އިންޑިޔާގެ ޕާލަމެންޓް ކަމަށްވާ ލޮކްސަބާއަށް 543 މެންބަރުން ހޮވުމަށްޓަކައި މިއަހަރުގެ އެޕްރީލްމަހާއި މޭމަހު އިންތިޚާބު ބާއްވާނެއެވެ. މި އިންތިޚާބަށްޓަކައި ބީޖޭޕީއަށް ކެންޕޭނު ކުރެއްވުމުގެ ގޮތުން ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ހުސްވި ހަފުތާގައި ދެކުނުގެ ބައެއް ސަރަހައްދުތަކަށް ދަތުރުފުޅެއް ކުރައްވައިފައެވެ. މި ދަތުރުފުޅުގައި މޯދީ ވަނީ ލަކްޝަދީބުގެ ރަށްތަކަށްވެސް ވަޑައިގެންފައެވެ. ލަކްޝަދީބުގައި ގިނައިން ދިރިއުޅެނީ މުސްލިމުންނެވެ. މުސްލިމުންނަކީ ބީޖޭޕީއަށް ވޯޓުދޭ ބައެއް ނޫނެވެ. މިކަން ބަދަލުކޮށް ލަކްޝަދީބުގެ މުސްލިމުންގެ ވޯޓު ހޯއްދެވުމަށްޓަކައި މޯދީ ވަނީ އެރަށްތަކަށް ވަޑައިގެން އެތައް މިލިޔަން ރުޕީސްގެ ބޮޑެތި މަޝްރޫއުތަކެއް އިއުލާން ކުރައްވައިފައެވެ. އިންޑިޔާގެ ކެރަލާ ސްޓޭޓާއި ލަކްޝަދީބާއި ދެމެދު ފައިބަރ އޮޕްޓިކަލް ކަނެކްޝަނެއް ގާއިމުކުރުން ފަދަ ކަންކަމެވެ. ލަކްޝަދީބުގެ ރަށްރަށުގެ ތެރެއިން އަގާޓީ އާއި ބަންގާރާމް އަދި ކަވަރައްދޫއަށް ވަޑައިގެން އާއްމުންނާވެސް ބައްދަލު ކުރެއްވިއެވެ.

އިންތިޚާބުތައް ބޯމަތިވީމާ އިންޑިޔާގެ ސިޔާސީ ލީޑަރުން އެކި ސަރަހައްދުތަކަށް ވަޑައިގެން އުޑުން ތަރިބޭލުމަކީ އެތާގެ ސިޔާސީ ސަގާފަތެކެވެ. ލަކްޝަދީބަށް ވަޑައިގެން ބޮޑުވަޒީރު މޯދީވެސް ކުރެެއްވީ އެ މަސައްކަތެވެ. ފަތުރުވެރިކަމުގެ ބޮޑު މަރުކަޒަކަށް ލަކްޝަދީބު ހައްދަވާނަމޭވެސް ވިދާޅުވިއެވެ. މިއީ ދުނިޔެމަތީގެ ސުވަރުގެޔެކޭވެސް ވިދާޅުވިއެވެ. އެންމެންވެސް މިތަނަށް އަންނާށޭ ވިދާޅުވިއެވެ. ލަކްޝަދީބުގެ އެޑްމިނިސްޓްރޭޓަރު އަދި މޯދީގެ ރަހުމަތްތެރިޔާ ޕްރަފުލް ޚޮދާ ޕަޓޭލާއެކު ގޮނޑުދޮށަށް ނުކުމެވަޑައިގެން ގޮނޑިއެއްގައި އިށީންނަވައި ފޮޓޯ ނަންގަވައި މީސްމީޑިއާއަށް ދޫކޮށްލެއްވިއެވެ. ސްނޯކަލިންއަށް ވަޑައިގެންނެވި މަންޒަރުވެސް މީސްމީޑިއާއަށް ދޫކޮށްލެއްވިއެވެ. ބަހުސްތައް ފެށުނީ އެހިސާބުންނެވެ. މޯދީގެ މަގްސަދަކީ ކޮބައިހެއްޔެވެ. ބައެއް މީހުންގެ ނަޒަރުގައި މިއީ ރާއްޖެއަށް ގޮންޖައްސަވައި ރާއްޖޭގެ އިގްތިސާދުގެ އެންމެ ފަލަ ލޭނާރުކަމަށްވާ ފަތުރުވެރިކަމަށް ދެއްވި އިންޒާރެކެވެ.

