ސޯޝަލް މީޑީއާ ޕްލެޓްފޯމް "އެކްސް"ގައި ކާކުން ނޭނގޭ ގޮތަށް ހިންގާ "ހަސަން ކުރުސީ" އެކަންޓާ އެއްވެސް ގުޅުމެއް ނޯންނަ ކަމަށާއި އެ އެކައުންޓާއި ދަރިކަނބަލުން މީރާ ލައިލާ ނަޝީދާވެސް ގުޅުމެއް ނޯންނަ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު އެހެން ވިދާޅުވީ ލަކްޝަދީބު ޕްރޮމޯޓު ކުރުމުގެ ނަމުގައި ރާއްޖެއާ ދެކޮޅަށް އިންޑީއާއިން ފެށި އެންޓި ކެމްޕޭނު މައްސަލަ އިންޑިއާއާއި ރާއްޖޭގެ ރައްޔިތުންގެ މެދުގައި ހޫނުވެފައިވާ މި ދަނޑިވަޅުގައި އެ އެކައުންޓުން އިންޑިއާއާ ދެކޮޅަށް ކުރަމުންދާ ޓުވީޓުތަކާ ގުޅިގެން، އެ އެކައުންޓު ހިންގަނީ ނަޝީދުގެ ދަރިކަނބަލުން މީރާ ކަމަށް ތުހުމަތުކޮށް، އިންޑިއާގެ ބައެއް މީހުން ޕޯސްޓު ކުރަން ފެށުމުން އެކަމަށް ރައްދު ދެއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ނަޝީދު ވިދާޅުވީ އެ އެކައުންޓު ކޮންޓްރޯލް ކުރަނީ އެ މަނިކުފާނާއި ދަރިކަނބަލުން ނޫން ކަމަށާއި އެ އެކައުންޓުން އިންޑިއާއާ ދެކޮޅަށް ކުރާ ޓުވީޓުތަކާ ހިޔާލު ތަފާތު ކަމަށެވެ.
އެ އެކައުންޓު ހިންގަނީ މީރާ ކަމަށް ތުހުމަތުކޮށް އިންޑިއާގެ ގިނަ ބަޔަކު އެކްސްގައި ޕޯސްޓު ކުރަމުންދާއިރު، ގިނަ ބަޔަކު އޭނާއަށް ބަދުބަސްވެސް ދަނީ ބުނަމުންނެވެ.
މި މައްސަލަ އުފެދުނީ ދާދި ފަހުން އިންޑިއާގެ ބޮޑު ބޮޑު ވަޒީރު، ނަރެންދުރަ މޯދީ ލަކްޝަދީބަށް ވަޑައިގެން، ކުރެއްވި އެކްސް ތަކަކަށް ފަހުއެވެ. މޯދީ ވަނީ ލަކްޝަދީބަކީ ވަރަށް ރީތި ތަނެއް ކަމަށާއި އެތަނަށް އިންޑިއާގެ ޓޫރިސްޓުން ދިއުމަށް އެދިވަޑައިގެންފައެވެ. އެކަމާ ގުޅިގެން، ރާއްޖޭގެ ބައެއް ފަރާތްތަކުން ވަނީ، އެއީ ރާއްޖޭގެ ފަތުރުވެރިކަމާއި ދެކޮޅަށް ނުސީދާކޮށް މޯދީ ފެއްޓެވި ކެމްޕޭނެއް ކަމަށް ބުނެ ވާހަކަ ފަތުރަން ފަށައިފައެވެ. އަދި އިންޑިއާގެ ބައެއް ފަރާތްތަކުންވެސް ވަނީ އެގޮތަށް މާނަކޮށް ރިޕޯޓުތައް ކުރާން ފަށާފައެވެ.
އެ މައްސަލަ އިތުރަށް ހޫނުވީ ރާއްޖޭގެ ޔޫތު މިނިސްޓްރީގެ ތިން ޑެޕިއުޓީ މިނިސްޓަރަކު މޯދީއަށް ބަދުވަސް ވިދާޅުވެ، ފާޑުވިދާޅުވެ ޕޯސްޓުތަކެއް ކުރެއްވުމުންނެވެ. އެމައްސަލަ ހޫނުވެ، އިންޑިއާ ރައްޔިތުން ދަނީ ރާއްޖެ ބޮއިކޮޓު ކުރުމަށް ސޯޝަލް މީީޑއާގައި ކެމްޕޭނު ކުރަމުންނެވެ.
ރާއްޖެއަށް ހަދާފައިވާ ބުކިންތައްވެސް ގިނަ ބަޔަކު ކެންސަލް ކުރަމުންދާއިރު، އެ ގައުމުގެ ބައެއް ޓްރެވެލް އެޖެންސީތަކުން ވަނީ ރާއްޖެއަށް ޓިކެޓު ވިއްކުންވެސް ހުއްޓާލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު