(24 ޑިސެމްބަރުގެ އަދަދާ ގުޅޭ)
ރައްޔިތުންގެ މަޖިލިހުގެ ޤަވާޢިދުގެ ބައެއް މާއްދާތަކަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ގެނައި ބަދަލުތަކަކީ ޤާނޫނުއަސާސީއާ ޚިލާފު ބަދަލުތަކެއް ކަމަށް، އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޤާމުން ވަކި ކުރުމަށް ޤާނޫނުއަސާސީގެ 100 ވަނަ މާއްދާގައި ބުނާ އިޖުރާއާތު ހިންގުމަށް އެމްޑީޕީން މަސައްކަތް ކުރަމުން ދަނީ ވެސް ޣައިރުދުސްތޫރީ (unconstitutional) އަދި ޣައިރުޝަރްޢީ (illegitimate) ގޮތެއްގައި ކަމަށް މި ލިޔުމުގެ އިސްވެދިޔަ ބައިތަކުގައި ވާނީ ދެންނެވިފައެވެ. މި ރައުޔު ނުވަތަ މައުޤިފަށް ބާރު ދޭ ދެ ޒުވާބެއް (arguments) މި ލިޔުމުގެ ދެވަނަ އަދި ތިންވަނަ ބައިގައި ގެނެސްދެވިފައި ވާނެއެވެ. މި ބައިގައި މި ހުށައަޅައިލަނީ، އަޅުގަނޑުގެ ތިންވަނަ ޒުވާބެވެ. މި ޒުވާބު ބިނާ ކޮށްފައި ވާނީ، ޤާނޫނުއަސާސީގެ 100 ވަނަ މާއްދާ ރަނގަޅު ގޮތުގައި މާނަކޮށް ތަޠުބީޤު ކޮށްފިއްޔާ، އެ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ މަޤާމުން ވަކި ކުރެވޭނޭ ގޮތެއް ނެތްކަން ބަޔާން ކުރުމުގެ ގޮތުން ފާހަގަ ކުރާ ނުކުތާތަކުގެ މައްޗަށެވެ.
ރައީސުލްޖުމްހޫރިއްޔާ މަޤާމުން ވަކި ކުރުން ނުވަތަ ޢަޒުލު ކުރުމުގެ މައްސަލައާ މެދު ދުސްތޫރީ އުޞޫލުތަކާއި ހަމަތައް ކަނޑައަޅާ ދެ މާއްދާއެއް އަޅުގަނޑުމެންގެ ޤާނޫނުއަސާސީގައި އޮވެއެވެ. އޭގެ ތެރެއިން ފުރަތަމަ އަދި މައިގަނޑު މާއްދާ އަކީ 100 ވަނަ މާއްދާއެވެ. އެ މާއްދާ އޮންނަނީ ޤާނޫނުއަސާސީގެ ތިންވަނަ ބާބުގައެވެ. އޮޅުމެއް ނެތް ގޮތުގައ މި މާއްދާ ޞައްޙަ އަދި ރަނގަޅު އަސާސްތަކުގެ މައްޗަށް، ހަރުދަނާ އަދި ރަނގަޅު ދުސްތޫރީ މަބްދައުތަކާއި އުޞޫލުތަކުގެ އަލީގައި މާނަ ކޮށް ތަޠުބީޤު ކޮށްގެން މެނުވީ، މި މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ވަކި ކުރުމަކީ ކަނޑައެޅިގެން ޤާނޫނުއަސާސީގެ ބާރު ކަނޑުވައިލުމެވެ. އެ މާއްދާ ބަދުއިސްތިއުމާލު (abuse) ކުރުމެވެ. މި ގޮތުން، އަންނަނިވި މައިގަނޑު ނުކުތާތައް ފާހަގަ ކުރަމެވެ.
ޤާނޫނުއަސާސީގެ 100 ވަނަ މާއްދާއިން ކުރަނީ ފަސް ކަމެކެވެ.
ފުރަތަމަ ކަމަކީ، ރައީސުލްޖުމްހޫރިއްޔާ މަޤާމުން ވަކި ކުރާން ޖެހޭ ޙާލަތެއް މެދުވެރި ވެއްޖެ ނަމަ، ދުސްތޫރީ އަދި ޤާނޫނީ އިޖުރާއާތަކުން އެކަން ކުރެވިދާނޭކަން ދުސްތޫރީ ގޮތުން ކަނޑައެޅުމެވެ. ދެވަނަ ކަމަކީ، ރައީސުލްޖުމްހޫރިއްޔާ މަޤާމުން ވަކި ކުރާން ޖެހޭ ޙާލަތެއް މެދުވެރި ވެއްޖެ ނަމަ، އެކަން ކުރުމުގެ ދުސްތޫރީ ބާރުގެ އެއްބައި ރައްޔިތުންގެ މަޖިލިހަށް ދިނުމެވެ. ތިންވަނަ ކަމަކީ، ރައީސުލްޖުމްހޫރިއްޔާ މަޤާމުން ވަކި ކުރެވޭނެ ޙާލަތުތަކަކީ ކޮބައިކަން މައުޟޫޢީ އަދި ޝާމިލު ގޮތެއްގައި (substantively and exhaustively) ކަނޑައަޅައި ބަޔާން ކުރުމެވެ. ހަތަރުވަނަ ކަމަކީ، ރައީސުލްޖުމްހޫރިއްޔާ މަޤާމުން ވަކި ކުރުމުގެ އިޖުރާއާތު މަޖިލިހުގައި ހިންގާނޭ ގޮތުގެ އިޖުރާއީ ބައެއް އުޞޫލުތަކާއި ހަމަތައް (procedural principles and rules) އެކަށައެޅުމެވެ. ފަސްވަނަ ކަމަކީ، ރައީސުލްޖުމްހޫރިއްޔާ މަޤާމުން ވަކި ކުރުމުގެ އިޖުރާއާތު މަޖިލިހުގައި ހިންގާ އިރު، މަޖިލިހުން އެކަން ކުރާނޭ ގޮތުގެ ހަމަތައް ރައްޔިތުންގެ މަޖިލިހުގެ ޤަވާޢިދުގައި ހިމަނައި އެކަށައެޅުމަށް މަޖިލިހަށް ބާރު ދިނުމެވެ.
ޤާނޫނުއަސާސީގެ 100 ވަނަ މާއްދާއިން، ރައީސުލްޖުމްހޫރިއްޔާ މަޤާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލިހަށް ދޭ ބާރަކީ، އިތުބާރު ނެތްކަމުގެ ވޯޓު (Vote of No-Confidence) ނެގުމަށް ދޭ ބާރެއް ނޫނެވެ. އެއީ ދުސްތޫރީ އަދި ޤާނޫނީ ބިންގަލެއްގައި ކަނޑައެޅޭ ޙާލަތެއް މެދުވެރި ވެ އެ ޙާލަތަކީ ރައީސުލްޖުމްހޫރިއްޔާ މަޤާމުން ޢަޒުލު ކުރުން ދުސްތޫރީ ގޮތުން ޖާއިޒު ވާ ސަބަބެއްކަން އިސްތިޤްރާރު ވުމުން، އެ ސަބަބަށް ރިޢާޔަތް ކޮށް ރައީސުލްޖުމްހޫރިއްޔާ މަޤާމުން ޢަޒުލު ކުރުމަށް އިމްޕީޗްމަންޓް އިޖުރާއާތެއް (impeachment procedure) ހިންގުމަށް ދޭ ބާރެކެވެ. މިއީ ކަން އޮތް ގޮތްކަން، މައިގަނޑު ހަތަރު ކަމަކަށް ބެލީމާ ސާފު ވެއެވެ.
ފުރަތަމަ ކަމަކީ، ދިވެހި ދުސްތޫރު އެމައްޗަށް ބިނާ ވާ ބުންޔާދީ އަސާސްތަކުގެ (supra-constitutional foundations of the constitution) ތެރެއިން އެއް އަސާސް ކަމުގައި ވާ، 18 އޯގަސްޓު 2007 ގައި އޮތް ވޯޓުގައި ދިވެހި ރައްޔިތުންގެ ވަރަށް ތަނަވަސް އަޣްލަބިއްޔަތަކުން (62.05 އިންސައްތަ) ރާއްޖޭގައި އޮންނާނީ ރިޔާސީ ނިޒާމެއް ކަމުގައި ނިންމި ނިންމުމެވެ. ރައްޔިތުންގެ އެ ނިންމުމާ އެއްގޮތަށް، ދިވެހި ދުސްތޫރުގެ އަސާސީ އޮނިގަނޑު ކަނޑައަޅާ އަސާސީ އުޞޫލުތަކުގެ (basic structure of the constitution) ތެރެއިން އެއް އުޞޫލަކީ ރިޔާސީ ނިޒާމު ކަމުގައި ވެފައި އޮތްއޮތުމެވެ. ބަރުލަމާނު ނުވަތަ ޤާނޫނު ހަދާ މަޖިލިހަށް އިތުބާރު ގެއްލިގެން ޙުކޫމަތު ހިންގާ އިސް ވެރިޔާ މަޤާމުން ވަކި ކުރުމަކީ ރިޔާސީ ނިޒާމުގެ ސިފައެއް ނޫނެވެ. ރިޔާސީ ނިޒާމު ޤަބޫލު ކުރާ ކަމެއް ނޫނެވެ.
