(9 ޖެނުއަރީގެ އަދަދާ ގުޅޭ)
އިޞްލާޙީ ހެޔޮބަދަލުތަކަށް ބޭނުންނުވާ ފާސިދުންގެ ބަޔަކަށް ބިނާކުރަނިވި އިޞްލާޙީ ދަޢުވަތަކާ ކުރިމަތިލާން ޖެހިއްޖެކަމުގައިވާނަމަ އެހެން ހުރިހައިކަމެއް ހުއްޓައިލައިފައި އެ އިޞްލާޙީ ދަޢުވަތާއިގެން ތެދުވި ބައެއްގެ ފަހަތުން އަޅައިގަނެއެވެ. ފާސިދުންނަކީ ޙަޤީޤަތުގައި ޚިދުމަތެއްވެސް ތަރައްޤީގެ މަސައްކަތެއްވެސް ކުރާން ބޭނުންވާ ބައެއް ނޫނެވެ. ޚާލިޤުގެ ނަންފުޅުގައިވެސް ޚަލްޤުތަކުންގެ ފަރާތުންވެސް އެއްވެސް ޒިންމާއެއް އަދާކުރާން ބޭނުންވާ ބައެއް ނޫނެވެ. އެހެންކަމުން އެބައިމީހުންގެ ސިކުނޑީގެ ހުރިހައި ބާރަކާއި ހުރިހައި ހަކަތައެއް ނުހަނު ފަސޭހަކަމާއެކު ހޭދަކުރާން ފަށަނީ ނައްސި މަސައްކަތްތަކުގައެވެ. އިޞްލާޙަށް ގޮވައިލާ މީހުން ވަށައިލައި އެމީހުނާ ދިމާކޮށްލަން ދުއްވައިގަންނަނީ ޣޫލުންގެ ބައިގަނޑެއް ފަދައިންނެވެ. ދުރުމީތަކާއި ތެލެސްކޯޕުތައް އަތްމަތިކޮށްގެން ބަލާންފަށަނީ އިޞްލާޙީ މަސައްކަތްކުރާ މީހުންގެ ފުށުން ކުޑަނަމަވެސް އައިބެއް ނުވަތަ އުނިކަންފުޅެއް ފެނޭތޯއެވެ. ތާއަބަދު ތިބެނީ އެމަސައްކަތުގައި ހޭލަމޭލަވޭވެއެވެ. އިޞްލާޙީ މަސައްކަތުގެ ބައިވެރީންކުރާ ކޮންމެކަމެއް ވަރުގަދަޔަކަށް ތަޙްލީލުކުރެއެވެ. ފަޅައި އަރިއަރިކޮށްގެންވެސް އެއްވެސްވަރެއްގެ ގުދުކަމެއް ނުވަތަ އޮރިކަމެއް ފެނޭތޯ ބަލައެވެ. ކުޑަވެސް އައިބެއް ފެނިއްޖެކަމުގައިވާނަމަ އެކަމެއް ހަވަރުފެންފޮޅިޔަށް އަޅައެވެ. ގޮވައިނަގާން ފަށައެވެ. "އޭ މީސްތަކުންނޭވެ! މިހިރީ މަގުފުރެއްދުމެވެ. ފަސާދައެވެ. ކުފުރެވެ. ކާބަފައިންނާ ދުޝްމިނުވުމެވެ. ޤައުމުގެ މާތް މީހުންނަށް އިހާނެތިކޮށް ހިތުމެވެ. ފާޑުކިޔުމެވެ."
