މޯލްޑިވްސް ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)ގެ ޕަމްޕު ސްޓޭޝަނެއްގެ ވަސްހޮޅި ވެއްޓި ގެއްލުންތަކެއް ވެއްޖެއެވެ.
މާލެއަށް މިހާރު ކުރަމުންދާ ވިއްސާރައާއެކު ވައި ގަދަވުމުގެ ސަބަބުން ވެއްޓިފައިވަނީ އެމްޑަބްލިޔުއެސްސީގެ އަށް ނަމްބަރު ޕަމްޕު ސްޓޭޝަންގެ ވަސްހޮޅިއެވެ.
އެމްޑަބްލިޔުއެސްސީން ސޯޝަލް މީޑިއާގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ ވަސްހޮޅި ވެއްޓުމާ ގުޅިގެން ލިބުނު ގެއްލުންތައް ބަލައި މަރާމާތުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި ނަމަވެސް އެކަމުގެ ސަބަބުން ކުންފުނިންދޭ ހިދުމަތަށް ބުރުލެއް ނާރާނެ ކަމަށެވެ.
މިއަދު ހެނދުނުން ފެށިގެން ހުއްޓުމެއްނެތި މާލެއަށް ބޯކޮށް ވާރޭވެހި ވަނީ މަގުތަކުގައި ފެންބޮޑުވެފައެވެ. އެކަމާ ގުޅިގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު އިން ދަނީ މަގުތަކުން ފެން ހިންދުމުގެ މަސައްކަތްކުރަމުންނެވެ.
ވިއްސާރައާ ގުޅިގެން ގައުމީ މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުން ވަނީ ސަރަހައްދުތަކަކަކަށް ޔެލޯ އެލާޓް ނެރެފައެވެ. އެގޮތުން ކ. އަތޮޅުން ފެށިގެން މ. އަތޮޅަށް ރީނދޫ އެލާޓް ފުރަތަމަ ނެރެފައިވަނީ މިއަދު ހެނދުނު 10:30 އިން ފެށިގެން މެންދުރުފަހު 2:30 އަށެވެ. އަދި މިހާރު ވަނީ ކ. އަތޮޅުން ފެށިގެން ދ. އަތޮޅަށް މިއަދު ހަވީރު 6:00ގެ ނިޔަލަށް ޔެލޯ އެލާޓް ނެރެފައެވެ.
މެޓް އޮފީހުން ލަފާކުރާ ގޮތުގައި، ކ. އަތޮޅުން ފެށިގެން ދ. އަތޮޅަށް ބޯކޮށް ވާރޭވެހި، ގުގުރުމާއެކު ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު