ދަ ޑިމޮކްރެޓްސްގެ ރައްޔިތުންގެ މަޖިލީހުގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު އެ ޕާޓީން ހުޅުވާލައިފިއެވެ.

ދަ ޑިމޮކްރެޓުން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުން، ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ ފެބްރުއަރީ މަހުގެ ހަތަރުވަނަ ދުވަހުގެ ހަވީރު 4:00 ޖެހުމާ ހަމައަށެވެ.

އަދި ޕްރައިމަރީގައި ވާދަކުރަން ހުށަހަޅާ ފަރާތަކީ ފެބްރުއަރީ މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް އެ ޕާޓީގެ ރަޖިސްޓްރީވެފައިވާ، ގާނޫނުއަސާސީގެ 73 ވަނަ މާއްދާއާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނުގެ އަށްވަނަ މާއްދާގައި ބުނާ، މަޖިލިސް އިންތިހާބަށް ކުރިމަތިލާ މީހެއްގެ ކިބައިގައި ހުންނަންޖެހޭ ކަމަށް ބަޔާންކުރާ ހުރިހާ ޝަރުތުތައް ފުރިހަމަ މެމްބަރަކަށް ވާން ޖެހޭނެ ކަމަށް ބުނެފައިވެއެވެ.

އިއުލާނުގައިވާ ގޮތުން، ޕްރައިމަރީ ބާއްވާނީ ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހު އެވެ. އަދި ޕްރައިމަރީގައި ވާދަކުރުމަށް އެދި، އެންމެ މެމްބަރަކު ކުރިމަތިލާ ދާއިރާތަކުގައި ޕްރައިމަރީއަކާ ނުލާ އެ މެމްބަރަކަށް އެ ޕާޓީގެ ޓިކެޓް ދޭނެ ކަމަށް ބުނެފައިވެއެވެ.

ޑިމޮކްރެޓްސް އިން ބުނީ، ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ލިބިގެންވަނީ ފެބްރުއަރީ މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް ޕާޓީގައި ރަޖިސްޓްރީވެފައިވާ މީހުންނަށް ކަމަށެވެ. އަދި ޕްރައިމަރީގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މެމްބަރުންގެ ވަގުތީ ލިސްޓު އާންމުކޮށް، ޝަކުވާއަށް ހުށަހެޅުމުގެ ފުރުސަތު ފެބްރުއަރީ މަހުގެ ހަވަނަ ދުވަހު ހުޅުވާލާނެ ކަމަށާއި ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ޝަކުވާ ހުށަހަޅަން ފުރުސަތު ދޭނެ ކަމަށް ބުންޏެވެ.