ޔަހޫދީން އެއުރެންގެ ދެކޮޅުވެރިވުމުގެ މަސްތުގައި އުޅެގަންނަ އުޅުމުގައި ކިތަންމެ ހެޔޮލަފާ މީހަކުކުރާ ކިތަންމެ ރަނގަޅު ކަމެއްގެވެސް އަގުވައްޓައިލައި އެކަމަކަށް ގެއްލުންދޭކަށެއް ފަހެއް ނުޖެހެއެވެ. އިޞްލާޙީ ދަޢުވަތުގެ މީހުންކުރާ ކޮންމެކަމަކުންވެސް ފަނިނެރެ މީހުނަށް ދައްކައި އެކަމެއް ޠޫފާނަކަށް ހަދައިލާން ތިބެނީ އަރުވާޖަހައިފައެވެ. މިބާވަތުގެ ހަލާކުކުރާ މިޒާޖުގެ މީހުންނަށް ލިބޭ ރަނުގެ ފުރުޞަތަކީ ޢާންމުން ޤަބޫލުކޮށްފައިވާ ވަހްމީ ޢަޤީދާތަކާއި ޤަބޫލުކުރާ ނުރަނގަޅު ރަސްމުތަކާ ދެކޮޅަށް އިޞްލާޙީ ޙަރަކާތަކުން ހިންގާ ޙަރަކާތްތަކެވެ. އެފަދަ ކަމެއް ބަދަލުކުރައްވައި ރަނގަޅު ކުރައްވާން މުޞްލިޙަކު މަސައްކަތްޕުޅު ފެއްޓެވުމެވެ. އެކަމެއް އިޞްލާޙުކުރުމަކީ ކިތަންމެ ބޭނުންތެރި ރަނގަޅު ކަމެއްކަމުގައިވިޔަސް މުފްސިދުން އެކަމަކާ ދެކޮޅަށް ކޮނޑުވިއްދައެވެ. އެކަމަކީ އެ މުޞްލިޙަކު ކުރައްވާ ކިތަންމެ ދަރުމަހުރި ކަމެއްކަމުގައިވިޔަސް ނުރަނގަޅުކަމެއްގެ ގޮތުގައި މީހުންނަށް ވިސްނައިދޭން ފޫގަޅައިގެން ނުކުމެއެވެ. އެނގިވަޑައިގަންނަވާނެ ފަދައިން ޢާންމުންގެ އިޢުތިޤާދީ ބުދުތައް މުގުރުމަކީ އިޞްލާޙީ ތަޙްރީކުތަކަށް ވަރަށްގިނަފަހަރު ކުރާންޖެހޭ ކަމެކެވެ. އެއިން ބުދެއް މުގުރައިލެވޭ ކޮންމެ ފަހަރަކީ އިދިކޮޅުން ޕްރޮޕެގެންޑާގެ އެކިއެކި އައު މައުޟޫޢުތައް އުފައްދައިލަން ފަހިވާ ފުރުސަތުތަކެކެވެ ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އާއި އެމާތް ސާހިބާގެ އެކުވެރީންނަށް ޔަހޫދީން އަޅައިނުފައި އުނދަގޫކުރި އެއްދާއިރާއަކީ މިފަދަ މަސައްކަތްޕުޅުތަކުގެ ދާއިރާއެވެ. ކޮންމެ ހެނދުނަކީވެސް ކޮންމެ ހަވީރަކީވެސް ޔަހޫދީން އެބާވަތުގެ ޑަނޑޫރާތައްޖަހާ ވަގުތެކެވެ. ކޮންމެވެސް އައު އިޝްތިހާރެއް ނެރޭ ވަގުތެކެވެ.
ޙައްޤުގެ މަގަށް ގޮވައިލައްވާ ދާޢީއެއްގެ އިޚްލާޞްތެރިކަމުގެ ފަސްބައިގައި ނަފްސާނިއްޔަތުގެ ލައްޖައްސައި ހަޑިކޮށްލަން އިދިކޮޅު ފަރާތްތަކުން އަބަދުވެސް އަޅުވަނީ އެއްބާވަތެއްގެ އިލްޒާމުތަކެކެވެ. އޭގެތެރެއިން އެއް އިލްޒާމަކީ އެ ދާޢީން އެބޭކަލުންގެ ދަރަޖަ އުފުއްލަވާން އުޅުއްވާކަމުގެ އިލްޒާމެވެ. ކޮންމެވެސް މަތީމަޤާމެއް ނުވަތަ ދަރަޖައެއް ހޯއްދެވުމުގެ ދަހިވެތިކަމުގައި އުޅުއްވާކަމުގެ އިލްޒާމެވެ. ޚާއްޞަކޮށް ޔަހޫދީންވަނީ އެބައިމީހުންގެ ހީރޯއިންކަމުގައިވާ ނަބީބޭކަލުންގެ އިސްތަށިފުޅުގައިވެސް އެފަދަ އިލްޒާމުތައް އަޅުވައިފައެވެ. مـــوســى عــلـيــــه الـسّــلام އާއި هـــارون عــلـيــــه الـسّــلام ގެ އިސްތަށިފުޅުގައިވަނީ އެ ދެބޭކަލުން ޔަހޫދީންގެ މައްޗަށް ވެރިކަން ކުރައްވާން އުޅުއްވާކަމުގެ އިލްޒާމު އަޅުވައިފައެވެ. عـيســـى عــلــيـــه الـسّــلام އާ ބެހޭގޮތުން ހަޅޭއްފަޅޭއްލެވީ ޔަހޫދީންގެ ރަސްކަލަކަށް ވެވަޑައިގަންނަވާން އުޅުއްވާ ކަމުގައެވެ.
ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އާ ބެހޭގޮތުންވެސް ޔަހޫދީންވަނީ މަތީމަޤާމު ހޯއްދަވާން އުޅުއްވާކަމުގައި އަޑު ފަތުރައިފައެވެ. އެބައިމީހުންގެ ކުރީގެ އާދައިގެ މަތީންނެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ އިސްތަށިފުޅުގައި ޔަހޫދީން މިމޭރުމުން ޙަޤީޤަތާ ޚިލާފު އެންމެބޮޑު އިލްޒާމެއް އެޅުވީ ނަޖްރާންގެ ވަފުދު މަދީނާއަށް އައިސްއުޅުނު ދުވަސްވަރުއެވެ. ނަޖްރާނަކީ މައްކާއާ ހަތްމަރްޙަލާގެ ދުރުގައި ޔަމަނުކަރައާވީ ފަރާތުގައި އޮންނަ ވަރަށްބޮޑު ރަށެކެވެ. ނަޞާރާއިންގެ ރަށެކެވެ. ނަޖްރާނުގެ ވަފުދެއް މަދީނާއަށް އައުމުގެ އެންމެބޮޑު ބޭނުމަކީ عـيســـى عــلــيـــه الـسّــلام ގެ ހައިސިއްޔަތާމެދު ބަހުސުކުރުމެވެ. އެހެންކަމުން ޔަހޫދީންގެ މަޤްޞަދަކަށްހެދީ އެދަނޑިވަޅުގެ ބޭނުންކޮށްގެން އެވަގުތަށް ހެދޭންއޮތް އެންމެބޮޑު ނުބައެއް ހެދުމެވެ. ޔަހޫދީން އަޑުފަތުރައިލިއެވެ. "މިއުޅުއްވާ محـمّــد ގެފާނު (صـلّـــــى اللّــــه عــلـيــــه وسـلّـــــم) މިހުރިހައި ހިތްވަރެއް މިކުރައްވަނީ عـيســـى ގެފާނަށް މިއޮންނަ މަޤާމު ހޯއްދަވާންވެގެންނެވެ. ޢީސާއީންނާއި އެހެނިހެން މީސްތަކުން މަޑުމަޑުން ލަވަމުން ކައިރިޔަށް ގެންނަވައި އެ އެންމެން ލައްވައި އެކަލޭގެފާނަށް އަޅުކަން ކުރުވާށެވެ. އަދި މިހައިތަނަށް އެކަން ފާޅުނުކުރެއްވި ކަމުގައިވިޔަސް ފެންނަމުންދާ ހެކިތަކުން އެކަން އެނގެއެވެ." (نــعــــوذ بـــاللّــــه)