ދިވެހިން އެކަންޏެއް ނޫނެވެ. އިންޑިޔާގެ ބައެއް ނޫސްވެރިންވެސް ސިފަކުރީ މިއީ ދިވެހިރާއްޖެއަށް މޯދީ ދެއްވި އިންޒާރެއްގެ ގޮތުގައެވެ. "އިންޑިޔާ އައުޓް" ކެމްޕޭނުގެ ރައްދުގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިނދަޖައްސައިލުމަށް މޯދީގެ ސަރުކާރުން ފަށަން އުޅޭ މަޝްރޫއެއްގެ ގޮތުގައެވެ. އެކަމަކު މިއީ ހަގީގަތެއްކަމަށް ނުފެނެއެވެ. ސަބަބުތައް ބައިވަރެވެ. ދިވެހިރާއްޖެއާއި ލަކްޝަދީބު އޮތީ އެއް އަށްޓެއްގެ މަތީގައި ކަމަށްވިޔަސް ދިވެހިރާއްޖެއަށް ލިބިގެންވާ ގިނަ ސިފަތަކެއް ލަކްޝަދީބަށް ލިބިގެނެއް ނުވެއެވެ. ލަކްޝަދީބުގައި އޮތީ އެންމެ 36 ރަށެވެ. ދިވެހިރާއްޖޭގައި 300 އަށްވުރެ ގިނަ ރަށް އެބަހުއްޓެވެ. ދިވެހިރާއްޖޭގެ އަތޮޅުތަކާ އެއްކަހަލަ އަތޮޅުތަކެއްވެސް ލަކްޝަދީބުގައި ނުވެއެވެ. އެހެންވީމާ ލަކްޝަދީބަކަށް ދިވެހިރާއްޖެއާ ވާދައެއް ނުކުރެވޭނެއެވެ. ލަކްޝަދީބަކީ އިންޑިޔާގެ ޔޫނިއަން ޓެރިޓަރީއެކެވެ. ބިދޭސީން ކީއްކުރަން، އިންޑިޔާގެ ރައްޔިތުންނަށްވެސް އެތަނަށް ދެވެނީ ޚާއްސަ ހުއްދައެއް ނަގައިގެންނެވެ.

ގަވާއިދުތަކާއި ގާނޫނުތައް ބައްޓަންކުރެވި ސިޔާސަތު އަތުރާލެވިފައިވަނީ އެތާގެ ވަޒަންވެރިން ހިމާޔަތްކުރުމަށެވެ. މުޅިދުނިޔެއަށް ހުޅުވައިލުމަކަށް ނޫނެވެ. ޒަމާނުއްސުރެ ދިވެހިން ތަރައްގީކޮށްފައިވާ މެހުމާންދާރީ އަދާކުރުމުގެ ސިފަ އިންޑިޔާއަކަށް ލިބިގެނެއް ނުވެއެވެ. އެހެންވީމާ ބުނަން ޖެހެނީ ލަކްޝަދީބަކީ ދިވެހިރާއްޖެއަށް ގޮންޖެހުމަކަށް ނުވާނެ ކަމުގައެވެ. ދިވެހިރާއްޖޭގެ މޮޑެލްއަށް ލަކްޝަދީބު ތަރައްގީކުރުމަކީވެސް ނުކުރެވޭނެ ކަމެއް ކަމުގައެވެ. ދިވެހިރާއްޖެ ކަހަލަ ގައުމަކަށް ފިލާވަޅެއްދިނުމަށް އިންޑިޔާގެ މުޅި ނިޒާމު ބަދަލުކުރުމަކީ ނުކުރާނެ ކަމެކެވެ. ކުރަންވެސް ނުޖެހޭ ކަމެކެވެ. އިންޑިޔާގައި މިގޮތަށް ފަތުރުވެރިކަމަށް ހުޅުވައިލަންއޮތީ ހަމައެކަނި ލަކްޝަދީބެއްވެސް ނޫނެވެ. އެކަހަލަ ކިތަންމެ ތަނެއް އެބަހުއްޓެވެ. އަންޒަމާނާއި ނިކޮބާރުވެސް ހިމަނައިގެންނެވެ. ދިވެހިރާއްޖެއަށް އެންމެ ގިނަ ބަޔަކު އަންނަނީ ޗައިނާއިން ކަމަށްވާއިރު ޗައިނާ މީހުންނަށް ލަކްޝަދީބުވިޔަސް އަދި އެހެން ދީބެއްވިޔަސް އިންޑިޔާއިން ތައްމިނަށް ހުޅުވައެއް ނުލާނެއެވެ.

