މަސައްކަތުން ވީއްލަން ބޭނުންވެއްޖެނަމަ، އެ ކަމެއް ހައްލު ކުރާނީ، ޖޭއެސްސީން ކަނޑައަޅާ ގޮތެއްގެ މަތިން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިންނެވެ. އުސޫލުގައިވާ ގޮތުން ފަނޑިޔާރުން މަސައްކަތުން ވީއްލުމަށް އެދި ހުށަހަޅަން ވާނީ ޑީޖޭއޭ އަށެވެ.

ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވާ ފަނޑިޔާރު ކޯހުން ފާސް ނުވެއްޖެނަމަ ނުވަތަ ކޮމިޝަނުގެ ހުއްދަ ނެތި ކޯސް ހުއްޓައިލައިފިނަމަ ނުވަތަ ކޯހަށް ހާޒިރުނުވުން ފަދަ ސަބަބެއް މެދުވެރިވެގެން ކޯހުން ވަކިކޮށްފިނަމަ، ޖޭއެސްސީން ކަނޑައަޅާ ގޮތެއްގެ މަތިން ކޯހަށްވާ ވީއްލި މުއްދަތުގައި ފަނޑިޔާރަށް ދީފައިވާ މުސާރަ އާއި އިނާޔަތުގެ ފައިސާގެ ޖުމުލަ އަނބުރާ ދައްކަންވާނެ ކަމަށް އުސޫލުގައި ވަނީ ބަޔާންކޮށްފައެވެ.

މީގެ އިތުރުން މުސާރަ އާއި އިނާޔަތް ނުލިބޭގޮތަށް ވީއްލުމުން ފަނޑިޔާރުން، އިތުރު މުއްދަތަކަށް ހިދުމަތް ކުރަން ޖެހޭނެއެވެ.

  • ވީއްލާ މުއްދަތަކީ 6 މަސް ދުވަހުގެ ނުވަތަ ތިން މަސް ދުވަހާއި 6 މަސް ދުވަހާ ދެމެދުގެ މުއްދަތެއްނަމަ 1 އަހަރު ދުވަހުގެ މުއްދަތަށް ހިދުމަތް ކުރުން
  • ވީއްލާ މުއްދަތަކީ އެއް އަހަރު ދުވަހުގެ ނުވަތަ 6 މަސް ދުވަހާއި 1 އަހަރު ދުވަހާ ދެމެދުގެ މުއްދަތެއްނަމަ 2 އަހަރު ދުވަހުގެ މުއްދަތަށް ހިދުމަތް ކުރުން
  • ވީއްލާ މުއްދަތަކީ 24 މަސް ދުވަހުގެ ނުވަތަ 12 މަސް ދުވަހާއި 24 މަސް ދުވަހާ ދެމެދުގެ މުއްދަތެއްނަމަ، 3 އަހަރު ދުވަހުގެ މުއްދަތަށް ހިދުމަތް ކުރުން