އައްޑޫ ސިޓީގެ ހިތަދޫ އާއި ހުޅުމީދޫއާ ދެމެދު އަޅާ ބުރިޖުގެ ފީސިބިލިޓީ އާއި ޑިޒައިން މަސައްކަތް ވަރަށް އަވަހަށް ބަޔަކާ ހަވާލު ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީ ކުރުމުގެ ދެވަނަ ފިޔަވަހި އިފްތިތާހު ކޮށްދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ އޮތީ މުޅި ރާއްޖެ ތަރައްގީކުރުމުގެ ޕްލޭނެއް ކަމަށެވެ. އެހެންކަމުން އުތުރާއި، މެދުރާއްޖެ އަދި ދެކުނުގެ ރަށްތައް ވެސް ތަރައްގީކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ދެކުނުގެ ރަށްތަކުގެ ތެރެއިން އައްޑޫ ސިޓީގައި ކުރަން ވައުދުވެވަޑައިގެންފައިވާ ކަންކަން އެބަހުރި ކަމަށެވެ. އެކަންކަމަކީ އައްޑޫ ރައްޔިތުން ބޭނުންވާ ކަންކަން ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އައްޑޫގައި އެ ބްރިޖު އެޅުމުގެ މަސައްކަތަށް ބޭނުންވާ ފަންނީ އަދި ތަފްސީލީ ފީސިލިބިލިޓީއާ ޑިޒައިން މަސައްކަތް އަޅުގަނޑުމެން ބަޔަކާ ހަވާލު ކުރާނަން. އޭރުން އެ ބްރިޖްގެ އަގު ކުރުމަށްޓަކާ ކޮންޓްރެކްޓަރެއް ހޯދައި އެ މަސައްކަތް ހަވާލު ކުރުމަށްޓަކައި ނިންމަން ޖެހޭ ހުރިހާ ލިޔެކިޔުމެއް ތައްޔާރު ކުރުމަށް މަގު ފަހިވާނެ" ރައީސް ވިދާޅުވިއެވެ.

ރިޔާސީ އންތިހާބުގައި ވައުދުވެވަޑައިގެންނެވި ތަރުތީބުން ހުރިހާ މަސައްކަތެއްވެސް ކުރިއަށްދާނެ ކަމަށާއި އައްޑޫ ބުރިޖުގެ ކަންކަން ކުރިއަށްދާ ބާރުމިނުގައި ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ވެސް އުމްރާނީ އިންފްރާސްޓްރަކްޗާ ބިނާކުރުމުގެ މަސައްކަތް ބާރު މިނުގައި ކުރިއަށްދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ސަރުކާރުން ކުރިއަށްގެންދާ ތަރައްގީގެ އެކިއެކި ކަންކަމުގައި ވިޔަފާރިވެރީންގެ ފަރާތުން ލިބިގެންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ. އިގްތިސާދީ ހުރިހާ ސިނާއަތެއްގެ ހުރިހާ ބޭފުޅުން އެކުއެކީގައި މަސައްކަތްކޮށްފިއްޔާ ކަންކަން ހާސިލުވެ، ރާއްޖެ ތަރައްގީވެގެންދާނެ ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.