ލިވަޕޫލްގެ އިންގްލެންޑް ޑިފެންޑަރު ޓްރެންޓް އެލެކްސެންޑާ-އާނޯލްޑްގެ ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ ތިން ހަފުތާއަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެއެވެ.

އުމުރުން 25 އަހަރުގެ އާނޯލްޑްއަށް އަނިޔާވެފައި ވަނީ އެންމެފަހުން ލިވަޕޫލުން އެފްއޭ ކަޕްގެ ތިންވަނަ ބުރުގައި އާސެނަލާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އެ މެޗުން ލިވަޕޫލް 2-0 އިން މޮޅުވެފައިވާ އިރު، ލިވަޕޫލް މިވަގުތު އޮތީ ރަނގަޅު ފޯމެއްގައެވެ.

ލީގު ކަޕް ސެމީ ފައިނަލް ފުރަތަމަ ލެގުގައި މިރޭ ފުލަމްއާ ދެކޮޅަށް ނުކުންނަ އިރު، ލީގު ތާވަލުގެ އެއްވަނައިގައި އޮތީ ތިން ޕޮއިންޓްގެ ލީޑެއްގައެވެ. ކުރިއަށް ޕްރިމިއާ ލީގުގައިވެސް ލިވަޕޫލަށް ބުރަ ދުވަސްތަކެއް އޮތް އިރު، މިމަހުގެ 21 ވަނަ ދުވަހު ބޯންމައުތާ ދެކޮޅަށް ކުޅުމަށްފަހު ލީގު ކަޕް ސެމީ ފައިނަލްގެ ދެވަނަ ލެގަށް ޖެނުއަރީ 24 ވަނަ ދުވަހު ނުކުންނަން ޖެހޭނެއެވެ.

އެ މެޗުތަކާއި މިމަހުގެ ނިޔަލަށް ބާކީ ހުރި މެޗުތައްވެސް އާނޯލްޑަށް ގެއްލޭނެކަމަށް ބެލެވިފައި އޮތް އިރު، ލިވަޕޫލްގެ ފަރާތުން އެސިސްޓެންޓް ކޯޗު ޕެޕް ލިޖިންޑާސް ބުނީ އާނޯލްޑްގެ ލިގަމެންޓުން ކުޑަ ތަންކޮޅެއް ހަލާކުވެފައިވާ ކަމަށެވެ. ސްކޭނުން ބެލި ބެލުމުގައި އާނޯލްޑަށް ތިން ހަފުތާއެއްވަރު ގެއްލޭނެ ކަމަށްވެސް އޭނާ ބުންޏެވެ.

ލިޖިންޑާސް ބުނީ އާނޯލްޑް ނެތުމަކީ ބޮޑު ގެއްލުމެއް ކަމަށާއި، އުނދަގޫ މެޗުތަކުގައި ނަތީޖާ ނެރުމަށް އާނޯލްޑް އަބަދުވެސް އެހީތެރިވެދެމުން ދިޔަ ކަމަށެވެ.

ލިވަޕޫލްގެ ފަހަތުންނާއި މެދުތެރެއިންވެސް އާނޯލްޑްގެ މުހިއްމުކަން ފެނިގެން ގޮސްފައިވާ އިރު، އެޓީމަށް މިހާރު އޮތް އެންމެ ބޮޑު ޗެލެންޖަކީ އެފްރިކަން ކަޕް އޮފް ނޭޝަންސްއަށް މުހައްމަދު ސަލާހު ދިޔުމާއި އޭޝިއަން ކަޕަށް ޖަޕާނަށް ކުޅުމަށް އެންޑޯ ވަރަޓަރުވެސް ގައުމީ ޓީމަށް ގޮސް ތިބުމެވެ. އޭގެ އިތުރުން އެންޑީ ރޮބަޓްސަންއާއި ކޮސްޓަސް ސިމިކަސްވެސް އަނިޔާގައި ތިބި އިރު، ޑޮމިނިކް ޒޮބޮސްލާއީވެސް ހުރީ އަނިޔާގައެވެ.