ދެވަނަ ކަމަކީ، ދިވެހި ދުސްތޫރުގައި ދައުލަތުގެ ބާރުތައް ތިން ބަޔަށް ނުވަތަ ތިން ގުނަވަނަކަށް ބަހައިލައި، އެ ގުނަވަންތަކަކީ ދުސްތޫރީ ބާރުވެރިކަމުގައި ހަމަހަމަ ތިން ބާރު ކަމުގައި ބަލައިގަނެފައި އޮތުމެވެ. މަޝްހޫރު ދުސްތޫރީ އަދި ޤާނޫނީ ޢިލްމުވެރިޔާ ބޭރޮން މޮންޓެސްކީ އޭނާގެ (De L’esprit des Lois) މި ފޮތުގައި ހުށައެޅުއްވި، އަދި ދުނިޔޭގެ އެތައް ދުސްތޫރީ ނިޒާމެއްގައި ބަލައިގެންފައި ވާ ބާރުތައް ވަކި ކުރުމުގެ ފަލްސަފާ (philosophy of trias politica or the doctrine of separation of powers) އާއި، ދުސްތޫރީ ބާރުވެރިކަމުގައި ތިން ބާރު ހަމަހަމަ ވުމުގެ އުޞޫލާ (doctrine of the co-equality of state organs) އެއްގޮތަށެވެ. މި ދުސްތޫރީ މަބްދައުތަކާ އެއްގޮތް ވާ ގޮތުގެ މަތީން، ދިވެހި ދުސްތޫރުގައި ދައުލަތުގެ ތިން ބާރަށް ވެސް ދުސްތޫރީ އަދި ޤާނޫނީ ބާރު ލިބިދެނީ ސީދާ ރައްޔިތުންނެވެ. ރައީސުލްޖުމްހޫރިއްޔާ އިންތިޚާބު ކުރަނީ ވެސް، އެހެންކަމުން، ރައްޔިތުންގެ ސީދާ ވޯޓަކުން ނޫންތޯއެވެ؟ ރައީސުލްޖުމްހޫރިއްޔާގެ ބާރަކީ، ބަރުލަމާނީ ނިޒާމުގައި ބަރުލަމާނުން ސަރުކާރު ހިންގާ ބޮޑުވަޒީރާއި ކެބިނެޓަށް ބާރުތައް ތަފްވީޟު ކުރާ (delegation of powers) އުޞޫލުން، ޤާނޫނު ހަދާ މަޖިލިހުން ރައީސަށް ދޭ ބާރެއް ނޫނެވެ. އެހެންކަމުން، ޢާއްމު އުޞޫލަކުން އަދި މަޖިލިހުގެ އަމިއްލަ އަދި އެކަނި އިޚްތިޔާރާއި އިރާދާގައި (unilateral discretion and will)، މަޖިލިހަކަށް ރައީސްގެ ބާރު ނިގުޅައެއްނުގަނެވޭނެއެވެ. އެކަން ކުރެވޭނީ އަދި ކުރެވޭން ވާނީ، ރައްޔިތުން ދުސްތޫރުގައި ލިޔެ އެކަށައަޅާ ގޮތެއްގެ މަތީން، ދެފުށް ފެންނަ، އިންޞާފުވެރި، އަދި ސިޔާސީ މަޤްޞަދެއް ނެތި ހިންގޭ އިމްޕީޗްމަންޓް އިޖުރާއާތަކުންނެވެ. އެކަމުގައި ރައީސުލްޖުމްހޫރިއްޔާ ނިސްބަތް ވާ ދައުލަތުގެ ތަންފީޛީ ބާރު ފިޔަވައި އަނެއް ދެ ބާރުގެ ދައުރާއި ޝާމިލު ވުން ވެސް އޮންނާން ވާނެއެވެ.
ތިންވަނަ ކަމަކީ، 100 ވަނަ މާއްދާގެ ސާފު އަދި ޞަރީޙަ ޢިބާރާތްކުރުމެވެ. އެ ޢިބާރާތްތައް ކިޔައިލި ކޮންމެ މީހަކަށް ވެސް މެންދުރުގެ އިރު ފަދައިން އެނގި ކަށަވަރު ވާނޭ ފަދައިން، އެ މާއްދާގައި މަޖިލިހަށް ދީފައި އޮންނަ ބާރަކީ، ވަކި ޙާލަތުތަކެއް މެދުވެރި ވެ އެކަން އިސްތިޤްރާރު ވުމުން، ދެން އޭގެ މައްޗަށް ތަރުތީބު ވެގެން އަންނަ ކަމެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިމްޕީޗް ކުރުމުގެ އިޖުރާއާތުގެ ބަރުލަމާނީ ބައި ހިންގުމަށް މަޖިލިހަށް ދޭ ބާރެކެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ މަޖިލިހުން ކަނޑައަޅާ ސިޔާސަތުތަކެއް ނުވަތަ ވެރިކަން ހިންގުމުގެ ފަލްސަފާތަކެއް ޤަބޫލު ނުކޮށް، މަޖިލިހުން ދޭ ޕޮލިސީ އިރުޝާދުތަކަކަށް (policy directives or policy guidance) ބޯ ނުލަނބައިގެން، މަޖިލިހަށް ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އިތުބާރު ގެއްލޭ ގޮތް ވެގެން، އެ އިތުބާރު ގެއްލުމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ މަޤާމުން ވަކި ކުރުމަށް ދޭ ބާރެއް ނޫނެވެ.
ހަތަރުވަނަ ކަމަކީ، ޤާނޫނުއަސާސީގެ 113 ވަނަ މާއްދާއިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ދޭ ބާރެވެ. މަތީގައި ދެންނެވުނު ފަދައިން، 100 ވަނަ މާއްދާގައި މަޖިލިހަށް ދީފައި އޮންނަ ބާރަކީ ވަކި ޙާލަތުތަކެއް މެދުވެރި ވެ އެކަން އިސްތިޤްރާރު ވުމުން، ދެން އޭގެ މައްޗަށް ބިނާ ވެ ތަރުތީބު ވެގެން އަންނަ ކަމެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިމްޕީޗް ކުރުމުގެ އިޖުރާއާތުގެ ބަރުލަމާނީ ބައި (Parliamentary Component) ހިންގުމަށް މަޖިލިހަށް ދޭ ބާރެކެވެ. އާދެ، މަޖިލިހުން ހިންގާނީ އެ އިޖުރާއާތުގެ ބަރުލަމާނީ ބައެވެ. އެ ހިސާބަކުން ނުނިމެއެވެ. ރައީސުލްޖުމްހޫރިއްޔާ އިމްޕީޗް ކުރުމުގެ އިޖުރާއާތު ފުރިހަމަ ވަނީ، ރައްޔިތުންގެ މަޖިލިހުން ރައީސް ވަކި ކުރުމަށް ނިންމާ ނިންމުމާ މެދު އެއްވެސް ޚިލާފެއް ނުވަތަ ޚުޞޫމަތެއް އުފެދިއްޖެ ކޮންމެ ހިނދެއްގައި، އެ ޚިލާފު ނުވަތަ ޚުޞޫމަތެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށައެޅި، އިމްޕީޗްމަންޓް އިޖުރާއާތުގެ ޤަޟާއީ ބައި (Judicial Component) ފުރިހަމަ ވުމުންނެވެ. ރައީސުލްޖުމްހޫރިއްޔާ މަޤާމުން ވަކި ވެއްޖެތޯ ނުވަތަ ނޫންތޯ، ރައީސުލްޖުމްހޫރިއްޔާ މަޤާމުން ވަކި ކުރުމަށް މަޖިލިހުން ނިންމި ނިންމުން ޞައްޙަތޯ އަދި ދެމިއޮންނާނެތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގެ ފަހުބަހަކީ ސުޕްރީމް ކޯޓުން އެކަމުގައި ކުރާ ޙުކުމެވެ. އެ ޙުކުމަށް ގޮން ޖަހާކަށް، ޤާނޫނުއަސާސީން މަޖިލިހަކަށް އެއްވެސް ބާރެއް ނުދެއެވެ.
މި ހަތަރު ނުކުތާގެ އަލީގައި، ޝައްކެއް ނެތް މިންވަރަށް ސާފު ވާ ކަމަކީ، 100 ވަނަ މާއްދާއިން މަޖިލިހަށް ދެނީ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމުގެ ބާރު ނޫންކަމެވެ. އިމްޕީޗްމަންޓްގެ ދުސްތޫރީ އަދި ޤާނޫނީ އިޖުރާއާތުގެ ބާރުތަކެއް ކަމެވެ. އެހެންކަމުން، މަޖިލިހުގެ ގިނަ މެންބަރުންނަށް ރައީސުލްޖުމްހޫރިއްޔާއަށް އިތުބާރު ނުކުރެވުމަކީ، ނުވަތަ އިތުބާރު ކުރާން ބޭނުން ނުވުމަކީ، އެއްވެސް ޙާލެއްގައި ރައީސުލްޖުމްހޫރިއްޔާ މަޤާމުން ވަކި ކުރުމަށް މަޖިލިހަށް ދުސްތޫރީ ގޮތުން ޙައްޤެއް (a right) ނުވަތަ ޝަރްޢިއްޔަތެއް (legitimacy) ނުވަތަ އިޚްތިޔާރެއް (discretion) ލިބިދޭ ސަބަބެއް ނޫނެވެ.
ދެން ފާހަގަ ކުރާން ޖެހޭ ކަމަކީ، ޤާނޫނުއަސާސީގެ 100 ވަނަ މާއްދާއިން މަޖިލިހަށް ދޭ ބާރުގެ ބޭނުން ކުރާން ވާނީ ތަޢައްޞުފީކޮށް (arbitrarily) ނޫންކަމުގެ ނުކުތާއެވެ. ތަޢައްޞުފިއްޔަތާ މެދު، މި ލިޔުމުގެ ދެވަނަ ބައިގައި އަޅުގަނޑު ވާނީ އެކަށޭނަ މިންވަރަކަށް ވާހަކަ ދައްކައިފައެވެ.
ދެންނެވިދިޔަ ފަދައިން، ރައީސުލްޖުމްހޫރިއްޔާ ވަކި ކުރުމަށް މަޖިލިހަށް ބާރު ދީފައި ވަނީ، ވަކި ޙާލަތުތަކެއް މެދުވެރި ވުމުންނެވެ. އެއީ މަޝްރޫތީ (conditional) ބާރެކެވެ. އެއްވެސް ސިފައެއްގައި އަދި އެއްވެސް ގޮތެއްގައި މުޠުލަޤު ބާރެއް (absolute power) ނޫނެވެ. އެއީ، ދައުލަތުގެ އެއް ބާރު އަނެއް ބާރުގެ މައްޗަށް ފާރަވެރި ވުމަށް ޓަކައި، ދުސްތޫރުގައި ކަނޑައަޅާ ފާރަވެރިވުމާއި ވަޒަންހަމަ ކުރުމުގެ ނިޒާމު (system of checks and balances) ގެ ތެރެއިން، މަޖިލިހަށް ދީފައި އޮންނަ ބާރެކެވެ. އެ ބާރުގެ ބޭނުން ކުރާން ވާނީ، ތިންބާރު ވަކި ވުމުގެ މަބްދައަށް ނިކަން ބޮޑަށް ޙުރުމަތްތެރިކޮށް ހިތުމާ އެކުގައި، ޟަރޫރީ ޙާލަތު އައުމުންނެވެ. 100 ވަނަ މާއްދާ ބޭނުން ކުރުން ނޫން އެހެން ގޮތެއް ނެތި، އެކަމަށް ކަނޑައެޅި ބަޔާން ވެގެންވާ ގޮތުގައި ބޭނުން ޖެހުމުންނެވެ. ހިފެހެއްޓުންތެރިކަމާ (restraint) އެކުގައެވެ. ޙިކުމަތްތެރިކަމާ އެކު، ޤައުމުގެ ދުސްތޫރީ ޙާލަތާއި ޤައުމުގެ ޢާއްމު ޙާލަތު އެކަމަށް މަޖުބޫރު ކުރާ ހިސާބަށް ދިޔުމުންނެވެ. އެކަން ނުކޮށްފިއްޔާ ޤައުމަށް ލިބޭން އޮތް ދެރަ، އެކަން ކުރުމުން ލިބޭ ދެރައަށް ވުރެ ބަޔާން ވެގެންވާ ގޮތުގައި ބޮޑު ހިސާބަށް ކަންތައް ދިޔުމުންނެވެ. މި ލިޔުމުގެ ދެވަނަ ބައިގައި ދެންނެވި ފަދައިން، ހެޔޮ އަދި ޞައްޙަ އަސާސްތަކުގެ (Good and Sound Basis) މަތީގައެވެ. އެއްވެސް ކަހަލަ ތަޢައްޞުފިއްޔަތަކުން (arbitrariness) ކިލަނބު ވެ ތަޣައްޔަރު ވެފައި ނުވާ ގޮތެއްގައެވެ.
އާދޭހެވެ! ސިޔާސީ ތަޢައްޞުބާއި ސިޔާސީ ވާދަވެރިކަމާއި ސިޔާސީ އެދުންވެރިކަމުގައި، މަޖިލިހުގެ މެޖޯރިޓީ ކަމުގައި ވާ ޕާޓީއެއް ނުވަތަ މެންބަރުންތަކެއް ގުޅިގެން، އެމީހުން ހިތަށް އެރީތީ، ރައީސުލްޖުމްހޫރިއްޔާ މަޤާމުން ވަކި ކުރާކަށް، 100 ވަނަ މާއްދާ އެއްވެސް ޙާލަތެއްގައި މަޖިލިހަށް ނުވަތަ މަޖިލިހުގެ މެޖޯރިޓީގައި ތިބި ބަޔަކަށް ލައިސަންސެއް ނުދެއެވެ. މަޖިލިހުން އެފަދައިން ޢަމަލު ކޮށްފިއްޔާ، އެ ކުރާ ކަމަކީ ދުސްތޫރުގެ ބާރު ކަނޑުވައިލުމެވެ. ޤާނޫނުގެ ސިޔާދަތު ނަގައިލުމެވެ. ދުސްތޫރީ އަދި ޤާނޫނީ ޙުކޫމަތުގެ ބިންގާތަކުގެ ތެރެއިން އެތައް ބިންގަލެއް މުގުރައިލުމެވެ.
ދެން އޮތީ، ޤާނޫނުއަސާސީގެ 100 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ މަޤާމުން ޢަޒުލު ކުރުމުގެ އިޖުރާއާތު ހިންގުމަށް މަޖިލިހަށް ލިބިދޭ ބާރު، އެއިރަކު ހުންނެވި ރައީސުލްޖުމްހޫރިއްޔާއެއް ވަކި ކުރުމުގެ ގޮތުން ބޭނުން ކުރާން ފެށުމުގެ ދުސްތޫރީ ޝަރްޢިއްޔަތު ވުޖޫދަށް އަންނަނީ ކޮން އިރަކު، ކޮން ކަމެއް ފުރިހަމަ ވެގެން ހެއްޔޭ، މި ސުވާލެވެ.
ޤާނޫނީ ގޮތުން ލިބިދޭ ބައެއް ބާރުތަކަކީ، ޤާނޫނު ކަނޑައަޅާ ޝަރުޠެއް ފުރިހަމަ ވުމުން ނުވަތަ ޤާނޫނު ބުނާ ޙާލަތެއް މެދުވެރި ވުމުން މެނުވީ ބޭނުން ނުކުރެވޭނޭ ބާރުތަކެވެ. މިސާލަކަށް، ކައިވަންޏެއް ރޫޅައިލައި ތަފްރީޤު ކުރުމަކީ ޤާޟީއަށް އިސްލާމީ ޝަރީޢަތުގައި ލިބިދޭ ބާރެކެވެ. ނަމަވެސް އެ ބާރުގެ ބޭނުން އޭނާއަކަށް ހިތުހުރި ގޮތަކަށް، ތަނަކުން ދެމަފިރިޔަކު ފެންނަ އިރަށް ގޮވައި ގެނެސް ކޯޓަށް ވައްދައިގެން، ބޭނުމެއް ނުކުރެވޭނެއެވެ. އެކަން ކުރެވޭނީ ޝަރީޢަތުގައި އެކަން ކުރުން ޞައްޙަ ވުމަށް ކަނޑައަޅާ ޙާލަތު އައިސް، އެކަމަށް ޓަކައި ފުރިހަމަ ވާން ޖެހޭ ޝަރުޠުތައް ފުރިހަމަ ވުމުންނެވެ. ހަމަ އެ އުޞޫލުން، ރައްޔިތުން އިންތިޚާބު ކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާއެއް މަޤާމުގައި ހުއްޓައި، ރައްޔިތުންގެ މަޖިލިހުގެ ގިނަ މެންބަރުންގެ "ހިތަށް އެރީތީ" އޭނާ މަޖިލިހަށް ގެނެސް ވައްދައި، ހިތުހުރި ގޮތަކަށް އިމްޕީޗެއް ނުކުރެވޭނެއެވެ. ޤާނޫނުއަސާސީގެ 100 ވަނަ މާއްދާއިން މަޖިލިހަކަށް ލިބިދޭ ބާރަކީ މަޖިލިހުގެ ވިރާޘީ ބާރެއް (inherent power) ނޫނެވެ. އެ މާއްދާގައި ކަނޑައަޅާ ވަކި ޚާއްޞަ ޙާލަތުތަކެއް ވުޖޫދު ވުމުން، އެ ވާޤިޢާގެ މައްޗަށް މަޖިލިހާ މަތި ކުރެވޭ "އިންސިޑެންޓަލް" (incidental) ބާރެކެވެ. އެކަން އެނގޭ އެއް ސަބަބަކީ، އެ ބާރަކީ ކުރީން ވެސް ދެންނެވި ފަދައިން އަޅުގަނޑުމެންގެ ދުސްތޫރީ ނިޒާމުގައި ހިމެނޭ ފާރަވެރިވުމާއި ވަޒަންހަމަ ކުރުމުގެ ނިޒާމު (system of checks and balances) ގެ ބަޔަކަށް ވުމެވެ. ދެވަނަ ސަބަބަކީ، 100 ވަނަ މާއްދާގެ ޞަރީޙަ ނައްޞުގެ ޢިބާރާތްތަކެވެ.
100 ވަނަ މާއްދާގެ ނައްޞުގައި އޮންނަނީ ކަނޑައެޅި ބަޔާން ވެގެންވާ "ޙާލަތްތަކުން ކުރެ ޙާލަތެއް މެދުވެރި ވެއްޖެނަމަ" ރައީސުލްޖުމްހޫރިއްޔާ މަޤާމުން ވަކި ކުރެވިދާނެ ކަމުގައެވެ. އެ މާއްދާގެ (ހ) ގެ މައިގަނޑުގައި އޮންނަ މި ޢިބާރާތަށް ފަހު، އެ މާއްދާގެ 1 ވަނަ، 2 ވަނަ އަދި 3 ވަނަ ނަންބަރުގައި، އެ ޙާލަތުތައް ބަޔާން ކޮށްފައި ވެއެވެ. ޖުމުލަ ފަސް ޙާލަތެކެވެ. ފުރަތަމަ ޙާލަތަކީ ރައީސުލްޖުމްހޫރިއްޔާ އިސްލާމް ދީނުގެ އަޞްލަކާ ޚިލާފު ވުމެވެ. ދެވަނަ ޙާލަތަކީ ރައީސުލްޖުމްހޫރިއްޔާ ޤާނޫނުއަސާސީއާ ކަނޑައެޅިގެން ޚިލާފު ވުމެވެ. ތިންވަނަ ޙާލަތަކީ ރައީސުލްޖުމްހޫރިއްޔާ ޤާނޫނަކާ ކަނޑައެޅިގެން ޚިލާފު ވުމެވެ. ހަތަރުވަނަ ޙާލަތަކީ ރައީސުލްޖުމްހޫރިއްޔާ މަޤާމުގައި ހުރެ ކުރުން އެކަށީގެން ނުވާފަދަ ކަމެއް ކުރުމެވެ. ފަސްވަނަ ޙާލަތަކީ ރައީސުލްޖުމްހޫރިއްޔާ މަސްއޫލިއްޔަތު އަދާ ކުރުމުގައި ނާޤާބިލު ވުމެވެ.
