ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން މާދަމާ ބާއްވާ ބައި-އިލެކްޝަންތަކުގެ ވޯޓުލުމުގެ ވަގުތު އިތުރުކޮށްފިއެވެ.

މާދަމާ ކުރިގެންދިއުމަށް ހަމަޖެހިފައިވަނީ މާލެ ސިޓީ ކައުންސިލްގެ މޭޔަރާއި މާފަންނު ދެކުނު ދާއިރާ، މެދުހެންވޭރު ދާއިރާ، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު އިންތިހާބުކުރުމަށް ބާއްވާ ބައި-އިލެކްޝަން އަދި މ. މުލަކު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ މެންބަރު އިންތިހާބުކުރުމަށް ބާއްވާ ބައި-އިލެކްޝަނެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިރޭ ބުނީ މުޅި ރާއްޖޭގެ މޫސުން ގޯސްވެ، ވިއްސާރަވެ ވައިގަދަވެ އަދި ކަނޑުގަދަވުމުގެ ސަބަބުން އާންމު ދަތުރުފަތުރަށް ބުރޫއަރައި ވޯޓުލުމަށް މީހުން ނުކުތުމަށް ދަތިވާނެތީ، މާދަމާ ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ބައި-އިލެކްޝަންތަކުގެ ވޯޓުލުމުގެ ވަގުތަށް އެއް ގަޑިއިރު އިތުރުކޮށް، ވޯޓުލުން ނިމޭގަޑި ހަވީރު 5:00ގެ ނިޔަލަށް އިތުރުކުރުމަށް ނިންމާފައިވާ ކަމަށެވެ.

މީގެ ކުރިން އީސީން އެ އިންތިހާބުތައް ބޭއްވުމަށް ނިންމާފައިވަނީ ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00 އަށެވެ.

މިދިޔަ ދުވަސްތަކުގައި އެންމެ ފޯރިގަދަ ކެމްޕޭނެއްގެ ގޮތުގައި ފެނިގެންދިޔައީ މާލޭ މޭޔަރުގެ ކެމްޕޭނެވެ. މާލޭގެ މޭޔަރުކަމަށް ވާދަކުރައްވަނީ ޕީއެންސީގެ ކެންޑިޑޭޓް އާޒިމާ ޝަކޫރާއި އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމާއި ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް ސައިފް ފާތިހުގެ އިތުރުން އަމިއްލަގޮތުން ވާދަކުރައްވާ ދެ ކެންޑިޑޭޓުން ކަމަށްވާ ޝުއައިބު އަލީ އާއި ހުސައިން ވަހީދެވެ.

މާލެ ސިޓީ މޭޔަރުގެ ގޮނޑި ހުސްވީ މީގެ ކުރިން އެ މަގާމުގައި ހުންނެވި، ޑރ. މުހައްމަދު މުއިއްޒު، ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވެ ވަޑައިގެންނެވުމާ ގުޅިގެން އެ މަނިކުފާނު، މޭޔަރުކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ސިޓީ ކައުންސިލްގެ ތިން ގޮނޑި ހުސްވީ މީގެ ކުރިން އެ މަގާމުތަކުގައި ތިއްބެވި މެންބަރުން، ސަރުކާރުގެ އެކި މަގާމުތަކަށް އައްޔަން ކުރެއްވުމާ ގުޅިގެން އެ ބޭފުޅުން މާލޭ ސިޓީ ކައުންސިލްގެ މެންބަރުކަމުން އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.