މާލޭގެ ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަން ހާސިލުކުރުމަށް ޓަކައި، ބޭނުންވަނީ ސަރުކާރަށާއީ އެ މަނިކުފާނަށް ފުރިޔަމަޔަށް އެބާރުލުން ދީގެން އެކުގައި މަސައްކަތް ކުރައްވާނެ މޭޔަރެއް ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް. ޑރ. މުއިއްޒު މިހެން ވިދާޅުވީ، މާދަމާ އަކީ މާލޭގެ މޭޔަރަކު ހޮވުމަށް ބާއްވާ ބައި އިލެކްޝަން އޮންނަ ދުވަހަށް ވާތީ، އެކަމާއި ގުޅުވައިގެން މިއަދު ދެއްވި ވީޑިއޯ މެސެޖެއްގައެވެ.

ރައީސް ވިދާޅުވީ، އެ މަނިކުފާނު ބޭނުންފުޅު ވަނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކަންކަން ކުރައްވާން ކަމަށެވެ. އެހެން ކަމުން، މާލޭގެ ކަންކަން ކުރުމުގައި، ރައްޔިތުން އިންިތހާބު ކޮށްފައިވާ މޭޔަރާއި ކައުންސިލަރުން މެދުވެރިކުރައްވައިގެން މާލޭގެ ރައްޔިތުންނަށް ބޭނުންވާ ކަންކަން ކުރެއްވުމަކީ އެ މަނިކުފާނު ބޭނުންފުޅުވެވަޑައިގަންނާ ގޮތް ކަމަށް ފާހަގަކުރެއްވި އެވެ.

ޗައިނާ ދަތުރުގެ ތެރެއިން، ވަރަށް ގިނަ ކަންކަން ހަމަޖެހިގެން ގޮސްފައިވާ ކަމަށާއި އެ ގޮތުން 100 އެނދުގެ ޓާޝަރީ ހޮސްޕިޓާވެސް ހިލޭ އިމާރާތް ކުރެވިގެން ދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. މީގެ އިތުރުން ވެސް ހައުސިން އާއި މަގު ހެދުން ފަދަ އެތައް ކަމެއް މާލޭގެ ރައްޔިތުންނަށް ޓަކައި ހަމަޖެހިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"މިކަންކަން ކުރަން އަޅުގަނޑު ބޭނުންވަނީ ލާމަޒުކަޒީ ނިޒާމުގެ ތެރެއިން. މޭޔަރު މެދުވެރިކޮށް. ރައްޔިތުންނަށްޓަކާ އިންތިހާބުކޮށްފަ ތިބޭ، ރައްޔިތުންގެ ފަރާތުން ތިބި މޭޔަރުންނާ ކައުންސިލަރުން މެދުވެރިކޮށް. އެހެންވީމަ ވިލިމާލޭގެ ރައްޔިތުންވެސް، މިކަންކަމުގަ އަޅުގަނޑާ އެކީގަ މަސައްކަތްކުރާނެ އަޅުގަނޑަށް ފުރިހަމަޔަށް ތާއީދާއި އެއްބާރުލުން ދޭނެ މޭޔަރަކު ހޮވުމަކީ މުހިންމުކަމެއް. ކެންޑިޑޭޓު ނަންބަރު 3، އާޒިމާއަކީ އެކަން ކުރައްވާނެ ބޭފުޅާކަން ޔަގީން. މުޅި މާލެ ސިޓީގެ ހުރިހާ ރައްޔިތުންވެސް ވިސްނާވަޑައިގަންނަވަންވީ މިގޮތަށް" ރައީސް ވިދާޅުވި އެވެ.

ރަސްމާލެ ހިއްކަނީ މާލޭ ރައްޔިތުންނަށް ދިމާވެފައިވާ ގެދޮރުގެ މައްސަލަ މިހާރު މި ހިކިފައިވާ، އަދި ހިކެމުންދާ ތަންތަނުން ނުފުދޭތީ ކަމަށް ރައީސް ވިދާޅުވި އެވެ. ހުޅުމާލެ، ގިރާވަރު ފަޅު ފަދަ ތަންތަން ހިއްކެން އޮތް އެންމެ ބޮޑަކަށް ހިއްކަވާނެ ކަމަށްވެސް ރައީސް ފާހަގަކުރެއްވި އެވެ. މާލޭގެ ގެދޮރުގެ މައްސަލައަކީ އެންމެ ބޮޑު މައްސަލަ ކަމަށް ރައީސް ވިދާޅުވަމުން ގެންދަވާ ވިދާޅުވުން މި މެސެޖުގައި ވެސް ތަކުރާރު ކުރެއްވިއެވެ. މި މައްސަލަ ހައްލުވާނީ ފުށިދިއްގަރު ފަޅު ހިއްކައި ރަސްމާލެ ތަރައްގީ ކޮށްގެން ކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ.

"އެހެން ނަމަވެސް އެކަމަކީ ކޮށްގެން ވާނެކަމެއް ނޫނޭ، އެކަން ހުއްޓުވާނަމޭ ބުނާ ޕާޓީއެއްގެ މީހަކު މޭޔަރަކަށް އައިއްސިއްޔާ ދެން މާލޭ ރައްޔިތުންނަށް އޭގެން ކޮންކަމެއްތޯ ނަތީޖާއަކަށް އަންނާނީ؟ އެހެންވީމަ މި ހުންނަނީ ވިސްނަން ޖެހޭނެ ކަންތައްތައް" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ސަރުކާރާއި މާލޭ ރައްޔިތުންނާ ދޭތެރޭ ހުރަހަކަށް ވާނެ މީހަކު މި ވަގުތު ޚިޔާރުކުރުމަކީ މާލޭގެ ރައްޔިތުންނަށް ފައިދާވާނެ ގޮތެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ. އެ މަނިކުފާނު ނުކުމެވަޑައިގެން ހުންނެވީ މާލޭ ރައްޔިތުންނަށް ބޭނުންވެފައި ހުރި ހުރިހާކަމެއް ކުރެއްވުމަށް ކަމަށާއި އެ ކަމަށް ހުރަސްއަޅުއްވާނެ ބޭފުޅަކު، މާލޭގެ މޭޔަރުކަމަށް މާލޭގެ ރައްޔިތުން ނުހޮއްވަވާނެކަން ޔަގީން ކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒުގެ މެސެޖު ނިންމަވާ ލައްވާފައި ވަނީ ރާއްޖޭގެ ރައްޔިތުން އެ މަނިކުފާނަށް ކުރެއްވި އިތުބާރަށް ޓަކައި ޝުކުރު އަދާކުރައްވައި، އެއްވެސް ރައްޔިތަކު ތަފާތުކުރުމެއް ނެތި، ހުރިހާ ރައްޔިތުންނަށް ހިދުމަތްކުރެއްވުންމަތީ ދެމިހުންނަވާނެ ކަމުގެ ޔަގީންކަން ދެއްވަމުންނެވެ.