ސައުދީ އަރަބިއާގެ ރިޔާދުގައި ކުޅުނު ސްޕެނިޝް ސުޕަ ކަޕް ސެމީ ފައިނަލުގައި އެތުލެޓިކޯ މެޑްރިޑް ބަލިކޮށް، ރެއާލް މެޑްރިޑުން ފައިނަލަށް ދަތުރު ކޮށްފިއެވެ.
އިތުރު ވަގުތުގެ ދެ ހާފް ކުޅެގެން ރެއާލްއިން ރޭގެ މެޗު ކާމިޔާބުކުރީ 5-3 ގެ ނަތީޖާއަކުންނެވެ. ރެއާލްއާ ދެކޮޅަށް ފައިނަލުގައި ނުކުންނަ ޓީމު ޔަގީންވާނީ މިރޭ ކުޅޭ ދެވަނަ ސެމީ ފައިނަލް މެޗަށްފަހުއެވެ. މިރޭގެ މެޗުގައި ބާސެލޯނާއިން ނުކުންނާނީ އޮސަސޫނާއާ ދެކޮޅަށެވެ. އެންމެފަހުގެ ޗެމްޕިއަން ޓީމަކީ ބާސާއެވެ.
ރިޔާދުގެ އަލް ނަސްރު ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި އެތުލެޓިކޯއިން ލީޑު ނެގީ ހަވަނަ މިނިޓްގައި މާރިއޯ ހާމޯސޯ ޖެހި ގޯލުންނެވެ. އެ ގޯލާއެކު އެތުލެޓިކޯއިން ލީޑު ނެގި ނަމަވެސް، 20 ވަނަ މިނެޓުގައި އެންޓޯނިއޯ ރުޑިގާ ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އަދި އޭގެ ނުވަ މިނެޓް ފަހުން، ފާލެންޑް މެންޑީ ވަނީ ރެއާލްއަށް މެޗުގައި ލީޑު ނަގައިދީފައެވެ.
ގޯލުތައް ގިނަކޮށް ފެނުނު މެޗުގެ ހާފު ނިމުމުގެ ކުރިން އެތުލެޓިކޯއިން އަނެއްކާވެސް ނަތީޖާ ހަމަހަމަ ކުރިއެވެ. އެ ގޯލު ޖެހީ އެންޓޮއިން ގްރީޒްމަންއެވެ.
ދެވަނަ ހާފު ފޯރިގަދަކޮށް ފެނިގެން ދިޔަ އިރު، 78 ވަނަ މިނެޓުގައި އެތުލެޓިކޯއިން ލީޑު ނެގިއެވެ. އެތުލެޓިކޯއިން ލީޑު ނެގީ ރުޑިގާ އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. އެ ގޯލާއެކު އެތުލެޓިކޯ މޮޅުވާން ދަނިކޮށް، 85 ވަނަ މިނެޓުގައި ޑެނިއަލް ކަވަހާލް ޖެހި ގޯލުން އެއްވަރުކޮށް، މެޗު ދިޔައީ އިތުރު ވަގުތުގެ ކުޅުމަށެވެ.
އިތުރު ވަގުތުގައި ރެއާލްއިން ގޯލުތައް ޖެހީ މެޗު ނިމެން ދަނިކޮށެވެ. އޭގެ ތެރެއިން ފުރަތަމަ ގޯލު، ސްޓެފަން ސަވިޗް އަތުން ބައިކޮޅަށް ވަން އިރު، އަނެއް ގޯލު ޖެހީ ބްރަހީމް ޑިއާޒެވެ.
ސްޕނިޝް ސުޕަ ކަޕް
ސްޕނިޝް ސުޕަ ކަޕް
ސްޕނިޝް ސުޕަ ކަޕް
ސްޕނިޝް ސުޕަ ކަޕް