ރާއްޖޭގައި އީވޮލެޓްގެ ޑިޖިޓަލް ހިދުމަތް ގާއިމުކޮށް، ޕޭޕަލްގެ ހިދުމަތް ރާއްޖޭގައި ފެށުމަށް އެމެރިކާ ސަރުކާރާއެކު މަޝްވަރާކުރަން ނިންމާފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.

މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ނިންމި ކަންކަމުގެ މައުލޫމާތު ހާމަކުރުމަށް ރައީސް އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، އޮންލައިން ޕޭމެންޓް ސިސްޓަމްތައް މެދުވެރިކޮށް ފައިސާ ލިބިގަތުމަށް ހުރި ހުރަސްތަކަށް ހައްލު ހޯދުމަށް ކެބިނެޓުގައި މަޝްވަރާ ކުރެއްވި ކަމަށެވެ.

"ރާއްޖޭގައި އީ-ވޮލެޓުގެ ހިދުމަތް ގާއިމުކުރުމަށްޓަކާ ބޭންކް އޮފް މޯލްޑިވްސްއަށް ދަންނަވައިގެން މި ހަފުތާ ތެރޭގައި ސަރުކާރުން ބޭނުންވާ ގޮތަށް ހަމަޖެއްސެމުގެ މަސައްކަތް ފެށުން. އަދި ހަމަ އެއާއެކު އީ-ކޮމާސް ޕްލެޓްފޯމެއް ކަމަށްވާ ޕޭޕަލްސްއަށް އެކްސެސް ހޯދުމާ ގުޅޭ ގޮތުން އެމެރިކާގެ ސަރުކާރާ މަޝްވަރާ ކުރައްވައިގެން މި ހިދުމަތައް އެކްސެސް ލިބޭނެ ގޮތް ހޯއްދެވުމަށް މަޝްވަރާ ކުރެއްވި" ނާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޕޭޕަލް ފަދަ އެހެނިހެން ޕްލެޓްފޯމުތަކަށް އެކްސެސް ހޯދުމަށްވެސް ކެބިނެޓުން މަޝްވަރާ ކުރެއްވި ކަމަށެވެ. އެއާއެކު ރާއްޖޭގައި ސައިބާ ސެކިއުރެޓީ ވަރުގަދަ ކުރުމަށް ހާއްސަ މަސައްކަތެއް ކުރުމަށް ޔޫއޭއީ އަދި ތުރުކީގެ އެހީތެރިކަން ހޯދުމާ ގުޅޭ ގޮތުން އެ ގައުމުތަކާއެކު ސަރުކާރުން މަޝްވަރާ ކޮށްފައިވާނެ ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގައި ޕޭޕަލް ބޭނުންކުރެވޭ ގޮތް ހަދައިދިނުމަށް މަސައްކަތް ކުރުމަކީ ރައީސް ޑރ. މުހައްމަދުގެ މުއިއްޒުގެ ވައުދުފުޅެކެވެ.