މި ތަނުގައި އެންމެ މުހިއްމު ނުކުތާއަކީ، ރައީސުލްޖުމްހޫރިއްޔާ މަޤާމުން ވަކި ކުރެވޭނީ މި ދެންނެވި ޙާލަތުތަކުގެ ތެރެއިން ޙާލަތެއް "މެދުވެރި ވެއްޖެނަމައޭ"، ޤާނޫނުއަސާސީގެ ނައްޞުގައި ބުނާ ބުނުމެވެ. ނައްޞުގައި، "ޙާލަތެއް މެދުވެރި ވެއްޖެ ކަމަށް ރައްޔިތުން މަޖިލިހަށް ފެނިއްޖެ ނަމައޭ"، ނުވަތަ "ޙާލަތެއް މެދުވެރި ވެއްޖެ ކަމަށް ރައްޔިތުންގެ މަޖިލިހަށް ޤަބޫލު ކުރެވިއްޖެ ނަމައޭ"، މި ފަދަ ޢިބާރާތެއް އޮންނަ ނަމަ، އެ ޙާލަތު ވުޖޫދު ވެއްޖެކަން ކަނޑައެޅުމުގެ އިޖުރާއާތު ހިންގުމުގެ އަދި އެފަދަ ޙާލަތެއް މެދުވެރި ވެއްޖެ ކަމަށް ނިންމައި ކަނޑައެޅުމުގެ ބާރު މަޖިލިހަށް ދީފައި އޮތް ކަމަށް ބުނެވިދާނެއެވެ. ނަމަވެސް ޤާނޫނުއަސާސީގެ ނައްޞު ޢިބާރާތް ކޮށްފައި އޮތީ، ރައީސުލްޖުމްހޫރިއްޔާ މަޤާމުން ވަކި ކުރެވޭނެ ޙާލަތު މެދުވެރި ވެއްޖެތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގެ ބާރު ރައްޔިތުންގެ މަޖިލިހަށް ދޭ ގޮތަކަށް ނޫނެވެ. އެޔާ ޚިލާފަށް، ނައްޞުގެ ޢިބާރާތް އޮތް ގޮތުން، މަޖިލިހަށް ލިބިދެނީ، އެއިން ޙާލަތެއް "އުފަން ވެއްޖެނަމަ" ނުވަތަ "މެދުވެރި ވެއްޖެ ނަމަ"، އެ ޙާލަތާއި ސަބަބުގެ މައްޗަށް ބުރަ ވެ، ރައީސުލްޖުމްހޫރިއްޔާ މަޤާމުން ވަކި ކުރުމަށް އިމްޕީޗްމަންޓް އިޖުރާއާތު ފަށައި، ކުރިޔަށް ގެންގޮސް، ރައީސުލްޖުމްހޫރިއްޔާ މަޤާމުން ވަކި ކުރުމާ މެދު ބަރުލަމާނުގެ ނިންމުން ނިންމުމުގެ ބާރެވެ. އާދެ، ރައްޔިތުންގެ މަޖިލިހުން ރައީސް ވަކި ކުރުމުގެ އިޖުރާއާތު ފެށޭނީ، އެއްކަލަ ޙާލަތު އުފަން ވެ ވުޖޫދަށް އައުމުގެ ފަހުގައެވެ. އެހެންވިއްޔާ، ކުރާން ޖެހޭ ސުވާލަކީ އެ ޙާލަތު "އުފަން ވެއްޖެ" ކަމަށް ނުވަތަ "މެދުވެރި ވެއްޖެ" ކަމަށް މަޖިލިހަށް ކަނޑައެޅިދާނެ ހެއްޔޭ، މިއެވެ. އޮޅުމެއް ނެތް ގޮތުގައި، 100 ވަނަ މާއްދާގެ ނައްޞުގައި މަޖިލިހަށް އެ ބާރު ދީފައެއް ނެތެވެ. ވީއިރު، އެ ބާރު އޮތީ ކޮން ފަރާތަކަށް ހެއްޔެވެ؟ ޝަރުޢީ ކޯޓުތަކަށް ހެއްޔެވެ؟ ޤައުމީ ފަތުވާ މަޖިލިހެއްގެ ދައުރު އެކަމުގައި އެއްވެސް ޙާލަތެއްގައި ނޯންނާނެ ހެއްޔެވެ؟ ރައްޔިތުންގެ ސީދާ ޝާމިލު ވުމެއް – މިސާލަކަށް ރައްޔިތުންގެ ތެރެއިން ވަކި ޢަދަދެއްގެ ބަޔަކު އަދުރުމެއް (petition) ހުށައެޅުން – އެކަމުގައި ނޯންނާނެ ހެއްޔެވެ؟
ޝައްކެއް ނެތް ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ވަކި ކުރުން ޖާއިޒު ވާ ފަސް ޙާލަތުގެ ތެރެއިން ދެވަނަ އަދި ތިންވަނަ ޙާލަތު – ޤާނޫނުއަސާސީއާ ޚިލާފު ވުން، އަދި ޤާނޫނާ ޚިލާފު ވުން - ވުޖޫދު ވެއްޖެ ކަމަށް ކަނޑައެޅޭނީ ޝަރުޢީ ކޯޓަކުން ކަމުގައި ޤަބޫލު ކުރާން ވަރަށް ފަސޭހައެވެ. ނަމަވެސް، ދެން އޮތް ތިން ޙާލަތު – އިސްލާމް ދީނުގެ އަޞްލަކާ ކަނޑައެޅިގެން ޚިލާފު ވުން، ރައީސުލްޖުމްހޫރިއްޔާކަމުގައި ހުރެ ކުރުން އެކަށީގެން ނުވާ ފަދަ ކަމެއް ކުރުން، އަދި ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތު އަދާ ކުރުމުގައި ނާޤާބިލު ވުން – ވުޖޫދު ވެއްޖެ ކަމަށް ކަނޑައަޅާނީ ކޮން ފަރާތަކުންކަން، މިއީ ހަމަ ކަށަވަރުން ވެސް މަޖިލިހުގައި އެ ވަގުތަކު މެޖޯރިޓީގައި ތިބި ބައެއްގެ ހަވާނަފުސާއި (whims and caprices) ތަޢައްޞުފީ (arbitrary) ނިންމުންތަކަށް ވުރެ ހަރުދަނާ ގޮތެއްގައި ޖަވާބު ލިބޭން ޖެހޭ ދުސްތޫރީ ސުވާލެކެވެ.
އަޅުގަނޑުގެ ނަޒަރުގައި، މި ސުވާލާ މެދު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން، ޤާނޫނުއަސާސީގެ 100 ވަނަ މާއްދާ ޝާމިލު ގޮތެއްގައި މާނަ ކުރައްވައި، ދުސްތޫރީ ފިޤްހުގެ ތެރެއިން ގޮތްތަކެއް ނެރެދެއްވާން ޖެހެއެވެ. ނުވަތަ، މި މާއްދާގެ ދަށުން، ރައީސުލްޖުމްހޫރިއްޔާ މަޤާމުން ވަކި ކުރެވިދާނެ ޙާލަތުތައް ވުޖޫދު ވެއްޖެކަން ކަނޑައެޅޭނޭ ގޮތްތައް ތަފްޞީލާ އެކު ބަޔާން ކުރާ ޤާނޫނެއް ބޭނުން ވެއެވެ. މިއިން އެއްވެސް ކަމެއް މި ވަގުތަކު ކުރެވޭކަށް ނެތް ކަމުގައި ހިތާމަޔާ އެކު ދަންނަވާން ޖެހެއެވެ. ސަބަބުތަކުގެ ވާހަކަ މި ތަނުގައި ނުދައްކަމާ ހިންގަވާށެވެ! ކޮންމެ ގޮތެއް ވިޔަސް، އަޅުގަނޑަށް ބުރަ ވެވޭ ގޮތުގައި، ޤާނޫނުއަސާސީގެ 100 ވަނަ މާއްދާގެ ނައްޞު އޮތް ގޮތުން، ރައީސުލްޖުމްހޫރިއްޔާ މަޤާމުން ވަކި ކުރުން ހުއްދަ ވެ ޖާއިޒު ވާނެ ޙާލަތު އުފަން ވެ ވުޖޫދު ވެއްޖެކަން ކަނޑައެޅުމުގެ ބާރެއް، ރައްޔިތުންގެ މަޖިލިހަކަށް ދީފައެއް ނެތެވެ. މަޖިލިހަށް އޮތީ، އެފަދަ ޙާލަތެއް "އުފަން ވެއްޖެ ނަމަ" – އެބަހީ، އެފަދަ ޙާލަތެއް އުފަން ވެއްޖެކަމުގެ ވާޤިޢާ އިސްތިޤްރާރު ވެ، ޚުޞޫމަތުގެ ޙާލަތު ފަހަނައަޅައި ގޮސް އެކަން ސާބިތު ވެއްޖެ ނަމަ – އެ ޙާލަތަކީ ސަބަބެއް އަދި އަސާސެއް ކަމަށް ބަލައިގެން އޭގެ މައްޗަށް ތަރުތީބު ވެގެންދާ ކަމެއްގެ ގޮތުގައި، 100 ވަނަ މާއްދާގައި ބުނާ އިމްޕީޗްމަންޓް އިޖުރާއާތުގެ ބަރުލަމާނީ ބައި ހިންގުމުގެ ބާރެވެ.
ދެން ބަލައިލާން ޖެހެނީ، 100 ވަނަ މާއްދާގެ (ހ) ގައި ބުނާ، ރައީސުލްޖުމްހޫރިއްޔާ މަޤާމުން ވަކި ކުރުން ހުއްދަ ވެ ޖާއިޒު ވާ ފަސް ޙާލަތުގެ ތަފްޞީލުތަކާއި އޭގެ ޙުދޫދީ ރޮނގުތަކާއި އިންތައް (scope and limitations)، އެއްވެސް ޢުމޫޟަކަށް (ambiguity) އަދި އިލްތިބާސަކަށް (vagueness) ޖާގަ ނޯންނާނޭ ގޮތަށް ކަނޑައެޅުމުގެ ސުވާލަށެވެ. ކުރީންވެސް ދެންނެވި ފަދައިން، ޤާނޫނުއަސާސީގައި ބުނަނީ ފަސް ޙާލަތެއްގެ ވާހަކައެވެ. 100 (ހ) ގެ 1 ވަނަ ނަންބަރާއި، 2 ވަނަ ނަންބަރާއި، 3 ވަނަ ނަންބަރުގައެވެ. އެ ޙާލަތުތައް ތިރީގައި އެވަނީއެވެ.
1. ރައީސުލްޖުމްހޫރިއްޔާ އިސްލާމް ދީނުގެ އަޞްލަކާ ކަނޑައެޅިގެން ޚިލާފު ވުން.
2. ރައީސުލްޖުމްހޫރިއްޔާ ޤާނޫނުއަސާސީއާ ކަނޑައެޅިގެން ޚިލާފު ވުން.
3. ރައީސުލްޖުމްހޫރިއްޔާ ޤާނޫނަކާ ކަނޑައެޅިގެން ޚިލާފު ވުން.
4. ރައީސުލްޖުމްހޫރިއްޔާ މަޤާމުގައި ހުރެ ކުރުން އެކަށީގެންނުވާ ފަދަ ކަމެއް ކުރުން.
5. ރައީސުލްޖުމްހޫރިއްޔާ މަސްއޫލިއްޔަތު އަދާ ކުރުމުގައި ނާޤާބިލު ވުން.
ދެންނެވުމުގެ ބޭނުމެއް ނެތް ފަދައިން، މި ޙާލަތުތައް ޤާނޫނުއަސާސީގައި ބަޔާން ކުރެވިފައި ވަނީ ވަރަށް ޢާއްމު ޢިބާރާތުންނެވެ. ޤާނޫނުއަސާސީ ނުވަތަ ޤާނޫނުތަކުގައި މިފަދަ ކަންކަން އެކަށައަޅައި ބަޔާން ކުރެވޭނީ ވެސް ޢާއްމު ޢިބާރާތުންނެވެ. އެކަމާ މެދަކު އިޢުތިރާޟެއް ނެތެވެ. އެހެން ނަމަވެސް، ހަތަރުވަނަ ޙާލަތާއި ފަސްވަނަ ޙާލަތުގެ ވާހަކަ ދުސްތޫރީ ނައްޞުގައި ބަޔާން ކުރެވިފައި ވަނީ ޤަބޫލު ކުރެވޭނެ އެންމެ ބޮޑު މިންވަރަށް ވުރެ ވެސް ޣާމިޟު (ambiguous) އަދި އިލްތިބާސުވެރި (vague) ގޮތެއްގައި ކަމަށް ފެނެއެވެ.
100 ވަނަ މާއްދާގެ ދަށުން އެއްވެސް ރައީސުލްޖުމްހޫރިއްޔާއެއް މަޤާމުން ވަކި ކުރާ ކުރުމަކީ ހެޔޮ އަދި ރަނގަޅު ގޮތުގައި ހިންގޭ އިޖުރާއާތަކަށް ހެދުމަށް ޓަކައި، އެ މާއްދާގައި ބުނާ ފަސް ޙާލަތުގެ، ޚާއްޞަކޮށް ހަތަރުވަނަ އަދި ފަސްވަނަ ޙާލަތުގެ، ދަށަށް ވަންނާނޭ ކަންތައްތައް މުޢައްޔިނު ކުރެވި، ސާފު އަދި ޞަރީޙަ (clear and unambiguous) ގޮތެއްގައި ކަނޑައެޅި ބަޔާން ވެގެން ދާން އެބަ ޖެހެއެވެ. އެހެން ޢިބާރާތަކުން ދަންނަވަންޏާ، 100 ވަނަ މާއްދާއިން ޣުމޫޟާއި އިލްތިބާސު ފިލުވައިލެވޭން އެބަޖެހެއެވެ. އެ މާއްދާތަކަށް، ޢަދުލުއިންޞާފު ލާޒިމު ކުރާ ސާފުކަމާއި ޤަޠުޢިއްޔަތު ގެނެވޭން އެބަ ޖެހެއެވެ. އެކަން ކުރެވިދާނެ އެއް ގޮތަކީ، 100 ވަނަ މާއްދާ އިޞްލާޙު ކުރުމެވެ. ނަމަވެސް އެޔަށްވުރެ ފުރިހަމަ ދެ ގޮތެއް އެބަ އޮތެވެ. އޭގެ ތެރެއިން ފުރަތަމަ ގޮތަކީ، ރާއްޖޭގައި ދުސްތޫރީ މައްސަލަތައް ބަލާ ކޯޓުތަކުން އެ މާއްދާ ހަރުދަނާ ގޮތެއްގައި ޝަރަޙަ ކޮށްދީ، އެ މާއްދާގައި ބުނާ ޙާލަތުތަކުގެ ޙުދޫދީ ރޮނގުތަކާއި އިންތައް ކުރަހައިދިނުމެވެ. ދެވަނަ ގޮތަކީ ރައްޔިތުންގެ މަޖިލިހުން ހަދާ ހަރުދަނާ ޤާނޫނަކުން އެކަން ކުރުމެވެ. އެއިރުން، ކަމާބެހޭ ދުސްތޫރީ އަދި ޤާނޫނީ ނައްޞުތަކަށް އޮންނާނީ ޢަދުލުއިންޞާފު ލާޒިމު ކުރާ ސާފުކަމާއި ކަށަވަރުކަމާއި ޞަރީޙަކަން (clarity and certainty) ލިބިފައެވެ. 100 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ މަޤާމުން ވަކި ކުރެވިދާނޭ ތަފްޞީލީ ޙާލަތުތަކާއި ގޮތްތައް އޮންނާނީ ރައްޔިތުންނަށާއި ރައީސުލްޖުމްހޫރިއްޔާއަށާއި ދެންވެސް ތިބި ބަޔަކަށް ރީތިކޮށް ފެންނާށެވެ. ރައީސުލްޖުމްހޫރިއްޔާއަށް ވެސް އޮންނާނީ، ޤާނޫނުއަސާސީގެ 100 ވަނަ މާއްދާގެ ދަށުން އޭނާ މަޤާމުން ވަކި ކުރެވެނީ ކޮން ކަންތައްތަކެއް ކޮން ގޮތަކަށް ކޮށްގެން، ނުވަތަ ކޮން ކަންތައްތަކެއް ކޮން ގޮތަކަށް ނުކޮށް ދޫކޮށްލައިގެން ކަން އަންގައިދެވިފައެވެ. މިކަން ނުކޮށް، 100 ވަނަ މާއްދާގެ ޣުމޫޟާއި އިލްތިބާސަށް ފަރުވާއެއް ނުހޯދައި ތިބެގެން، އެ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ މަޤާމުން ވަކި ކުރާން ބަޔަކު މަސައްކަތް ކުރަންޏާ، ނުކުމެދާނޭ ނަތީޖާ އަކީ ރައްޔިތުންގެ މަޖިލިހުގައި އެ ވަގުތަކި ތިންބައިކުޅަ ދެބައިގެ އަޣްލަބިއްޔަތެއް އޮންނަ ބަޔަކު އެކައްޗެއް ކިޔައިގެން، އެ ބަޔަކު ހިތަށް އެރި ގޮތަކަށް ދުސްތޫރީ ނައްޞު މާނަ ކޮށްގެން، ރައީސުލްޖުމްހޫރިއްޔާ މަޤާމުން ވަކި ކުރާން މަސައްކަތް ކުރުމެވެ. ސިޔާސީ މަޤްޞަދުތަކުގައި، ތާކުންތާކު ނުޖެހޭ ނުވަތަ ޢަދުލުވެރި ނޫން ނުވަތަ އެކަށީގެންނުވާ އެކިއެކި ބަހަނާތައް އުފަން ކޮށްގެން، ރައްޔިތުން އިންތިޚާބު ކުރާ ރައީސުލްޖުމްހޫރިއްޔާ ވެރިކަން ކުރާން ހުރަސް އަޅައި، ރައީސަށް ބިރު ދައްކައި، މަޤާމުން ވަކި ކުރުމުގެ ގޮތުން ޤާނޫނުއަސާސީގެ ރޫޙާއި މަޤްޞަދާ ޚިލާފު ކަންތައްތައް ހިންގުމެވެ. އާދެ، މިހާރު، އެމްޑީޕީން ރައީސް ޑރ. މުޢިއްޒު މަޤާމުން ވަކި ކުރާން ބިރު ދައްކައި އެކަމަށް މަސައްކަތް ކުރަމުން އެ ގެންދާ ފަދައިންނެވެ.
