އެން ގެންގުޅުމާ ބެހޭ ދިރާސާއެއް ޖަޕާނު ސަރުކާރުގެ އެހީގައި ފަށައިފިއެވެ.

މި ދިރާސާގެ ދަށުން، ގދ. މަޑަވެލި ކަމަނަ ދޯނީގެ އެންވަތް ބަދަލުކޮށް އެން ގެންގުޅެވޭނެ ގޮތްތައް ދިރާސާކުރުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓްރި އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އިން ބުނެފިއެވެ.

ފިޝަރީޒް މިނިސްޓްރީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ކަމަނަ ދޯނީގެ އެންވަތަށް ބަދަލު ގެނެސް، އެންވަތުގެ ލޮނުގަނޑު ދައުރު ކުރުމާއި މަރުވެފައި ހުންނަ އެން ވަތަށް ނުފައިބައި، ވަތުން ނެގޭ ގޮތަށް އެންވަތަށް ބަދަލުގެނެސްފައިވާ ކަމަށެވެ.

އެ ދިރާސާގައި ދެން ކުރިއަށް ގެންދާނީ ސައިންޓިފިކް ގޮތުން ބަލަން ޖެހޭ ކަންތައްތައް ބަލައި އެއީ ކިހާ ކާމިޔާބުކަމެއްތޯ ބަލައި ދެނެގަތުމަށް ކުރާ ދިރާސާ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ. ކަމަނަ ދޯނީގެ ފަރާތުން މައުލޫމާތު ދޭ ގޮތުން އެންވަތަށް ގެނައި ބަދަލަކީ ރަނގަޅު ބަދަލެއް ކަމަށް މިހާރުވެސް ފެންނަ ނަތީޖާއިން ދައްކާ ކަމަށް މިނިސްޓްރީން ބުނެއެވެ.

ރާއްޖޭގެ މަސްވެރިކަން ކުރިއެރުވުމަށް ސަރުކާރުންދަނީ އެކި އެކި ކަންތައްތައް ހިންގާ ރާވަމުންނެވެ. މީގެތެރޭގައި ރާއްޖޭގައި މަސްވެރިކަމުގެ ފަންނު އުނގަންނައިދިނުމަށް ގާއިމުކުރާ މަސްވެރިކަމަށް ހާއްސަ ކޮލެޖު އުފެއްދުމުގެ މަސައްކަތް ފެށުމަށް އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ މަހުގެ 27 ވަނަ ދުވަހުގައެވެ.