ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދަށް ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ޕަންގް ލީއުޔަން ޖާފަތެއް ދެއްވައިފިއެވެ.

ރައީސް މުއިއްޒުގެ ދެކަނބަލުން މިރޭ އެ ޖާފަތް ދެއްވާފައިވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ރައީސް މުއިއްޒު، ޗައިނާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ރައީސްގެ ދަތުރުފުޅުގެ ތެރެއިން ރާއްޖެ އާއި ޗައިނާ ސަރުކާރާ ދެމެދުގައި މިއަދު ވަނީ ރަސްމީ ވާހަކަތައް ބާއްވައިފައެވެ. އެ ވާހަކަތަކުގެ ތެރެއިން ވާހަކަފުޅުދައްކަވަމުން ޗައިނާގެ ރައީސް ޝީ ޖިންޕިން ވިދާޅުވެފައިވާ ގޮތުގައި ރައީސް މުއިއްޒު، ޗައިނާއަށް ކުރައްވާ ދަތުރުފުޅުން ދެ ގައުމުގެ ގުޅުމުގެ އާ ބާބެއް ފެށިގެންދާނެއެވެ.

އެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގެ އިގުތިސާދު ކުރިއެރުމުގައި ޗައިނާއިން މުހިންމު ދައުރެއް އަދާކުރާކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާ ކަމަށާއި ވޭތުވެދިޔަ އަހަރުތަކުގައި އެ ގައުމުގެ ދީލަތި އެހީ އެކި ދާއިރާތަކުން ރާއްޖެއަށް ލިބިފައިވާ ކަމަށެވެ. އެގޮތުން ބޯހިޔާވަހިކަމާއި، ތައުލީމީ ދާއިރާއާއި އުމްރާނީ ތަރައްގީގައި ލިބިފައިވާ އެހީ ރައީސް ވަކިން ހާއްސަކޮށް ފާހަގަކުރެއްވިއެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިން މިއަދު ވަނީ ރައީސް މުއިއްޒަށް ހޫނު މަރުހަބާއެއް ދަންނަވައިފައެވެ. ރައީސް މުއިއްޒަށް މަރުހަބާ ދެންނެވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި 21 ބަޑީގެ ސަލާމެއް ވަނީ އަރުވައިފައެވެ.

ރައީސް އޮފީހުން ބުނީ އެ ރަސްމިއްޔާތަށް ފަހު ޗައިނާ ސަރުކާރުގެ އިސްވެރިންނަށް ރައީސް މުއިއްޒު ތައާރަފުކޮށްދެއްވި ކަމަށާއި، ރައީސާއެކު ވަޑައިގެންނެވި ވަފުދުވެސް ޗައިނާ ސަރުކާރުގެ އިސްވެރިންނަށް ތައާރަފުކޮށްދެއްވި ކަމަށެވެ.

އެ ބައްދަލުވުންތަކުގެ އިތުރުން މިއަދު ރާއްޖެ އާއި ޗައިނާ އިން ވަނީ 20 ދާއިރާއަކުން ގުޅުން ބަދަހިކުރުމަށް އެއްބަސްވުންތަކެއްގައި ސޮއިކޮށްފައެވެ. އެ އެއްބަސްވުންތަކުގެ ތެރޭގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ އެއްބަސްވުމެއްގެ އިތުރުން ބެލްޓް އެންޑް ރޯޑް ކޯޕަރޭޝަން އެންޑް ބްލޫ ޕާޓްނާޝިޕްގެ އެއްބަސްވުމަކާއި ރަސްމާލޭގައި ގެދޮރުވެރިކަމުގެ މަޝްރޫއު ހިންގުމަށް އެހީ ދިނުމުގެ އެއްބަސްވުމެއްގެ ހިމެނެއެވެ. އަދި މީޑިއާގެ ދާއިރާ ތަރައްގީކުރުމާ ގުޅޭ އެއްބަސްވުމަކާއި ޑިޖިޓަލް ދާއިރާ ކުރިއެރުވުމާ ގުޅޭ އެއްބަސްވުމެއް ވެސް ހިމެނެއެވެ.

ރައީސް މުއިއްޒު ޗައިނާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރާއްޖެއިން އިންތިޒާމުކޮށްގެން އިއްޔެ ވަނީ އިންވެސްޓާސް ފޯރަމެއް ވެސް ބާއްވައިފައެވެ.