އަންނަ އަހަރުގެ ބޮޑު ޗުއްޓީ ޑިސެމްބަރު މަހު ލިބޭ ގޮތަށް ދިރާސީ އަހަރު ފަށާ ތާރީހަށް ބަދަލު ގެނެސްފިއެވެ.

ރާއްޖޭގައި ޒަމާނުއްސުރެ ދިރާސީ އާ އަހަރު ފަށަމުން އައީ ކޮންމެ އަހަރެއްގެ ވެސް ޖެނުއަރީ މަހުގައެވެ. ނަމަވެސް ކޮވިޑުގެ ހާލަތާއި ޓޫރިޒަމް އިންޑަސްޓްރީގެ ގިނަ ބައެއްގެ އެދުމުގެ މަތިން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން 2021 ވަނަ އަހަރުން ފެށިގެން ދިރާސީ އާ އަހަރު ފެށުން ވަނީ އޮގަސްޓު މަހަށް ބަދަލުކޮށްފައެވެ.

ނަމަވެސް ސްކޫލުތައް ފަށާ ދުވަސްވަރު ބަދަލުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެސިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ، އެގޮތަށް ނިންމީ މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމަށް އެޑިއުކޭޝަން މިނިސްޓްރީން ހުށަހެޅި ކަރުދާހަަށް މަޝްވަރާ ކުރުމަށްފަހު އެވެ.

"މި ނިންމުމުގައި 2025 ވަނަ އަހަރު ޑިސެމްބަރު މަހު ބޮޑު ޗުއްޓީ ލިބޭނެ. އެއީ އެންމެ ކުރިން އަޅުގަނޑުމެން ސްކޫލުގައި އުޅުނުއިރު ކަން ހިނގައި ދިޔަ ގޮތަށް. އަދި ހަމަ އެހެންމެ 2026 ވަނަ އަހަރުގެ އެކެޑެމިކް ކަލެންޑަރު ފެށިގެން ދާނީ ޖެނުއަރީ މަހު, ކުރިން ވެސް ފަށަމުން ދިޔަ އުސޫލަށް," ނާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވި އެ ބަދަލާއެކު ޖުލައި މަހު ތިން ހަފުތާގެ ޗުއްޓީއެއް އަދި ޑިސެމްބަރު މަހު ހަތަރު ހަފުތާގެ ޗުއްޓީއެއް ދަރިވަރުންނަށް ލިބިގެންދާނެއެވެ. އެކަން ކުރަން ރާވާފައިވަނީ ދަރިވަރުންނަށް ބޮޑެތި އުނދަގޫތަކެއް ނުވާނެހެން, ތައުލީމީ ކަލަންޑަރަށް މަޑުމަޑުން ގެނެވޭ ބަދަލުތަކަކާއެކު ކަމަށް ވިދާޅުވިއެވެ.