ޤާނޫނުއަސާސީތަކާއި ޤާނޫނުތަކުގައި ޣުމޫޟާއި (ambiguity) އިލްތިބާސް (vagueness) ހުރުމަކީ ނާދިރު ކަމެއް ނޫނެވެ. އިންސާނީ ބަލިކަށިކަމުގެ ސަބަބުން ވެސް އެކަން ހިނގައެވެ. ހަމަ އެހެންމެ، ޤާނޫނުއަސާސީތަކާއި ޤާނޫނު ލިޔެ އެކުލަވައިލާ ތަޖުރިބާކާރުން، ބައެއް ޙާލަތުތަކުގައި ބައެއް ނައްޞުތައް ޣާމިޟުކޮށް ނުވަތަ އިލްތިބާސުވެރިކޮށް ލިޔަނީ ރަނގަޅު މަޤްޞަދުތަކެއް ޙާޞިލު ކުރުމަށް ޓަކައި ވެސް މެއެވެ. ނަމަވެސް، އެފަދަ ކޮންމެ ނައްޞެއްމެ، ޚާއްޞަ ޙާލަތަކަށް ތަޠުބީޤު ކުރާން ވާނީ އެ ޣުމޫޟާއި އިލްތިބާސް ފިލުވައި، ޞަރީޙަކަމާއި ސީދާސާދާކަން ގެނެސް، އެންމެންނަށް ވެސް ނައްޞުގެ މާނަ އޮޅުން ފިލާނޭ ފަދަ ގޮތަކަށް އެ ނައްޞު ޝަރަޙަ ކުރުމުގެ ޤާނޫނީ މަރުޙަލާއަކަށް ފަހުގައެވެ. މިއާ ޚިލާފަށް ޢަމަލު ކުރުމުގެ ނަތީޖާއަކަށް ވާނީ ތަޢައްޞުފިއްޔަތާއި (arbitrariness) ޒުލްމުވެރިކަމާއި (tyranny) ނާއިންޞާފާއި (injustice) އަނިޔާ (oppression) އާއި ޚުދުމުޚުތާރިއްޔަތު (despotism and dictatorship) އެވެ. ސާފު ނޫން ނުވަތަ ލާޤަޠުޢީ ނުވަތަ ޣާމިޟު ޢިބާރާތްތަކުން (unclear, indefinite, vague and ambiguous language) ލިޔެފައި ހުންނަ ޤާނޫނުތައް، ތަންފިޛު ކުރާ ނުވަތަ ތަޠުބީޤު ކުރާ ބަޔަކު "ބަނޑުތެރެއިން" ނަގާ ކޮންމެކޮންމެ މާނައެއްގައި މީސްތަކުންގެ މައްޗަށް ހިންގުމުގެ ޙާލަތެވެ. އެއިރުން ޤާނޫނުގެ ސިޔާދަތު (rule of law, Rechtsstaat, Etat de droit) ޤައުމުން ފިލައިހިނގައިދާނެއެވެ. މަބްދައުލް މަޝްރޫޢިއްޔަތު (Principle of Legality) ނެތިގެން ހިނގައިދާނެއެވެ.
ދުސްތޫރީ އަދި ޤާނޫނީ ނައްޞުތަކުގައި ޣުމޫޟާއި އިލްތިބާސް ހުރުމަކީ، އަދި އެ ޣުމޫޟުތަކާއި އިލްތިބާސްތަކާ އެކު އެ ނައްޞުތައް ގޮތް ނިންމާން ތިބޭ ބަޔަކަށް އެ ވަގުތަކަށް ފެންނަހައި ގޮތަކަށް އެ ނައްޞުތައް ތަންފީޛު ކުރުމަކީ ޤާނޫނުގެ ސިޔާދަތާއި، މަބްދައުލް މަޝްރޫޢިއްޔަތު ޤަބޫލު ކުރާ ކަމެއް ނޫންކަން، މި މައުޟޫޢުގައި ހުޅަނގާއި އިރުމަތީގެ ޢިލްމުވެރީން ލިޔުއްވައިފައި ހުރި ލިޔުންތަކާއި ކަމާބެހޭ މުހިއްމު އެކިއެކި މަޞްދަރުތަކުން ވަރަށް ރަނގަޅަށް ހާމަ ވެއެވެ. އެފަދަ އެއް މަޞްދަރަކީ ކައުންސިލް އޮފް ޔޫރަޕުގެ އިސްތިޝާރީ ކިޔާނެއް ކަމުގައި ވާ "ވެނިސް ކޮމިޝަން" (Venice Commission) ގެ ފަރާތުން، ޤާނޫނުގެ ސިޔާދަތުގެ މަފްހޫމާ މެދު ނެރެފައިވާ މުހިއްމު ރިޕޯޓެވެ. އެ ރިޕޯޓުގައި، ޤާނޫނުގެ ސިޔާދަތުގެ މައިގަނޑު ފަސް ރުކުނެއް ފާހަގަ ކޮށްފައި ވާ އިރު، އޭގެ ތެރެއިން ފުރަތަމަ ރުކުނަކީ "މަބްދައުލް މަޝްރޫޢިއްޔަތު" (Principle of Legality) އެވެ. ދެވަނަ ރުކުނަކީ "ޤާނޫނީ ޤަޠުޢިއްޔަތު" (Legal Certainty) އެވެ. އެ ރިޕޯޓުގައި ވަރަށް ބަލާޣާތްތެރި ގޮތެއްގައި ބުނެ ކަނޑައަޅައިފައިވާ ފަދައިން، މި ރުކުން ފުރިހަމަ ވަނީ، ޤާނޫނުތަކަކީ ޣުމޫޟުތަކާއި އިލްތިބާސްތަކުން ހުސް ވެގެންވާ، ސާފު އަދި ޤަޠުޢީ ޢިބާރާތްތަކުން ލިޔެ އެކަށައެޅިފައިވާ، އޭގެ މާނަތައް ތަކުލީފު ލިބިގެންވާ އެންމެނަށް – ޔަޢުނީ، އެ ޤާނޫނުތަކަށް ތަބަޢަ ވުމުގެ ވާޖިބު ނުވަތަ އިލްތިޒާމު އެ ބައެއްގެ ބޮލުގައި އެޅިގެންވާ އެންމެނަށް – އެނގޭނޭ ގޮތަށް ސާފު ވެފައި އޮތުމުންނެވެ.
ކަން މިހެން އޮތުމުން، އަޅުގަނޑުމެންގެ ޤާނޫނުއަސާސީގެ 100 ވަނަ މާއްދާގައި، ރައީސުލްޖުމްހޫރިއްޔާ މަޤާމުން ވަކި ކުރެވިދާނޭ ކަމަށް ބުނެފައިވާ ފަސް ޙާލަތު، ދުސްތޫރީ މައްސަލަ ބަލާ ކޯޓުތަކުގެ ޤަޟާއީ ޝަރަޙައިގެ ވަސީލަތުން، ނުވަތަ ޤާނޫނުގެ ވަސީލަތުން، ނުވަތަ މި ދެ ވަސީލަތުގެ ތެރެއިން، ސާފު ކޮށްދެވޭން ޖެހެއެވެ. އެ ޙާލަތުތަކުގެ ތެރެއަށް ވަންނާނޭ ކަންތައްތަކަކީ ކޮބައިކަން ޤަޠުޢީ ގޮތެއްގައި ކަނޑައެޅި ބަޔާން ވާން ޖެހެއެވެ. ތަޢައްޞުފިއްޔަތުގެ ކިލަނބުކަމުން ދުރު ވެގެންވާ ގޮތުގައި، ހެޔޮ އަދި ޞައްޙަ އަސާސްތަކުގެ މަތީގައެވެ. އެކަން ކުރެވިދާނެ އެއް ގޮތަކީ، ކުރީން ދެންނެވުނު ފަދައިން، ހައިކޯޓާއި ސުޕްރީމް ކޯޓުން އެ މާއްދާއަށް ފުރިހަމަ ޝަރަޙައެއް ދިނުމެވެ. ދެވަނަ ގޮތަކީ، މަޖިލިހުން ކަމާބެހޭ ރަނގަޅު ޤާނޫނެއް ހެދުމެވެ. ހިތާމައަކީ، މި ވަގުތު މިއިން އެއްވެސް ކަމެއް ރަނގަޅު ގޮތުގައި ކުރެވޭނޭ ކަމާ މެދު އުއްމީދެއް ނެތުމެވެ. އާދޭހެވެ! މި ވަގުތު މަޖިލިހުގައި މެޖޯރިޓީގައި ތިބި މެންބަރުންނަކީ އެއްވެސް ހެޔޮ އަސާސެއް ނެތި، ސިޔާސީ ޙަސަދަ އާއި ސިޔާސީ ތަޢައްޞުބާއި ތަޢައްޞުފިއްޔަތުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ މަޤާމުން ވަކި ކުރާން މަސައްކަތް ކުރަމުން ގެންދާ، ޢިލްމީ ގޮތުންނާއި އަޚްލާޤީ ގޮތުން އެފަދަ ޤާނޫނެއް ހެދުމުގެ މަސައްކަތަށް އެއްވެސް ގޮތަކުން ކުފޫ ހަމަ ނުވާ ބައެކެވެ. ދިވެހިރާއްޖޭގެ ހައިކޯޓާއި ސުޕްރީމް ކޯޓަށް އެމްޑީޕީން ފާއިތު ވި ފަސް އަހަރުގެ ތެރޭގައި ގެނައި ޣައިރުދުސްތޫރީ ބަދަލުތަކަށް ފަހު، އެ ކޯޓުތަކުގައި ވެސް އެކަން ކުރެވޭނެ ޢިލްމީ ޤާބިލިއްޔަތު ހުރިތޯ، އަދި އެ ކޯޓުތައް ހުރީ އެފަދަ ކަމެއް ކުރުމަށް ޓަކައި ޟަރޫރަތްތެރި ވެގެންވާ ޤަޟާއީ މިނިވަންކަން (judicial independence) ކަށަވަރު ވެފައިވާ ޙާލަތުގައިތޯ، މިއީ ވެސް ކުރާން ޖެހޭ ސީރިޔަސް ސުވާލުތަކެވެ. އެނގި ކަށަވަރު ވާ ކަމަކީ، ރައްޔިތުންގެ މަޖިލިހުގައި މިހާރު މެޖޯރިޓީގައި އޮތް ޕާޓީ އެދޭހައި ގޮތަކަށް ޤާނޫނުއަސާސީގެ 100 ވަނަ މާއްދާގެ ޣާމިޟު އަދި އިލްތިބާސުވެރި ނައްޞު މާނަ ކޮށްގެން ރައީސުލްޖުމްހޫރިއްޔާ މަޤާމުން ޢަޒުލު ކުރުމަށް ފުރުޞަތު ދިނުމަކީ، ދުސްތޫރީ މުޅި ނިޒާމަށާއި ޤައުމުގެ މުސްތަޤުބަލަށް އޮތް ބިރެއް ކަމެވެ.
މި ދެންނެވި ބަޔާނުގެ މައިގަނޑު ނުކުތާއަކީ، ޤާނޫނުއަސާސީގެ 100 ވަނަ މާއްދާގެ ސިޔާގުގައި އިސްލާމް ދީނުގެ އަޞްލަކާ ކަނޑައެޅިގެން ޚިލާފު ވުން ކަމުގައި ވާނީ ކޮން ކަންތައްތަކެއް ކޮން ގޮތަކަށް ކުރުންކަމާއި، ޤާނޫނުއަސާސީއާ ކަނޑައެޅިގެން ޚިލާފު ވުމަކީ ކޮން ކަންތައްތަކެއް ކޮން ގޮތަކަށް ކުރުންކަމާއި، ޤާނޫނަކާ ކަނޑައެޅިގެން ޚިލާފު ވުމަކީ ކޮން ކަންތައްތަކެއް ކޮން ގޮތަކަށް ކުރުންކަން، ދުސްތޫރީ ޤާނޫނީ މަޞްދަރުތަކުގައި ޞަރީޙަކޮށް ބަޔާން ވެފައި އޮންނާން ވާނެ ވާހަކައެވެ. ރައީސުލްޖުމްހޫރިއްޔާގެ މަޤާމާ އެކަށީގެން ނުވާ ކަންތައްތަކަކީ ކޮބައިކަމާއި، ރައީސުލްޖުމްހޫރިއްޔާ މަޤާމުގެ މަސްއޫލިއްޔަތު އަދާ ކުރުމަށް ނާޤާބިލު ވުމަކީ ކޮބައިކަން، ޤަޠުޢީ އަދި ޞަރީޙަ ގޮތެއްގައި ދުސްތޫރީ ޤާނޫނީ މަޞްދަރުތަކުގައި ބަޔާން ވެފައި އޮންނާން ވާނެ ވާހަކައެވެ. އެއިރުން، ރައީސުލްޖުމްހޫރިއްޔާއަށް ވެސް، އޭނާ ޤާނޫނުއަސާސީގެ 100 ވަނަ މާއްދާގެ ދަށުން މަޤާމުން ވަކި ކުރެވޭނީ ކޮން ކަމެއް ކިހިނެއް ކޮށްގެންކަން، ނުވަތަ ކޮން ކަމެއް ކޮން ގޮތަކަށް ނުކޮށް ދޫކޮށްލައިގެންކަން އޮޅުމެއް ނެތި އެނގޭނެއެވެ. ނޭނގުމުގެ ތެރޭގައި ހުއްޓައި، މަޖިލިހުގައި އޮތް މެޖޯރިޓީއަކުން ކުއްލިޔަކަށް މާއްދާ 100 އިޖުރާއާތެއް ފަށައިގަނެ ރައީސުލްޖުމްހޫރިއްޔާއަށް ޝޮކާއި ޙައިރާންކަން ދޭނޭ ޖާގައެއް ނޯންނާނެއެވެ! ރައީސުލްޖުމްހޫރިއްޔާ ރީނދޫ ޓައިއެއް ނާޅައޭ އެހެންކަމުން އޭނާ ރައީސްކަމަކަށް އެކަށީގެނެއް ނުވެޔޭ ބުނުން ފަދަ ސަބަބުތައް ދައްކައިގެން ރައީސުލްޖުމްހޫރިއްޔާ މަޤާމުން ޢަޒުލު ކުރުމަށް ތަޢައްޞުފީ ގޮތްގޮތަށް ޢަމަލު ކުރުމުގެ ދޮރު ބަންދު ކުރެވޭނެއެވެ.
ޤާނޫނުއަސާސީގެ 100 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ވަކި ކުރުމުގެ އިޖުރާއާތު ހިންގުމުގައި އެ މާއްދާ މާނަ ކުރާން ޖެހޭ ރަނގަޅު ގޮތްތަކާ މެދު އިތުރަށް ވެސް ވަރަށް ގިނަ ވާހަކަތައް ދެއްކިދާނެއެވެ. ނަމަވެސް މި ލިޔުން މިހާރު ވެސް މާ ބޮޑަށް ދިގު ވެފައި ވާތީ، ކުރު ގޮތަކަށް ބައެއް ނުކުތާތައް ފާހަގަ ކޮށްފައި ނިންމައިލެވޭތޯ ބަލާނަމެވެ. މި ނުކުތާތަކަކީ، އަޅުގަނޑު ދެކޭ ގޮތުގައި، ދުސްތޫރީ ކޯޓުން ނުވަތަ ޤާނޫނަކުން 100 ވަނަ މާއްދާގެ ތަފްޞީލުތައް ކަނޑައެޅުމުގައި ވެސް ރިޢާޔަތް ކުރާން ޖެހޭ ނުކުތާތަކެވެ.
1. ފުރަތަމަ ކަމަކަށް، ރައީސުލްޖުމްހޫރިއްޔާ މަޤާމުން ވަކި ކުރާން ވާނީ، ޚުދު ރައީސުލްޖުމްހޫރިއްޔާ ޝަޚްޞީ ގޮތުން ޒިންމާ ވާން ޖެހޭ ގޮތުގައި، އޭނާ އަމިއްލައަށް ކުރާ ކަމަކާ ނުވަތަ އޭނާ ސީދާ ގޮތެއްގައި އަމުރު ހިންގައިގެން ކުރާ ކަމަކާ ހުރެއެވެ.
2. ދެވަނަ ކަމަކަށް، ޢާއްމު އުޞޫލެއްގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ މަޤާމުން ވަކި ކުރާ ޙާލަތު ވުޖޫދު ވެފައި އޮންނާން ވާނީ އެ ޢަމަލެއްގެ ނިޔަތާއި (intention) ގަސްތާއި (resolve) މަޤްޞަދު (motive and purpose) ޢަދުލުވެރި (just) އަދި މަޢުޤޫލު (reasonable) ގޮތުގައި އިސްތިދުލާލު (infer) ކުރެވޭ ބީދައިން ރައީސުލްޖުމްހޫރިއްޔާ ކުރި ނުވަތަ ނުކޮށް ދޫކޮށްލި ޢަމަލެއްގެ މައްޗަށެވެ. އަދި އެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ކަމެއް ސާބިތު ކުރާން ވާނީ ނިޔަތާއި ގަސްތާއި މަޤްޞަދާއި ޢަމަލު ސާބިތު ކުރުމަށް ފަހުގައެވެ.
3. ތިންވަނަ ނުކުތާ އަކީ، މަތީގައި ބަޔާން ކުރެވުނު ދެވަނަ ނުކުތާއާ ގުޅިގެން އަންނަ ނުކުތާއެކެވެ. އާދެ، ރައީސުލްޖުމްހޫރިއްޔާ މަޤާމުން ވަކި ކުރުމުގެ ސަބަބަކަށް ވާ ކަމަކީ، ރައީސް ހެޔޮ ނިޔަތުގައި އަދި ހެޔޮ މަޤްޞަދެއްގައި ކޮށްފައި އޮތް ކަމެއް ކަމުގައި، އަދި އެކަން ކުޅައީ ދީނުގެ އަޞްލެއް ނުވަތަ ޤާނޫނުއަސާސީ ނުވަތަ ޤާނޫނާ ޚިލާފު ވުމުގެ ނިޔަތެއް ނެތި ކަމުގައި އޭނާ ބުނަންޏާ، ޝުބްހާގެ ފައިދާ އޭނާއަށް ދިނުމާ އެކު، އެ ޢަމަލަކުން ރުޖޫޢަ ވެ، އެ ޢަމަލުގެ ނަތީޖާތައް ނަފީ ކުރުމަށް އޭނާއަށް ދެވޭން އޮތް ފުރުޞަތެއް ދޭން ވާނެއެވެ. ރައީސް ވަކި ކުރުމުގެ އިޖުރާއާތު ފަށާން ވާނީ، އޭނާ ކުރި ގޯސް ޢަމަލު އެއީ ގޯހެއްކަން ދުސްތޫރީ، ޤާނޫނީ، އަދި ސިޔާސީ ގޮތުން ގޮތް ނިންމާ ޝަރްޢިއްޔަތު ލިބިގެންވާ މަންސަތަކުން ކަނޑައެޅުމުން ވެސް، އެ ގޯހުގެ މަތީގައި ގޮތް ދޫނުކޮށް ދެމިހުންނަ (persistent violation) ޙާލަތުގައެވެ.
