ސަރުކާރުން އިންޑިއާއަށް ފާޑުކިޔުން ހުއްޓާލަން ޖެހޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ޔޫނިއަން ޓެރިޓަރީގައި ހިމެނޭ ލަކްޝަދީބު ޕްރޮމޯޓު ކުރުމުގެ ނަމުގައި ރާއްޖެއާ ދެކޮޅަށް ފެށި ވަރުގަދަ ކެމްޕޭނުގެ ސަބަބުން މި ދުވަސްވަރު ސޯޝަލް މީޑިއާގައި ވަނީ މައްސަލަ ހޫނުވެފައެވެ. އެ މައްސަލައިގައި ސަރުކާރުގެ ބައެއް އިސް އޮފިޝަލުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ނިސްބަތްކޮށް ބަދު ބަސް ވިދާޅުވެފައިވާ އިރު، ގިނަ ބަޔަކު ދަނީ އެކަން ކުށްވެރި ކުރަމުންނެވެ.

އެކަމާ ގުޅިގެން ސަރުކާރުންވެސް ބަޔާނެއް ނެރެފައިވާ އިރު، ބަޔާނުގައި ބުނީ އެ އޮފިޝަލުންގެ ބަހަކީ އެމީހުންގެ އަމިއްލަ ހިޔާލު ހަމަށާއި އެއީ ސަރުކާރުގެ ބަސް ނޫން ކަމަށެވެ. އަދި ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކަށް ފިޔަވަޅު އަޅަން ފަސްނުޖެހޭނެ ކަމަށެވެ.

ސޯޝަލް މީޑިއާގައި އެ މައްސަލަ ހޫނުވެފައިވާ ދަނޑިވަޅުގައި ފައްޔާޒް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭން ހިންގީ ނަސްލީ ތަފާތުކޮށްގެން ކަމަށާއި އެކަން ސަރުކާރުގެ އަމަލުތަކުން ފެންނަ ކަމަށެވެ. އަދި ރާއްޖެއާ ގާތް ގުޅުމެއް އޮންނަ އިންޑިއާއަށް އަމާޒުކުރާ ފާޑުކިޔުންތައް ހުއްޓާލަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ އެ "މޮޔަކަން" ހުއްޓާލަން ޖެހޭ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އަސަރުކުރާނީ ހަމައެކަނި ރާއްޖޭގެ އިގުތިސާދަށް ނޫން ކަމަށާއި މުޅި އިންޑިއާ ކަނޑުގެ ސަރަހައްދުގެ ރައްކާތެރިކަމާމެދުވެސް ސުވާލުއުފެދޭ ކަމަށް ވިދާޅުވިއެވެ.

ސަރުކާރުން މިހާރު ވަނީ މޯދީއަށް ފާޑުވިދާޅުވި އޮފިޝަލުން ސަސްޕެންޑުކޮށްފައެވެ.