އިންޑިޔާގެ ޔުނިއަން ޓެރިޓަރީތަކުގެ އަދަދު އަށެކެވެ. އޭގެތެރެއިން އެންމެ ކުޑަ ތަނަކީ ލަކްޝަދީބެވެ. އެއީ ބޮޑު ސަރަހައްދަކަށް ފެތުރިފައިވާ ޖުމްލަ 36 ރަށެވެ. މި ސަރަހައްދު އެކުލެވިގެންވަނީ 12 އަތޮޅާއި 3 ފަރާއި ފަސް ފަޅުގެ މައްޗަށެވެ. ލަކްޝަދީބުގައި މީހުން ދިރިއުޅެނީ 10 ރަށުގައެވެ. އެންމެ ދެކުނުގައި އޮންނަ މަލިކުވެސް ހިމަނައިގެންނެވެ. ލަކްޝަދީބުގެ އާބާދީއަކީ ގާތްގަޑަކަށް 65 ހާހެވެ. ދިވެހިންނެކޭ އެއްފަދައިން ލަކްޝަދީބުގެ އަހުލުވެރިންނަކީވެސް ސުންނީ މުސްލިމުންނެވެ. ޝާފީ މަޒްހަބަށް ތަބާވާ މީހުންނެވެ. ލަކްޝަދީބުގެ ވެރިކަންކުރާ ރަށަކީ ކަވަރައްދޫއެވެ. އެންމެ ބޮޑު އާބާދީއެއް އޮތީވެސް އެރަށުގައެވެ. ގާތްގަޑަކަށް ބާރަހާސް މީހުންނެވެ. ލަކްޝަދީބުގައި އޮންނަނީ އެންމެ އެއަރޕޯޓެކެވެ. މިދެންނެވި އެއަރޕޯޓް އޮންނަނީ އަގާޓީއޭ ކިޔުނު ރަށުގައެވެ. މިއީވެސް މީހުން ދިރިއުޅޭ ރަށެކެވެ. ގާތްގަޑަކަށް ހަތްހާސް މީހުންނެވެ.

ލަކްޝަދީބަކީ އިންޑިޔާގެ މަރުކަޒީ ސަރުކާރުގެ ސީދާ ބެލުމުގެ ދަށުގައިވާ ޔުނިއަން ޓެރިޓަރީއަކަށްވާއިރު މި ޓެރިޓަރީގެ އެންމެ އިސްވެރިޔަކީ އިންޑިޔާގެ ރައީސް އައްޔަން ކުރައްވާ އެޑްމިނިސްޓްރޭޓަރެކެވެ. މިއީ ސިޔާސީ މަގާމެކެވެ. މީނާ ގާއިމްވެ ހުންނަވަނީ ވެރިރަށް ކަވަރައްދޫގައެވެ. މިއީ ވަރަށް ބާރުގަދަ މަގާމެއްވެސް މެއެވެ. އެޑްމިނިސްޓްރޭޓަރަށް އެހީވަނީ އެގްޒެކަޓިވް ކައުންސިލަކުންނެވެ. މި ކައުންސިލްގައި ތިއްބަވަނީ އެޑްމިނިސްޓްރޭޓަރު އައްޔަން ކުރައްވާ އެޑްވައިޒަރުންނެވެ. ލަކްޝަދީބުގެ އެންމެހައި ކަންކަން ނިންމަވާ ވެރިޔަކީ މީނާއެވެ. ލަކްޝަދީބުގެ އަހުލުވެރިންގެ ތެރެއިން ނޫން މީހުންނަށް އެރަށްތަކަށް ދެވޭނީ މީނާގެ ހުއްދައަކަށެވެ. ބިމެއް ގަނެވޭނީވެސް، އިމާރާތެއް ކުރެވޭނީވެސް އަދި އެނޫން ކަމެއް ކުރެވޭނީވެސް މީނާގެ ހުއްދައެއް ލިބިގެންނެވެ. މި މަގާމުގައި މިވަގުތު ހުންނެވީ ޕްރަފުލް ޚޮދާ ޕަޓޭލްއެވެ. މިއީ އިންޑިޔާގެ މަރުކަޒީ ވެރިކަންކުރާ ބީޖޭޕީގެ ސީނިއަރ ލީޑަރެކެވެ.

