ރަޝިޔާ އާއި ޔުކްރޭނާ ދެމެދު 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ހުއްޓުމެއްނެތި ހުޅުވިފައިވާ ހަނގުރާމައެއް ދަނީ ކުރެވެމުންނެވެ. މި ހަނގުރާމައަށް ދެ އަހަރުވާން ގާތްވެފައިވާއިރު ޔުކްރޭނުގެ ސަރަހައްދުގެ ތެރެއިން ގާތްގަޑަކަށް 18 އިންސައްތަ އޮތީ ރަޝިޔާގެ ކޮންޓްރޯލްގެ ދަށުގައެވެ. ކްރައިމިއާވެސް ހިމެނޭގޮތުންނެވެ. އެކަމަކު ކްރައިމިއާއަކީ މިހާރު ކުރިއަށްދާ ހަނގުރާމައިގެ ކުރިން 2014 ވަނަ އަހަރު ރަޝިޔާއިން ހިފިތަނެކެވެ. ޔުކްރޭނާއި ރަޝިޔާގެ ހަނގުރާމައަކީ ދިގުދެމިގެންދާ ހަނގުރާމައަކަށް ވެފައިވާއިރު މިފެށުނު 2024 ވަނަ އަހަރަކީ މި ދެ ގައުމުގައިވެސް ރިޔާސީ އިންތިޚާބު ބާއްވަންޖެހޭ އަހަރެވެ. ރަޝިޔާގައި ރިޔާސީ އިންތިޚާބު ބާއްވަން ޖެހެނީ މިއަހަރުގެ މާރޗް މަހުގެ ތެރޭގައެވެ. ރައީސް ލަޑީމިއަރ ޕުޓިންގެ ރިޔާސީ ދައުރު އެހައިތަނަށް ހަމަވާތީއެވެ. ޔުކްރޭނުގައިވެސް އައު ރިޔާސީ އިންތިޚާބެއް ބާއްވަންޖެހެނީ މިއަހަރުގެ މާރޗް މަހުގެ ތެރޭގައެވެ. ރައީސް ލޮޑޮމީރް ޒެލެންސްކީގެ ދައުރު އެހައިތަނަށް ހަމަވާތީއެވެ.

ރައީސް ޕުޓިން އާއި ރައީސް ޒެލެންސްކީގެ ވެރިކަމުގެ ގާނޫނީ ދައުރު ހަމަވާން ދެންއޮތީ ތިންމަހަށްވުރެ ކުރު މުއްދަތެކެވެ. މި މުއްދަތުގެ ތެރޭގައި ހަނގުރާމައަށް ނިމުން އަންނާނޭކަމަށް ނުބެލެވެއެވެ. ބެލެވެނީ މިފެށުނު 2024 ވަނަ އަހަރަކީ ހަނގުރާމައިގެ ބިރުވެރިކަން އައު ހަރުފަތަކަށް އުފުލިގެންދާނޭ އަހަރެއް ކަމުގައެވެ. މިހިސާބުން އުފެދޭ ސުވާލަކީ ހަނގުރާމައިގެ ބިރުވެރިކަމާއި ނާމާންކަމުގެ މި ހާލަތުގައި ރަޝިޔާ އާއި ޔުކްރޭނުގައި ރިޔާސީ އިންތިޚާބު ބާއްވާނެތޯއެވެ. ރަޝިޔާއިން ވަނީ އިންތިޚާބަށް ތައްޔާރުވާން ފަށައިފައެވެ. އިންތިޚާބުގެ ތާރީޚުތައްވެސް ވަނީ އިއުލާންކޮށްފައެވެ. މާރޗް ފަނަރައިން ސަތާރައަށެވެ. މިއީ ފުރަތަމަ ބުރެވެ. މިބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ޖުމްލަ ވޯޓުގެ ފަންސާސް އިންސައްތައަށްވުރެ މަތިން ނުހޯއްދެވިއްޖެނަމަ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ބާއްވާނީ އެއް ހަފުތާ ފަހުން މާރޗް ސައުވީހުގައެވެ. މި ބުރުގައި ވާދަކުރައްވާނީ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދަވާ ދެ ކެންޑިޑޭޓުންނެވެ.

ރަޝިޔާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ޖުމްލަ ސޯޅަ ބޭފުޅަކު ވަނީ ކުރިމަތިލައްވައިފައެވެ. އަމިއްލަ ގޮތުން ކުރިމަތިލައްވާ ހަ ބޭފުޅުންނާއި އެކި ޕާޓީތަކުން ކުރިމަތިލައްވާ ދިހަ ބޭފުޅުންނެވެ. މިހާރު ހުންނެވި ރައީސް ލަޑީމިއަރ ޕުޓިން އަނެއްކާވެސް އައުދައުރެއް ހޯއްދެވުމަށްޓަކައި މި އިންތިޚާބުގައި ވާދަކުރައްވާނެއެވެ. ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައި ނުގަންނަވާ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައެވެ. މީގެތެރެއިން ކޮންމެވެސް އެއްބޭފުޅަކު އެޕްރީލް މަހުގެ ހަތްވަނަ ދުވަހު ރައީސްކަމުގެ ހުވާ ކުރައްވާނެއެވެ. ޔަގީނާ ގާތަށް ހީކުރެވެނީ އެބޭފުޅަކަށްވާނީ މިހާރުވެސް ހުންނެވި ރައީސް ލަޑީމިއަރ ޕުޓިން ކަމުގައެވެ. އޭނާއަށް އައު ދައުރެއް ލިބިވަޑައިގެންފިނަމަ ހަނގުރާމައަށް އަވަސް ނިމުމެއް ނެތެވެ. ރައީސް ޕުޓިންއާ އެންމެ ބޮޑަށް ވާދަކުރައްވާނެ ކަމަށް ބެލެވެނީ ބޮރިސް ނަޑެޒްޑިންއެވެ. މިއީ ހަނގުރާމައަށް އަވަސް ނިމުމެއް ގެނައުމުގެ ވައުދުތަކާއެކު ވާދަކުރައްވާ ކެންޑިޑޭޓެކެވެ. ގާނޫނުހަދާ މަޖިލީހުގެ ކުރީގެ މެންބަރެކެވެ. މީނާގެ ޕާޓީއަކީ ސިވިކް އިނީޝިއޭޓިވް ނަމަކަށް ކިޔުނު ޕާޓީއެކެވެ.

ރަޝިޔާގައި ރިޔާސީ ދައުރެއްގެ ދިގުމިނަކީ މިހާރު ހަ އަހަރެވެ. ކުރިން ހަތަރު އަހަރެވެ. މި ބަދަލު ގެނައީ 2008 ވަނަ އަހަރުއެވެ. އުމުރުފުޅުން މިހާރު 71 އަހަރުވީ ޕުޓން ވެރިކަން ކުރައްވަމުން ގެންދަވަނީ 2000 ވަނަ އަހަރުން ފެށިގެންނެވެ. އެންމެ ފުރަތަމަ ރައީސްކަމުގެ ދެ ދައުރު ފުރިހަމަ ކުރެއްވުމަށްފަހު 2008 ވަނަ އަހަރު ބޮޑުވަޒީރު ކަމެވެ. ދެން އަނެއްކާވެސް 2012 ވަނަ އަހަރުން ފެށިގެން ރައީސްކަމެވެ. ރަޝިޔާގައި އެންމެފަހުން ރިޔާސީ އިންތިޚާބު ބޭއްވީ 2018 ގައެވެ. ރައީސް ޕުޓިންގެ މަގްބޫލުކަން ހަނގުރާމައިގެ ސަބަބުން ކުޑަވި ކަމަކަށް ނުފެނެއެވެ. މަގްބޫލުކަންވީ އިތުރެވެ. ރަޝިޔާގެ ރައްޔިތުންގެ ތެރެއިން 80 އިންސައްތަ މީހުން ގަބޫލުކުރާ ގޮތުގައި ރައީސް ޕުޓިން ބަރާބަރެވެ. އެވަރުގެ އެހެން ލީޑަރަކު ނެތެވެ. ރައީސް ޕުޓިން ވިދިވިދިގެން ރައީސްކަމުގެ ތިންވަނަ ދައުރެއް ކާމިޔާބު ކުރައްވާނެ ކަމަށް ޔަގީންކުރެވެނީ ކުރިން ދެންނެވިހެން އޭނާގެ އެޕްރޫވަލް ރޭޓް މަތިކަމުންނެވެ.