ވިސްނައިވަޑައިގަންނަވާށެވެ. މިއީ ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ދުވަހަކުވެސް ކުރެއްވި ދަޢުވާއެއް ނޫނެވެ. ދުވަހަކުވެސް އިޝާރަތަކުންވެސް ކިނާޔަތަކުންވެސް މިފަދަ އެދުންފުޅެއް ފާޅުކުރައްވައިފައެއް ނުވެއެވެ. އަދި ކީއްތޯއެވެ. އެމާތް ސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ވަޞިއްޔަތް ކުރައްވައިފައިވަނީ އެމާތް ސާހިބާ ސުވަރުގެ ވަޑައިގެންނެވުމަށްފަހު އެމާތް ސާހިބާގެ ޒިޔާރަތްފުޅުވެސް އަޅުކަންކުރެވޭ ތަނަކަށް ނުހެދުމަށެވެ. މިއީ އިސްލާމްދީނުގެ ދުޝްމިނުން ކަމުގައިވާ ޔަހޫދީންގެ ޚިޔާލީ އުފެއްދުމެކެވެ. ނަމަވެސް ނަޖްރާންގެ ވަފުދުގެ މެމްބަރުންނަށްވަނީ ޔަހޫދީންގެ މި ވިހަ ވާހަކައިގެ އަސަރު ފޯރައިފައެވެ. ނަޖްރާނުގެ ވަފުދުގެ މެމްބަރެއްކަމުގައިވާ أبــــونــافــــع قـــرظــــى ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އާ ޞަރީޙުކޮށް އެސުވާލު ކުރިއެވެ. "ކަލޭގެފާނު ބޭނުންފުޅުވަނީ ނަޞާރާއިން عـيســـى عــلــيـــه الـسّــلام އަށް އަޅުކަންކުރާ ފަދައިން ކަލޭގެފާނަށް އަޅުކަންކުރުވާން ދޮގެއްތޯއެވެ؟" ނަޖްރާނުގެ ވަފުދުގެ އެހެން މެމްބަރެއްކަމުގައިވާ އައްރިއްބުސު (ނުވަތަ އައްރައީސު) ވެސް އެ ސުވާލު ކުރިއެވެ. "އޭ محـمّــد އެވެ. (صـلّـــــى اللّــــه عــلـيــــه وسـلّـــــم) ކަލޭގެފާނު އަޅުގަނޑުމެންގެ ކިބައިން ބޭނުންފުޅުވަނީ އަދި އަޅުގަނޑުމެންނަށް ދަޢުވަތު ދެއްވަނީ އެކަމަށްތޯއެވެ؟" އިތުރު ސާހިބާ ޖަވާބު ދެއްވިއެވެ. "މާތް اللّــــه ފިޔަވައި އެހެންފަރާތަކަށް އަޅުކަން ކުރުމަށް ނުވަތަ އަޅުކަންކުރާން ދަޢުވަތު ދިނުމުގެ ނުބައިކަމުން އަހުރެން ސަލާމަތް އެދެމެވެ. މާތް اللّــــه އަހުރެން ފޮނުއްވީ ތިޔަކަމަކަށެއް ނޫނެވެ. އަދި ތިޔަކަމަށް އަހުރެންނަކަށް އަމުރެއްވެސް ނުކުރައްވައެވެ." ކީރިތި ޤުރްއާނުގައިވެސް ހަމައެވަގުތުވަނީ އެވާހަކަތަކަށް ރައްދު ދެއްވައިފައެވެ. ވަޙީކުރެއްވި އާޔަތުގެ މާނައިގައިވެއެވެ.
"اللّــــه އެމީހަކަށް ފޮތާއި، ޙިކްމަތާއި ނަބީކަން ދެއްވުމުން ދެން اللّــــه ދޫކޮށް ތިމަންނާއަށް އަޅުކަންކުރާ މީހުންކަމުގައި ތިޔަބައިމީހުންވާށޭ މީސްތަކުންނަށް ބުނުމަކީ (އެކަންތައް ދެއްވި) އެއްވެސް އިންސާނަކަށް އެކަށީގެންވާކަމެއް ނޫނެވެ." (آل عـمـــــران: 79)
އިންސާނިއްޔަތުގެ ޤާއިދު صـلّـــــى اللّــــه عــلـيــــه وسـلّـــــم މައްކާ ދޫކޮށްލައްވައި ހިޖްރަކުރައްވައި މަދީނާއަށް ވަޑައިގެންނެވުމުންވެސް މައްކާގެ މުޝްރިކުންގެ ހިތްހަށި ހަމައެއް ނުވެއެވެ. އެބައިމީހުންގެ ޢަދާވަތްތެރިކަމުގެ ބާބު އެހައިތަނުންވެސް ކުރުކޮށެއްނުލައެވެ. އަދި ކީއްތޯއެވެ؟ އަލުން މޯޅިޔަށް ދެމިލައިފައި ޢަމަލީ ކުރިމަތިލުންތަކަށް ފަށައިގަތީއެވެ. ޢަސްކަރީގޮތުން ކުރިމަތިލާނެ ގޮތްތަކާމެދު ފިކުރުހިންގައި ރޭވުންތައް ރާވާން ފަށައިގަތީއެވެ. މައްކާގެ މުޝްރިކުންގެ ޖާސޫސުން ރެއެއް ދުވާލެއްނެތި ގެންދިޔައީ މަދީނާގެ ވަށައިގެން މުގޯލި އަޅަމުންނެވެ. މައްކާގެ މުޝްރިކުންނާއި މަދީނާގެ ޔަހޫދީންނާ ދެމެދު ދިޔައީ މެދުކެނޑުމެއްނެތި ސިޓީބިޓީ ހިނގަމުންނެވެ. މައްކާގެ ޢަސްކަރީ ގެމަތައް ހުއްޓުމެއްނެތި ދިޔައީ މަދީނާގެ ސަރަޙައްދުގައި ހޯރައަޅަމުންނެވެ.
އޭގެ ޖަވާބުގައި މަދީނާގެ އިސްލާމީ ދައުލަތަށްވެސް މަޖްބޫރުވެފައިވަނީ އަމިއްލަ ދިފާޢީ ނިޒާމެއް ޤާއިމުކުރާށެވެ. ޢަސްކަރީ ގެމަތަކާއި ޚަބަރުހޯދައި މަޢުލޫމާތު އެއްކުރާ ވިލިވިލި ފަރާތްފަރާތަށް ފޮނުވާށެވެ. ޤުރައިޝުންގެ ޖާސޫސުންނާއި ޢަސްކަރީ ގެމަތަކުގެ އައިސްގޮސްވުމާ ބެހޭގޮތުން މަޢުލޫމާތު އެއްކުރަމުން ގެންދާށެވެ. އައު ދައުލަތުގެ ސަރަޙައްދަށް ފަރިތަވެ އެ ސަރަޙައްދުގެ ޖޯގްރަފީ ޙާލަތަށް ފިސާރިޔަކަށް ހޭނޭށެވެ. އިސްލާމީ ދައުލަތުން ފޮނުވަމުންގެންދިޔަ ބުރުޖަހާ ގެމަތަކުގެ އަދި އެހެން މަޤްޞަދެއްވެސް އޮތެވެ. އެއީ މުސްލިމުންވެސް ތިބީ ނިދައިފައެއް ނޫންކަމާއި ފިސާރި ހޭލައި ބަލަހައްޓައިގެންކަން މައްކާގެ މުޝްރިކުންނަށް އެންގުމެވެ. މައްކާގެ މުޝްރިކުން އަމާންކަމާއި ޞުލްޙަވެރިކަމުގެ ވެށި ކިލަނބުކުރަމުން ގެންދާކަމުގައިވާނަމަ މައްކާގެ ވިޔަފާރި ޤާފިލާތައް ޝާމުކަރަޔަށް ދަތުރުކުރާ މަގުތައް ބަންދުވެދާނެކަމަށް ދުރާލައި އިންޒާރު ދިނުމެވެ.
(ނުނިމޭ)
ދީން
ދީން
ދީން
ދީން