ރާއްޖޭގެ ތިން ރަށެއްގައި ކަށަވަރު ޝޯރޫމުތައް ގާއިމުކުރަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމައިފިއެވެ.

އެމްޓީސީސީން ތިން ރަށެއްގައި ކަށަވަރު ޝޯރޫމުތައް ގާއިމުކުރުމަށް ނިންމާފައިވާކަން އިއުލާންކޮށްފައިވަނީ އެމްޓީސީސީ ކަށަވަރު ޝޯރޫމްގައި މިއަދު ކުރިއަށްގެންދިޔަ "ކަށަވަރު ޕްރޮމޯ 2023"ގެ ނަސީބުވެރިޔާ ހޮވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

އެމްޓީސީސީން ކުރިއަށް ރާވާފައި ހުރި ކަންތައްތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އެމްޓީސީސީގެ ސީއީއޯ އަބްދުﷲ ޒިޔާދު ވިދާޅުވީ އެ ކުންފުނީގެ ކަށަވަރު ޝޯރޫމްގެ ގޮފިތައް އިތުރުކުރުމަށް ރާއްޖޭގެ ތިން ރަށެއްގައި ކަށަވަރު ޝޯރޫމް އައުޓްލެޓްތައް ގާއިމުކުރާނެ ކަމަށެވެ.

ކަށަވަރު ޝޯރޫމުތައް ގާއިމުކުރަން ރަށްތަކަކީ ގދ. ތިނަދޫއާއި އައްޑު ސިޓީ ހިތަދޫ އަދި ކުޅުދުއްފުށި ސިޓީ ކަމަށާއި އެ ތަންތަނުގައި ހުޅުވާ ޝޯރޫމްތަކުން އެ ކުންފުނިން ދެމުންގެންދާ ހިދުމަތްތަކާ ގުޅޭ މައުލޫމާތު ކަސްޓަމަރުންނަށް ލިބޭނެ އިންތިޒާމުތައް ހަމަޖައްސާނެ ކަމަށެވެ. އަދި މާލޭގައި ހުރި ކަށަވަރު ޝޯރޫމްވެސް އިތުރަށް ތަރައްގީކޮށް، ކަސްޓަމަރުން ގަންނަށް ބޭނުންވާ މުދާ ފެންނާނެ ގޮތަކަށް ޑިސްޕްލޭކުރާނެ ކަމަށް ޒިޔާދު ވިދާޅުވިއެވެ.

ޒިޔާދު ވިދާޅުވީ ތިނަދޫ އާއި އައްޑޫ އަދި ކުޅުދުއްފުށީގައި ގާއިމުކުރާ އެ ޝޯރޫމްތަކުން ލިބެގެންދާ ހިދުމަތްތަކާ ގުޅޭ އިތުރު މައުލޫމާތު ފަހުން ހިއްސާކުރައްވާނެ ކަމަށެވެ.