ހުރިހާ މަގެއްގައި ސްޓޯމް ވޯޓާ ސިސްޓަމް ގާއިމުކޮށްގެން މާލޭގެ ހުރިހާ މަގުތަކެއް ހެދުމަށް އެތައް 100 މިލިއަން ޑޮލަރުގެ ބޮޑު މަޝްރޫއެއް ކުރަން ރޭވިފައިވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ދިވެހިރާއްޖޭގެ އަޑުގެ ސެނަކޯ މާލަމުގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސްގައި މުއްތަލިބް ވިދާޅުވީ، މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލައަށް ދާއިމީ ހަލެއް ލިބޭނީ އެ ބޮޑު މަޝްރޫއު ނިމުމުން ކަމަށެވެ. އެ ޕްރޮޖެކްޓް ކުރިއަށް ގެންދަން ނިންމާފައިވަނީވެސް އުތުރު ފަރާތުން ސީވޯލް ބޭރަށް ޖައްސައި އެ މަގުވެސް ފުޅާކޮށްގެން ކަމަށްވެސް ވިދާޅުވިއެވެ.
"ސަރުކާރުގެ އެންމެ މުހިންމު އެއް ވައުދަކީ މާލޭގެ ހުރިހާ މަގުތަކެއް ހެދުން، ފެނާއި ނަރުދަމާއާއި ކަރަންޓާއި މި ހުރިހާ ކަމެއްވެސް އަޕްގްރޭޑް ކުރުން ހިމެނިގެން މަގުތައް ހެދިގެންދާނީ، އެއާއެކު ސްޓޯމްވޯޓާއާއި ފަޔާ ހައިޑްރެންޓާ ހުރިހާ އެއްޗެއްވެސް ލެވިގެންދާނެ، އެއީ ވަރަށް ބޮޑު ޕްރޮޖެކްޓެއް، ހަރަދުގެ ގޮތުންވެސް ވަރަށް ބޮޑުވާނެ، މިހާރު އޮތް ގޮތުން ވެއްޖެއްޔާ ހަންޑްރެޑްސް އޮފް މިލިއަންސް އޮފް ޑޮލާސް ދާނެ އެ މަޝްރޫއަށް، ހަގީގަތުގައި މުޅި މާލެއަށް ހައްލެއް އަންނާނީ މުޅި މާލޭގެ ހުރިހާ މަގުތައް ހެދިގެން،" މުއްތަލިބް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މަގު ހެދުމުގެ ބޮޑު ޕްރޮޖެކްޓް ރޭވިފައި އޮތް ނަމަވެސް މާލޭގެ މަގުތަކުގައި ފެން ބޮޑުވެގެން މިހާރު ލިބޭ ގެއްލުންތައް ހައްލުކުރުމަށް މަގުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެންނަމުން ގެންދާނެ ކަމަށެވެ. އެގޮތުން އަމީނީ މަގާއި ބުރުޒުމަގުގައި ފެންބޮޑުވާ މައްސަލަ، އަމީނީ މަގުގެ މަސައްކަތް އެއްކޮށް ނިމުމުން ހައްލުވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
"އަމީނީ މަގާއި ބުރުޒުމަގު ހިމެނޭ ގޮތަށް ޕަމްޕް ސްޓޭޝަންތައް ހަރުކޮށްގެން އެ މަސައްކަތް ކުރަން ކުރިން ހަވާލުކުރީ އެމްޑަބްލިޔުއެސްސީއާ. އެ ބޭފުޅުން އޭރު އަޅުގަނޑުމެނަށް ދެއްވާފައި އޮތް ކެޕޭސިޓީއަކީ 30 މިނެޓުގެ ތެރޭގައި ފެން ހިނދިގެންދާނެ ކަމަށް، ނަމަވެސް އަޅާފައި ހުރި ހޮޅިތަކާއި ޕަމްޕްތަކުގެ ސައިޒު މާބޮޑަށް ކުޑަވެފަ އޮތީ، ޖަމާވާ ފެން ބޭރުކުރެވޭވަރުގެ ކެޕޭސީޓިއެއް ނެތް، އެ ކަންތައް ރަނގަޅު ކުރުމަށް އަމީނީ މަގު ހެދިގެންދާއިރު މުޅިން އަލަށް ކެޕޭސިޓީ އިތުރުކޮށްގެން މަސައްކަތް ކުރަމުން އެ ދަނީ، މިހާރު ހުރި ޕަމްޕްތަކުގެ ސައިޒު އިތުރަށް ބޮޑު ކުރެވިގެންދާނެ، ހޮޅިތައްވެސް އަލަށް އެޅިގެން މި ދަނީ ބޮޑު ހޮޅިތަކެއް، މި ސިސްޓަމް ނިމިގެން ދިޔައިމަ އަމީނީ މަގަށް ހައްލު ލިބިގެންދާނެ،" މުއްތަލިބް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އަމީނީ މަގުގައި މިހާރު ހޮޅިތައް އަޅައި ނިމިފައިވީ ނަމަވެސް ޕަމްޕްތައް އަދި ނުލިބޭ ކަމަށާއި ޕަމްޕުތައް އަވަހަށް ގެނެސް ހަރުކުރުމަށް އާރުޑީސީއާ ވާހަކަ ދައްކަމުން ގެންދާ ކަމަށްވެސް ވިދާޅުވިއެވެ.
"މިފަހަރު ފެންބޮޑުވުމުގައި އެންމެ ބޮޑަށް މައްސަލަ ދިމާވި އެއްތަނަކީ ކަނބާއައިސާރަނި ހިނގުމުގެ އުތުރުފަރާތް އެ ތަނުގައި ގާތްގަނޑަކަށް ތިންފޫޓު ހަތަރު ފޫޓަށް ފެން ބޮޑުވި، ނަމަވެސް އެ މަގަކީ 2020 ވަނަ އަހަރު އަލަށް ހަދައި، ހުޅުވާފައި އޮތް މަގެއް، ހުޅުވިއިރުވެސް އެތާ އިނީ އެންމެ ޕަމްޕް ސްޓޭޝަނެއް، އިތުރު ކެޕޭސީޓީ ބިލްޑް ކޮށްފައެއް ނެތް. އެހެންކަމުން ފެންބޮޑުވި ދުވަހު ފުލް ސްޕީޑުގައި ޕަމްޕް ޖެހެމުން ދިޔައީ ފެންވެސް ބޭރުވަމުންދިޔަ ނަމަވެސް އެއީ އެކަށީގެންވާ ވަރަކަށް ނޫން،" މުއްތަލިބް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ކަނބާއައިސާރަނި ހިނގުމުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް އެ މަގު ރޫޅާލަން ޖެހޭނެ ކަމަށެވެ. އަދި އަމީނީ މަގު އިރުމަތީ ފަރާތުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް، ވޯލްޑް ބޭންކުގެ ޕްރޮޖެކްޓެއްގެ ތެރެއިން ގްރެވިޓީ ލައިނެއްލާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.
"ދެން އޮތީ މާލޭގެ އިރުއުތުރު ކޯނާ، ނަސަންދުރައާ ދިމާ، އެ ތަނުގައި ފެންބޮޑުވާ މައްސަލައަކީ މަގުތަކުގެ ހާލަތުވެސް ގޯސް ހިސާބެއް، މައިގަނޑު އެއް މައްސަލައަކީ އިމާރާތްކުރުމުމުގެ މަސައްކަތްތައް، މި ހުރިހާ ކަންތަކާ ހެދި، ފެން ބޭރުވާނެ އެއްވެސް ދިމާލެއް ނެތް، ކީވޯލްގައިވެސް ނެތް ގޭޓްތަކެއް ލެވިފައި، މޫދަށް ބޭރުވާކަަށް، އެހެންކަމުން އެއަށް ވަގުތީ ގޮތުން ހައްލެއް ލިބޭތޯ މި ބަލަނީ،" މުއްތަލިބް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު