އިނގިރޭސި އެފްއޭ ކަޕްގެ ތިންވަނަ ބުރުގައި ރޭ ކުޅުނު މެޗުގައި އާސެނަލް ބަލިކޮށް، ލިވަޕޫލުން ހަތަރު ވަނަ ބުރު ޔަގީންކުރި އިރު، މެންޗެސްޓާ ސިޓީންވެސް ބޮޑު މޮޅަކާއެކު އަނެއް ބުރަށް ދަތުރު ކޮށްފިއެވެ.
އާސެނަލުން އަމިއްލަ ދަނޑުގައި ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި އާސެނަލް އަތުން ގިނަ ފުރުސަތުތަކެއް ގެއްލިގެން ގޮސްފައިވާ އިރު، މެޗުގެ ފަހުކޮޅަށް ގޮސް ލިވަޕޫލުން ވަނީ ތަފާތު ދައްކައިފައެވެ. ހާއްސަކޮށް، މެޗުގެ ފަހު 10 ވަރަކަށް މިނެޓަށް ދިޔަ އިރު، މެޗު ޑޮމިނޭޓް ކުރަމުން ދިޔައީ ލިވަޕޫލުންނެވެ.
ފުރަތަމަ ހާފުގައި އާސެނަލްގެ މާޓިން އޮޑެގާޑުގެ ފޮނުވާލި ހަމަލާއެއް ދަނޑީގައި ޖެހުނު އިރު، ރީސް ނެލްސަންއާއި ކައި ހަވާޓްސްގެ ހަމަލާތައް ވީ ބޭކާރެވެ.
ރޭގެ މެޗަށް ލިވަޕޫލުން ނުކުތީ މުހައްމަދު ސަލާހާއި ވާޖިލް ވެން ޑައިކްވެސް ނުލައެވެ. ސަލާހް އެފްރިކަން ކަޕަށް ގޮސްފައިވާ އިރު، ވެން ޑައިކް ހުރީ ހުން އައިސްގެންނެވެ. މުހިއްމު ދެ ކުޅުންތެރިންނާ ނުލައި ކުޅުނު ލިވަޕޫލުން ދެވަނަ ހާފަށް ނުކުމެ ކުޅުން ރަނގަޅު ކުރި އިރު، 80 ވަނަ މިނެޓުގައި ޓްރެންޓް އެލެކްސެންޑާ- އާނޯލްޑް ޖެހި ހިލޭ ޖެހުން އާސެނަލްގެ ޖަކޮބް ކިވިއޯ ބޮލުގައި ޖެހިލައިފައި ގޯލަށް ވަނެވެ.
އޭގެ ފަހުން މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް، ލުއިސް ޑިއާޒް ލިވަޕޫލަށް ދެވަނަ ގޯލެއް ޖަހައިދީ މޮޅު ޔަގީންކުރިއެވެ.
ރޭ މެންޗެސްޓާ ސިޓީން އަމިއްލަ ދަނޑުގައި 5-0 އިން ހަޑަސްފީލްޑް ޓައުން ބަލިކުރި އިރު، ގޯލުތައް ޖެހީ ފިލް ފޮޑެންއާއި ޖުލިއަން އަލްވަރޭޒާއި ޖެރެމީ ޑޮކޫއެވެ. ފޮޑެން މެޗުގައި ދެ ގޯލު ޖެހި އިރު، ބެން ޖެކްސަން އަތުން ބައިކޮޅަށްވެސް ގޯލު ވަދެފައިވެއެވެ.
އިނގިރޭސި އެފްއޭ ކަޕް
އިނގިރޭސި އެފްއޭ ކަޕް
އިނގިރޭސި އެފްއޭ ކަޕް
އިނގިރޭސި އެފްއޭ ކަޕް