މެންޗެސްޓާ ޔުނައިޓެޑްގައި ހުރި އިންގްލެންޑްގެ ވިންގް، ޖޭޑަން ސަންޗޯ، އަނބުރާ ބްރޫޝިއާ ޑޯޓުމަންޑަށް ފޮނުވާލުމަށް ކުރަން ޖެހޭ މަސައްކަތް އަވަސް ސްޕީޑުގައި ކުރަމުންދާ ކަމަށް ނޫސްތައް ބުނެފިއެވެ.

ބީބީސީ ސްޕޯޓްސްއިން ބުނެފައިވަނީ ސަންޗޯ ލޯން އެއްބަސްވުމެއްގައި ޑޯޓުމަންޑަށް ފޮނުވާލަން، ދެ ކްލަބުން އެއްބަސްވުމަކަށް މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އެ އެއްބަސްވުން އެކުލަވާލަން ގަސްދުކުރަނީ ސީޒަނުގެ ނިޔަލަށް ކަމަށްވެސް އެ ނޫހުން ބުނެފައިވެއެވެ. އެހެންނަމަވެސް، އެކަމަށް ފައިސާގެ ހުރަސްތަކެއް ގިރާކުރަން ޖެހޭ ކަމަށްވެސް ނޫސްތައް ބުނެއެވެ. އެއީ ޑޯޓުމަންޑުން ސަންޗޯއަށް ބޮޑު ހަރަދެއް ކުރަން ބޭނުން ނުވާތީއެވެ.

އުމުރުން 23 އަހަރުގެ ސަންޗޯ، 2021 ވަނަ އަހަރު ޖުލައި މަހު ޑޯޓުމަންޑުން ޔުނައިޓެޑަށް ބަދަލުވީ 73 މިލިއަން ޕައުންޑްގެ އަގަކަށެވެ. އެ ޓްރާންސްފާއަށްފަހު ސަންޗޯގެ ފަރާތުން އެކަށީގެންވާ ކުޅުމެއް ފެނިގެން ގޮސްފައި ނުވާ އިރު، އޭނާ މިހާރު ހުރީ ކޯޗު އެރިކް ޓެން ހާގާ މައްސަލަ ޖެހިފައެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހު ޖެހުނު މައްސަލައަށްފަހު ސަންޗޯ ފަސްޓް ޓީމުން އެކަހެރި ކޮށްފައިވާ އިރު، އޭގެ ފަހުން އޭނާ ކުޅެފައެއްވެސް ނުވެއެވެ.

ސަންޗޯއާ ޓެން ހާގު މައްސަލަ ޖެހުނީ ސެޕްޓެމްބަރު މަހު އާސެނަލާ ދެކޮޅަށް ޔުނައިޓެޑް ކުޅުނު މެޗަށްފަހު ހިނގި ކަންތައްތަކެއްގައެވެ. އެ މެޗުގައި ސަންޗޯ ސްކޮޑުގައި ހިމަނާފައި ނުވާ އިރު، ޓެން ހާގު މީޑިއާއަށް ބުނީ ސަންޗޯ ތަމްރީނުތަކުގައި ފަރުވާ ކުޑަ ކަމަށެވެ. އެކަމާ ސަންޗޯ ވަނީ އޭނާއަކީ ގުރުބާން ކުރި "ކަންބަޅި"އެއް ކަމަށް ބުނެފައެވެ. އެހެން ބުނުމާއެކު ޓެން ހާގު މައާފަށް އެދެން ބުނުމުން، ސަންޗޯ މައާފަށް އެދިފައެއް ނުވެއެވެ.