މި މަގާމަށް 2020 ވަނަ އަހަރު އައްޔަން ކުރުމުގެ ކުރިން އިންޑިޔާގެ މަރުކަޒީ ސަރުކާރުގެ ސްޓޭޓް މިނިސްޓަރ ފޯރ ޓޫރިޒަމް އެންޑް ކަލްޗަރގެ މަގާމުވެސް އޭނާ ވަނީ އަދާކުރައްވާފައިވެއެވެ. އެގޮތުން ލަކްޝަދީބުގެ އެޑްމިނިސްޓްރޭޓަރަކަށް އައްޔަން ކުރެވުނީއްސުރެ ލަކްޝަދީބުގައި ފަތުރުވެރިކަން ފުޅާކޮށް ކުރިއެރުވުމުގެ އެކި ވިސްނުންތައް އޭނާ ގެންގުޅުއްވައެވެ. ޕަޓޭލްއަކީ ލަކްޝަދީބުގެ ރަށަކަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެއް ނޫނެވެ. އޭނާ ނިސްބަތްވެވަޑައިގަންނަވަނީ ގުޖަރާތު ސްޓޭޓަށެވެ. އެއީ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ވެސް ސްޓޭޓެވެ. ތަންކޮޅެއް ކުރިން ގުޖަރާތުގެ ސްޓޭޓް އެސެމްބްލީގެ މެންބަރުކަމާއި ގުޖަރާތުގެ ސަރަހައްދީ ސަރުކާރުގެ ވަޒީރުކަންވެސް ކުރައްވާފައިވެއެވެ. އިންޑިޔާގައި 8 ޔުނިއަން ޓެރިޓަރީ އޮންނައިރު ޕަޓޭލްއަކީ އޭގެތެރެއިން ހަމައެކަނި ލަކްޝަދީބުގެ އެޑްމިނިސްޓްރޭޓަރެއް ނޫނެވެ. ދަދުރާ، ނާގަރް ހަވޭލީ، ދަމާން އަދި ދިއުގެ އެޑްމިނިސްްޓްރޭޓަރަކީވެސް އޭނާއެވެ. މިއީ ލަކްޝަދީބާ ވަރަށް ދުރުގައި ގުޖަރާތުގެ އައްސޭރީގައިވާ ހަތަރު ސަރަހައްދެކެވެ.

ލަކްޝަދީބަކީ ކުރިންވެސް ބަޔާން ކުރެވުނުފަދައިން ބޮޑު ސަރަހައްދެކެވެ. އެއީ ދަތުރުފަތުރަށް ބަލާއިރު ނިސްބަތުން ވަރަށް ބޮޑު ސަރަހައްދެކެވެ. މި ސަރަހައްދުގައި އޮތީ އެންމެ އެއަރޕޯޓެކެވެ. ވަރަށް އާދައިގެ ކުޑަކުޑަ ޑޮމެސްޓިކް އެއަރޕޯޓެކެވެ. އެތަނަށް ޖައްސަނީ ހަމައެކަނި އެއަރ އިންޑިޔާގެ ފްލައިޓެވެ. ކެެރެލާ ސްޓޭޓްގެ ކޮޗިންއާއި ލަކްޝަދީބުގެ އަގާޓީއާ ދެމެދު ހަފުތާއަކު ހަ ފްލައިޓް އޮޕަރޭޓްކުރެއެވެ. އެއަރޕޯޓް އޮންނަ ރަށާއި ވެރިރަށް ކަވަރައްދޫ ވަރަށް ދުރެވެ. ގާތްގަޑަކަށް ފަސްދޮޅަސް ކިލޯމީޓަރެވެ. އެހެންވެގެން މި ދެރަށް ވައިގެ މަގުން ގުޅައިލުމަށް އެދޭތެރޭގައި ހެލިކޮޕްޓަރު އޮޕަރޭޓް ކުރެއެވެ. ދެ ރަށުގައިވެސް ހެލިޕެޑް ގާއިމްކޮށްގެންނެވެ. މީގެ އިތުރަށްވެސް މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ހެލިޕެޑް ގާއިމްކޮށްފައިވެއެވެ. އެންމެ ދެކުނުގައިވާ މަލިކުވެސް ހިމެނޭގޮތުންނެވެ. އެކަމަކު ހެލިކޮޕްޓަރު ދަތުރަކީ ވެރިރަށާއި އެއަރޕޯޓް ފިޔަވައި އާއްމުކޮށް އެހެން ރަށްތަކަށް އޮންނަ ދަތުރެއް ނޫނެވެ.