ރަޝިޔާއާ ޚިލާފަށް ޔުކްރޭނުގައި ރިޔާސީ ދައުރެއްގެ ދިގުމިނަކީ ފަސް އަހަރެވެ. އެންމެ ފަހުން ރިޔާސީ އިންތިޚާބެއް ބާއްވާފައިވަނީ 2019 ގައެވެ. މިހާރު ހުންނެވި ރައީސް ލޮޑޮމީރް ޒެލެންސްކީ ވެރިކަމަށް ވަޑައިގެންނެވީ އެ އިންތިޚާބު ކާމިޔާބު ކުރައްވައިގެންނެވެ. މިހާރު ހަމަވަމުން އެދަނީ އޭނާގެ ރިޔާސަތުގެ ފުރަތަމަ ދައުރެވެ. ޔުކްރޭނުގެ ގާނޫނުއަސާސީގައި ބަޔާންކުރެވިފައިވާ ގޮތުން އައު އިންތިޚާބު ބާއްވަން ޖެހޭނީ ރިޔާސީ ދައުރެއްގެ އެންމެ ފަހު އަހަރުގެ މާރޗް މަހުގެ އެންމެ ފަހު އާދީއްތަ ދުވަހުއެވެ. އެ ދުވަހަކަށް ވަނީ މިއަހަރުގެ މާރޗް މަހުގެ އެއްތިރީސްވަނަ ދުވަހެވެ. ޔުކްރޭނުގެ ގާނޫނުއަސާސީގައި މިހެންވެސް ބަޔާންވެގެންވެއެވެ. ކުއްލި އަމުރުގެ ގާނޫނު ހިންގާފައިވަނިކޮށް އިންތިޚާބެއް ނުބޭއްވޭނެއެވެ. ރައީސެއްގެ ދައުރު ނިމޭނީ އައު ރައީސަކު މަގާމުގެ ހުވާކުރެއްވުމުންނެވެ. މިކަންކަމަށް ރިއާޔަތްކުރީމާ މާރޗް އެއްތިރީހުގައި އިންތިޚާބު ނުބޭއްވޭނެކަން ކަށަވަރުވެއެވެ. ޒެލެންސްކީގެ ވެރިކަން ނުނިމޭނެކަންވެސް ޔަގީންވެއެވެ.

ރަޝިޔާ ސިފައިން 2022 ވަނަ އަހަރުގެ ފެބްރުއަރީ ސައުވީހުގައި ޔުކްރޭނަށް އަރައިގަތުމާ ގުޅިގެން ޔުކްރޭނުގައި ވަނީ ކުއްލި އަމުރުގެ ގާނޫނު ހިންގައިފައެވެ. ކޮންމެ ހަތަރު މަހަކުން ހަތަރު މަހަކުން މި ގާނޫނު ދަނީ އައުކުރަމުންނެވެ. ކުއްލި އަމުރުގެ ގާނޫނު ދެމިއޮތްހައި ދުވަހަކު އިންތިޚާބެއް ނުބޭއްވޭނެއެވެ. އިންތިޚާބެއް ބާއްވައި އައު ދައުރަކަށް މީހަކު ހޮވައި އެމީހަކު މަގާމުގެ ހުވާ ނުކުރާހާ ހިނދަކު ރައީސް ޒެލެންސްކީގެ ރިޔާސީ ދައުރަށް ނިމުމެއްވެސް ނާންނާނެއެވެ. ޔުކްރޭނުގެ ގާނޫނުހަދާ މަޖިލީހުން މިހާރުވަނީ ހަނގުރާމަ ނުނިމޭހާ ދުވަހަކު ރައީސް ޒެލެންސްކީގެ ދައުރު ދެމިއޮންނަ ގޮތަށް ނިންމުމެއްވެސް ފާސްކޮށްފައެވެ. އެހެންވީމާ މިއަހަރު ޔުކްރޭނުގައި އިންތިޚާބެއް ނުބާއްވާނެއެވެ. ހަނގުރާމަ ނިމުނުކަމަށްވިޔަސް އިންތިޚާބެއް ބޭއްވުމަށް ވަގުތު ބޭނުންވާނެއެވެ. މަދުވެގެން ހައެއްކަ މަހެވެ. އެގޮތަށް ބާއްވާ އިންތިޚާބެއްގައިވެސް ރައީސް ޒެލެންސްކީއާ ވާދަކުރާނެ މަގްބޫލު އެހެން މީހަކު އަދިނުފެނެއެވެ.