ގައުމީ އެއާލައިން، މޯލްޑިވިއަންއަށް ބޮއިން މަރުކާގެ މަތިންދާ ބޯޓެއް ކުއްޔަށް ނަގަން އިއުލާނުކޮށްފިއެވެ.

މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސް ލިމިޓެޑު (އައިއޭއެސް) އިއްޔެ ކުރި އިއުލާނެއްގައި ވަނީ ބޮއިން 8-787 މަރުކާގެ ބޯޓެއް ޑްރައި ލީޒްކޮށްދޭނެ ފަރާތެއް ހޯދަން ޕްރޮޕޯޒަލް ހުށަހަޅަން ހުޅުވާލައިފައެވެ.

އައިއޭއެސްއިން ބުނީ ބޮއިން 787ގެ ބޯޓެއް ގެންނަނީ މޯލްޑިވިއަންގެ ބައިނަލްއަގުވާމީ ދަތުރުތައް އިތުރުކޮށް، ދުރު މަންޒިލްތަކަށް ފްލައިޓުތައް ތައާރަފު ކުރަން ކަމަށެވެ. ރާއްޖޭގެ ފަތުރުވެރިކަން ފުޅާކޮށް ކުރިއެރުވުމަށް ކަމަށް ވެސް އައިއޭއެސް އިން ބުންޏެވެ.

ބޮއިންގް 787-8 މަރުކާގެ ބޯޓަކީ 250 ސީޓް ހުންނަ ބޯޓެކެވެ. މި މަރުކާގެ ބޯޓު ދަތުރުތަކުގައި ބޭނުން ކުރަން ފެށީ 2011 ވަނަ އަހަރުއެވެ.

އައިއޭއެސްއިން ބުނީ މި ބޯޓު ހޯދަނީ ހަ އަހަރުގެ މުއްދަތަށް ކަމަށާއި މި އަހަރުގެ ދެ ވަނަ ކުއާޓަރުގައި ބޯޓު ކުއްޔަށް ނަގަން ބޭނުންވާ ކަމަށެވެ. ބޯޓުގައި އިކޮނޮމިކް އަދި ބިޒްނަސް ކްލާސް ހުންނަންވާނެ ކަމަށާއި ބިޒްނަސް ކްލާސްގައި މަދުވެގެން 15-20 ސީޓް ހުންނަންވާނެ ކަމަށް ވެސް ބުންޏެވެ.

މަތިންދާ ބޯޓު ފޯރުކޮށްދޭން ބިޑު ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 25 ވަނަ ދުވަހުގެ މެންދުރުފަހު 2:30 އާ ހަމައަށް ވަނީ ހުޅުވާލައިފައެވެ.

މޯލްޑިވިއަންގައި މިވަގުތު 22 ފްލައިޓް އެބަ އޮތެވެ. އޭގެ ތެރޭގައި އެއާބަސް 320 މަރުކާގެ ބޯޓެއްގެ އިތުރުން އޭޓީއާރް މަރުކާގެ ތިން ބޯޓާއި ޑޭޝް8 މަރުކާގެ 10 ބޯޓު އަދި ޓްވިން އޮޓާ 11 ސީޕްލޭން ހިމެނެއެވެ.