ޗައިނާއަކީ ރާއްޖޭއަށް އެންމެ ގިނަ ފަތުރުވެރީން އަންނަ ގައުމުކަމަށް ހެދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގަންވަފައިފިއެވެ.
ރާއްޖެއަށް ޗައިނާގެ އިންވެސްޓަރުން ހޯދުމަށް ރާއްޖޭގެ އިކޮނޮމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން ޗައިނާގައި ބޭއްވި "އިންވެސްޓް މޯލްޑިވްސް 2024" ފޯރަމުގައި މިއަދު ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ކޮވިޑުގެ ބަލިމަޑުކަމުގެ ކުރިން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަނީ ޗައިނާއިން ކަމަށެވެ. އެހެންކަމުން އަނެއްކާވެސް ޗައިނާއިން އެ މަގާމު ހޯދަން ރައީސް އެދިވަޑައިގެންނެވިއެވެ.
ކޮވިޑަށް ފަހު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމަކީ އިންޑިއާ އެވެ. ވޭތުވެ ދިޔަ ތިން އަހަރުވެސް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމުގެ ގޮތުގައި އިންޑިއާ އޮތް އިރު، ޗައިނާގެ ފަތުރުވެރިން އަލުން ރާއްޖެ އަންނަން ފަށާފައި ވަނި މިދިޔަ އަހަރުގެ ޖެނުއަރީގައެވެ.
މިދިޔަ އަހަރު އިންޑިއާއިން ރާއްޖެއަށް 209،198 ފަތުރުވެރިން އައިސްފައިވާއިރު، ޗައިނާއިން އައީ 187،118 ފަތުރުވެރިންނެވެ. އެއީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމުތަކުގެ ލިސްޓުން ތިން ވަނައެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވެފައި މި ވަނީ އިންޑިއާގެ ލަކްޝަދީބު ޓޫރިސްޓު މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓު ކުރުމުގެ ނަމުގައި ރާއްޖެއާ ދެކޮޅަށް އެންޓިކެމްޕޭނެއް ފެށުމާއެކު، މައްސަލަ ހޫނުވެ، އިންޑިއާގެ ގިނަ ފަތުރުވެރިން ރާއްޖެއަށް އަންނަން ހަދާފައިވާ ބުކިންތައް ކެންސަލް ކުރަމުންދާ ދަނޑިވަޅެއްގައެވެ. ސޯޝަލް މީޑިއާގައި ބައެއް މީހުން ރާއްޖެ ބޮއިކޮޓު ކުރުމަށްވެސް ކެމްޕޭނު ކުރަމުންދާއިރު، ބޮލީވުޑުގެ ބައެއް ތަރިންވެސް ވަނީ އެ ހަރަކާތާ ގުޅިފައެވެ.
މި މައްސަލަ އުފެދުނީ ދާދި ފަހުން އިންޑިއާގެ ބޮޑު ބޮޑު ވަޒީރު، ނަރެންދުރަ މޯދީ ލަކްޝަދީބަށް ވަޑައިގެން، ކުރެއްވި އެކްސް ތަކަކަށް ފަހުއެވެ. މޯދީ ވަނީ ލަކްޝަދީބަކީ ވަރަށް ރީތި ތަނެއް ކަމަށާއި އެތަނަށް އިޑިއާގެ ޓޫރިސްޓުން ދިއުމަށް އެދިވަޑައިގެންފައެވެ. އެކަމާއި ގުޅިގެން، ރާއްޖޭގެ ބައެއް ފަރާތްތަކުން ވަނީ، އެއީ ރާއްޖޭގެ ފަތުރުވެރިކަމާއި ދެކޮޅަށް ނުސީދާކޮށް މޯދީ ފެއްޓެވި ކެމްޕޭނެއް ކަމަށް ބުނެ ވާހަކަ ފަތުރަން ފަށައިފައެވެ. އަދި އިންޑިއާގެ ބައެއް ފަރާތްތަކުންވެސް ވަނީ އެގޮތަށް މާނަކޮށް ރިޕޯޓުތައް ކުރާން ފަށާފައެވެ.
މި ހޫނުގަނޑުގެ ތެރޭގައި، ރާއްޖޭގެ ތިން ޑެޕިއުޓީ މިނިސްޓަރަކު ވަނީ މޯދީއަށް ބަދުބަސް ވިދާޅުވެ ސޯޝަލް މީޑިއާގައި ޕޯސްޓުތަކެއް ކުރައްވައިފައެވެ. މައްސަލަ އިތުރަށް ގޯސްވެ ހުޅުފެޅީ މިހާ ހިސާބުންނެވެ. ދެން ފެށުނީ ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރުމުގެ ކެމްޕޭނެކެވެ. އެ ކެމްޕޭންގައި އިންޑިއާގެ ބޮލީވުޑް ބައެއް ތަރީންވެސް ވަނީ ބައިވެރިވެފައެވެ.
މޯދީއަށް ބަދުބަސް ވިދާޅުވި ތިން ނައިބުން ސަސްޕެންޑް ކޮށްފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ރާއްޖެއަށް އަންނާން އިންޑިއާގެ ފަތުރުވެރިން ހަދާފައިވާ ގިނަ އަދަދެއްގެ ބުކިންތައް މިދިޔަ ދެތިން ދުވަހެއްގެ ތެރޭގައި ވަނީ ކެންސަލް ކޮށްފައެވެ. އިންޑިއާގެ ފަތުރުވެރިކަމާ ބެހޭ ބައެއް ޖަމިއްޔާތަކުންނާއި ޓްރަވެލް އެޖެންސީތަކުން ވަނީ ރާއްޖެއަށް ނައުމަށް ބާރު އަޅައި ބަޔާންތައްވެސް ނެރެފައެވެ.
އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ގައުމުގެ ސަރުކާރުގެ ޑިމާންޑަކީ، މޯދީއަށް ފާޅުގައި ބަދުބަސް ވިދާޅުވި ނައިބު މިނިސްޓަރުން މަގާމުން ދުރުކުރުމެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު