އަންނަ އާދިއްތަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ވަޑައިގަންނަވަން ނިންމަވައިފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ ޗައިނާގެ ރައީސް ޒީ ޖިންޕިންގެ ދައުވަތަކަށް އަންނަ އާދިއްތަ ދުވަހު ރައީސް ޗައިނާއަށް ވަޑައިގަންނަވަން ނިންމަވާފައިވާ ކަމަށެވެ. މި ދަތުރުފުޅުގައި ރައީސްގެ އަނބިކަނބަލުން އަދި ފަސްޓްލޭޑީ ސާޖިދާ މުހައްމަދުވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.
ފަސް ދުވަހުގެ މުއްދަތަކަށް ކުރައްވާ މި ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހުކުރު ދުވަހުއެވެ.
މިއީ މިދިޔަ ނޮވެމްބަރު މަހު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ރައީސް މުއިއްޒު ރާއްޖޭން ބޭރަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ.
ރައީސް އެންމެ ފުރަތަމަ ވަޑައިގެންނެވީ ތުރުކީއަށެވެ. ރައީސް ތުރުކީއަށް ވަޑައިގެންނެވީ، އެމަނިކުފާނުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވި ތުރުކީގެ ވަފުދު ރައީސްގެ އަރިހަށް ކުރެއްވި ޒިޔާރަތުގައި ދެއްވި ދައުވަތަކަށެވެ.
އެ ދަތުރުފުޅުގެ ތެރެއިން ރައީސް ވަނީ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވާކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ގައި ބައިވެރިވެ ވަޑައިގެންނެވުމަށް ޔޫއޭއީއަށް ވެސް ވަޑައިގެންފައެވެ.
ރައީސް، ޗައިނާއަށް ވަޑައިގަންނަވާ އިރު, މިދިޔަ މަހުގެ ފަސް ވަނަ ދުވަހު ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ވެސް ވަނީ ޗައިނާއަށް ވަޑައިގެންފައެވެ. އެމަނިކުފާނު ޗައިނާއަށް ވަޑައިގެންނެވީ "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން" ގައި ބައިވެރިވެވަޑައިގަތުމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު