ލ. އަތޮޅުގެ އެންމެ ހިންގުންތެރި އެއް ޖަމިއްޔާ ކަމަށްވާ ލާމު ޔޫތު ޑެވަލޮޕްމަންޓު (ލީޑް)ގެ ފަރާތުން އިންތިޒާމުކޮށް ކުރިއަށްގެންދާ ފޮނަދޫ ކައުންސިލް ލީޑް ވެޓްރަންސް ފުޓްސަލް ކަޕް 2024ގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ޖާގަ، އައުޓްރީފް ސްޕޯޓްސް ކްލަބުން ހޯދައިފިއެވެ.

ފޮނަދޫ ފުޓްސަލް ދަނޑުގައި ކުރިއަށްދާ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ރޭވެސް ވަނީ ތިން މެޗު ކުޅެފައެވެ. ރޭގެ ފުރަތަމަ މެޗުގައި ގްރޫޕް ޑީގައި ލެކްރޯސް ސްޕޯޓްސް ކްލަބުން ވަނީ ޓީމް ކޭއޭސީއެލް ކައިރިން 16-0 އިން މޮޅުވެފައެވެ. އޭގެ ފަހުން ކުޅުނު ގްރޫޕް އޭގެ މެޗުގައި އައުޓްރީފުން ބެސްޓް ބަލިކުރީ 5-3ގެ ނަތީޖާއަކުންނެވެ. ރޭގެ ފަހު މެޗުގައި އެފްސީ ކިންގާއި ރިސްޓްރޭޓޯ ވާދަކޮށް، އެ މެޗު ނިމުނީ 4-4 އިން އެއްވަރުވެގެންނެވެ.

ލެކްރޯސްއިން ރޭ ކުޅުނު މެޗުގައި، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަބްދުﷲ ޝުޖާއު ވަނީ ދެ ހެޓްރިކް ހަދައިފައެވެ. ހުސައިން ހަމީދާއި އަހުމަދު ހަލީމް (އަންމަޑޭ)އާ ދެ ކުޅުންތެރިންވެސް މެޗުގައި ހެޓްރިކް ފުރިހަމަ ކުރި އިރު، މޫސާ އަލީއާއި މުހައްމަދު ސިނާޒާއި ދެ ކުޅުންތެރިންވެސް ވަނީ ކުޅުންތެރިޔަކު ދެ ގޯލު ޖަހައިފައެވެ.

ދެވަނަ މެޗު ފޯރިގަދަކޮށް ފެނިގެން ދިޔަ އިރު، އެ މެޗުގައި އައުޓްރީފްގެ ގޯލުތައް ޖެހީ ރާއްޖޭގެ ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އާއި އަހުމަދު އަބްދުލް ޝުކޫރު، މުހައްމަދު ޝާއިރު އަދި މުހައްމަދު އާރިފެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ޝާއިރު ވަނީ އައުޓްރީފަށް ދެ ގޯލު ޖަހައިދީފައެވެ.

ބެސްޓްގެ ގޯލުތައް މެޗުގައި ޖެހީ މުޖުތާޒު އަލީއެވެ. އޭނާ މެޗުގައި ހެޓްރިކް ހެދިއެވެ.

ރޭގެ ފަހު މެޗު އެއްވަރުވި އިރު، އެ މެޗުގައި ރިސްޓްރޭޓޯގެ ގޯލުތައް ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު އާދަމް ވަހީދާއި އަބްދުﷲ ނަސީރެވެ. އާދަމް ވަހީދު މެޗުގައި ހެޓްރިކް ހެދިއެވެ. ކިންގްގެ ގޯލުތައް ޖެހީ އަލީ އަކުރަމާއި އަބްދުލް ރައޫފް އަބްދުލް ރައްޒާގެވެ. އަކުރަމާއި ރައޫފް ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު ޖަހައިފައެވެ.

ޖުމުލަ 12 ޓީމާއެކު ކުރިއަށްދާ ލީޑް ވެޓެރަންސް ކަޕް 2024ގެ ޓައިޓަލް ސްޕޮންސަރަކީ ފޮނަދޫ ކައުންސިލެވެ. ޕްލެޓިނަމް ޕާޓްނަރަކީ މަޒީ ކެމިސްޓެވެ. ގޯލްޑް ޕާޓްނަރަކީ ލިޓަސްއެވެ. ސިލްވާ ޕާޓްނަރަކަށް ބޭންކް އޮފް މޯލްޑިވްސް ހަރަކާތްތެރިވާ އިރު، ކިޓް ޕާޓްނަރަކީ ޖާޒިއާއެވެ. ބެވަރޭޖް ޕާޓްނަރަކަށް ޖޭމް ކިޗަން ހަމަޖައްސާފައިވާ އިރު، ކޮފީ ޕާޓްނަރަކީ ޕިޒްކާއެވެ. އޭގެ އިތުރުން މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކީ އުރީދޫއެވެ. ސަޕޯޓިން ޕާޓްނަރުންނަކީ ލާމު ޕޮލިހާއި ބިގް ޝޮޓްސްއެވެ.

މުބާރާތުގެ މީޑިއާ ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.

މިއަހަރުގެ ލީޑް ވެޓެރަންސް ފުޓްސަލް ކަޕްގައި ރާއްޖޭގެ ނަން މަޝްހޫރު ކުޅުންތެރިން ފެނިގެންދާ އިރު، މިރޭވެސް ގްރޫޕް ސްޓޭޖު މެޗުތައް އޮންނާނެއެވެ.

20:30 ޔޫތު އެކަޑެމީ - ކަންމަތީ ސްޕޯޓްސް ކްލަބު

21:30 ލެކްރޯސް ސްޕޯޓްސް ކްލަބު - ލާމު ބްލޫސް

22:30 ހިތަދޫ ޔޫތު އެންޑް ވެޓެރަންސް ސްޕޯޓްސް ކްލަބު - ބެސްޓް