މި ނުކުތާގެ މައްޗަށް ވާހަކަ ދެއްކުމުގައި، އަޅުގަނޑުމެންނަށް ރާއްޖޭގެ ފަހުގެ ތާރީޚުގައި ހިނގި މިކަމާ ގުޅޭ އެންމެ މުހިއްމު އެއް ޙާދިޘާގެ އަލީގައި އެއްޗެއް ބުނެވިދާނެއެވެ. އެއީ، ޤާނޫނުއަސާސީގެ 45، 46، 48 ވަނަ މާއްދާއާ ޚިލާފަށް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކްރިމިނަލް ކޯޓުގެ އިސް ޤާޟީ ޢަބްދުﷲ މުޙައްމަދު ޢަސްކަރީ ޤައިދެއްގައި ފޮރުއްވެވި މައްސަލައެވެ. އެކަކަށް ވެސް ދެބަސް ނުވެވޭނޭ ފަދައިން، އެ ކަމުގައި ނަޝީދު ޢަމަލު ކުރެއްވީ ކަނޑައެޅިގެން ޤާނޫނުއަސާސީއާ ޚިލާފަށެވެ. ނަމަވެސް، ނަޝީދު ވިދާޅުވާ ގޮތުގައި އޭނާ އެކަން ކުރެއްވީ ޝަރުޢީ ދާއިރާ އިޞްލާޙު ކުރެއްވުމުގެ ހެޔޮ ނިޔަތުގައެވެ. ނަޝީދުގެ އެ ޢަމަލާ ގުޅިގެން، ރައްޔިތުންގެ މަޖިލިހުން އޭނާ ޢަޒުލު ކުރުމުގެ އިޖުރާއާތު މާއްދާ 100 ގެ ދަށުން ކުރިޔަށް ގެންދާ ޙާލަތު ތަޞައްވުރު ކޮށްގެން ވާހަކަ ދައްކަމާ ހިންގަވާށެވެ! އެފަދަ ޙާލަތެއްގައި، މަޖިލިހުން އެ އިޖުރާއާތު ފަށާން ވާނީ ނަޝީދަށް އޭނާގެ ޢަމަލުގެ ނިޔަތާއި ގަސްތާއި މަޤްޞަދު ގޯސް ނޫންކަން، އަދި އޭނާ ޢަމަލު ކުރެއްވީ ޤާނޫނުއަސާސީ ނެގެހެއްޓެވުމުގެ ނިޔަތުގައި، އިޚްލާޞްތެރިކޮށްކަން ދުސްތޫރީ އަދި ޤާނޫނީ މަންސައެއްގައި ސާބިތު ކޮށްދެއްވުމުގެ ފުރުޞަތު ލިބިވަޑައިގަތުމަށް ފަހުގައެވެ. އެ މަންސައިގައި، އޭނާ ޤާނޫނުއަސާސީއާ ޚިލާފު ވެވަޑައިގަތްކަން ޤާނޫނީ ގޮތުން އިސްތިޤްރާރު ވެއްޖެ ޙާލަތެއްގައި، އޭނާ ކުރެއްވި ޢަމަލުން ރުޖޫޢަ ވެވަޑައިގެން އޭގެ ނަތީޖާތައް ނަފީ ކުރެއްވުމަށް ފުރުޞަތު އެރުވުމަށް ފަހުގައެވެ. ޤާނޫނުއަސާސީގެ 100 ވަނަ މާއްދާގެ ތަފްޞީލުތައް ކަނޑައަޅާ ޤާނޫނެއް ނުވަތަ ދުސްތޫރީ ޙުކުމެއް އެއިރަކު ވެސް ރާއްޖެއަކު ނެތެވެ. ނަމަވެސް، ހަނދުމަފުޅު ހުންނާނޭ ފަދައިން، އެ ދުވަހު ނަޝީދު ކުރެއްވި ޢަމަލަކީ ޤާނޫނުއަސާސީއާ ކަނޑައެޅިގެން ޚިލާފު ޢަމަލެއް ކަމަށް ނަޝީދުގެ ޕާޓީ ފިޔަވައި މުޅި ޤައުމު އިއްތިފާޤު ވިއެވެ. ޤާނޫނީ ވަކީލުންގެ މުއާޚާތުން އެހެން ބުނެ ބަޔާނެއް ނެރުނެވެ. ދިވެހިރާއްޖޭގެ ހައިކޯޓުން، ނަޝީދުގެ ޢަމަލު ޤާނޫނުއަސާސީއާ ޚިލާފު ކަމަށް ބުނެ، އިސްޤާޟީ ޢަބްދުﷲ މުޙައްމަދު ދޫކޮށްލާން އަމުރު ކުރިއެވެ. ސުޕްރީމް ކޯޓުން ހަމަ އެފަދައިން އަމުރު ކުރިއެވެ. ނަމަވެސް ނަޝީދު މިއިން އަމުރަކަށް ވެސް ތަބަޢަ ވެވަޑައިގަންނަވާން ކަނޑައެޅިގެން ކުރެއްވީ އިންކާރެވެ. އެހެންކަމުން، ނަޝީދު އޭނާ ޤާނޫނުއަސާސީ މުގުރައިލެއްވި ޢަމަލުގައި ގޮތް ދޫ ނުކުރެއްވުމާ އެކު ދެމިހުންނެވިއެވެ. އާދެ، އެ ދުވަހު ނަޝީދު ޤާނޫނުއަސާސީއާ ޚިލާފު ވެވަޑައިގަތީ (unrepentant and persistent violation) އެއްގެ ގޮތުގައެވެ. ވީމާ، ނަޝީދުގެ މައްޗަށް އެމްޑީޕީން އެ ދުވަހު ރައްޔިތުންގެ މަޖިލިހުގައި މާއްދާ 100 އިޖުރާއާތު ހިންގާން ޖެހެއެވެ! އެކަމަކު ނުހިންގިއެވެ! މިހާރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މައްޗަށް އެފަދަ އިޖުރާއާތެއް ހިންގާން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ. ނަމަވެސް އެމްޑީޕީން މަސައްކަތް ކުރަނީ އެކަން ކުރާށެވެ!
މިއީ އެއް ފަހަރު ވީ ކަމެއް ވެސް ނޫނެވެ. އެމްޑީޕީގެ ފަރާތުން ރާއްޖޭގެ ރައީސްކަން ކުރެއްވި ދެ ބެއިފުޅުން ވެސް ވަނީ މާއްދާ 100 އިޖުރާއާތު ހިންގުން ޖާއިޒު ވެދާނޭ ކަންކަން ތަކުރާރުކޮށް ކުރައްވައިފައެވެ. އެކަމަކު، އެމްޑީޕީއަކަށް އެ މަންޒަރެއް ނުފެނުނެވެ. ނަޝީދު ރައީސްކަމުގައި ހުންނަވައިގެން، ޢާއްމު ތަޤްރީރުތަކުގައި އިސްލާމް ދީނަށް ކުޑައިމީސް ކުރެއްވިއެވެ. ކީރިތި ރަސޫލާގެ އަބުރުފުޅަށް ކިލާ އުއްކެވިއެވެ. ޢާއްމުންނާ މުޚާޠަބު ކުރެއްވުމުގައި ހުތުރު އަވަގުރާނަ ވިދާޅުވިއެވެ. ތިމަން މަނިކުފާނުގެ ޕާޓީގެ މެންބަރުންނާ އެހެން ދިވެހި ރައްޔިތުންނާ ތަފާތު ކުރައްވާނަމޭ ވިދާޅުވިއެވެ. އިސްލާމް ދީނުގައި ޙަރާމް ކުރެއްވި ބަނގުރާ ބުއިމަށް ހިތްވަރު ދެއްވިއެވެ. އެމްޑީޕީގެ ފަރާތުން ރައީސްކަން ކުރެއްވި އިބްރާހީމް މުޙައްމަދު ޞާލިޙު، ޤާނޫނުއަސާސީގެ 3 ވަނަ މާއްދާއާ ކަނޑައެޅިގެން ޚިލާފު ވެވަޑައިގެން، އަދި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކާ ބެހޭ ޤާނޫނުގެ 6 ވަނަ މާއްދާއާ ޚިލާފު ވެވަޑައިގެން، ރާއްޖޭގެ ކަނޑުގެ ސަރަޙައްދާ ބެހޭ ގޮތުން ބޭރުގެ ފަރާތަކަށް ސިޓީފުޅެއް ފޮނުއްވައި، އެ ސިޓީފުޅުގެ ވަސީލަތުން ރާއްޖެއިން ކްލެއިމް ކޮށް އަމިއްލަ ކޮށްފައި އޮތް ކަނޑުގެ ސަރަޙައްދެއް ގެއްލުވައިލެއްވިއެވެ. ޤާނޫނުއަސާސީއާ ކަނޑައެޅިގެން ޚިލާފަށް، ރާއްޖޭގައި ބިދޭސީ ބާރެއްގެ ޢަސްކަރީ ޙުޟޫރު ޤާއިމު ކުރެއްވިއެވެ. ނަމަވެސް އެމްޑީޕީއަކަށް މިއިން އެއްވެސް ކަމެއް ނުފެނުނެވެ. އާދޭހެވެ! އެމްޑީޕީން ރައީސްކަން ކުރެއްވި ދެ ބެއިފުޅުން، ދިވެހީންގެ ޤައުމިއްޔަތުގެ މައިގަނޑު އަސާސް ކަމުގައި ވާ މާތް ވެގެންވާ އިސްލާމް ދީނަށް ކުޑައިމީސް ކުރައްވައި، ދިވެހި ދުސްތޫރު ކަނޑައެޅިގެން މުގުރުއްވަވައި، ޤައުމުގެ ސަރަޙައްދުން ބައެއް ގެއްލުވައިލައްވައި، ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލާއި ސިޔާދަތު ނެތިދިޔުމުގެ ބޮޑު ބިރުވެރިކަމުގެ ތެރެޔަށް ވައްޓަވައިލެއްވުމުން ވެސް، އެމްޑީޕީއަށް އެއިން ބެއިފުޅަކު ރައީސްކަމުން ޢަޒުލު ކުރާން ޖެހޭ ކަމަކަށް ނުފެނުނެވެ. އެހެނެއް ކަމަކު، އެމްޑީޕީ އާ އިދިކޮޅު ޕާޓީގެ ކެންޑިޑޭޓަކު ރައީސްކަމަށް އިންތިޚާބު ވުމާ އެކު، އެމްޑީޕީން އެއްވެސް އަސާސެއް ނެތި، ފައުޅު ވެގެންވާ ތަޢައްޞުފީ ގޮތެއްގައި، އެ ރައީސަކު ޢަޒުލު ކުރާން މަސައްކަތް ފަށައެވެ. އަޅުގަނޑުމެންގެ ޤައުމުގެ ކަންކަން ގޯހުން ގޯހަށް ދާ ސަބަބާ މެދު ވިސްނާ ބަޔަކަށް ޓަކައި، މިހިރީ ފުންކޮށް ވިސްނައި ފިކުރު ކުރާންވީ ކަންކަމެވެ! އެ ކަންތައްތަކަކުން ޢިބުރަތް ޙާޞިލު ކުރާން ވީ ކަންކަމެވެ!
4. ހަތަރުވަނަ ކަމަކަށް، 100 ވަނަ މާއްދާގައި ބުނާ ފަސް ޙާލަތުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާގެ މަޤާމާ އެކަށީގެން ނުވާ ޢަމަލެއް ކުރި ކަމުގެ ސުވާލާ މެދު ވިސްނާ އިރު، އެއްވެސް ޢަމަލެއް ރައީސުލްޖުމްހޫރިއްޔާގެ މަޤާމާ އެކަށީގެން ނުވާ ޢަމަލެއް ކަމަށް ކަނޑައަޅާން ވާނީ ދީން، ނުވަތަ ޢަޤުލް، ނުވަތަ އަޚްލާޤު، ނުވަތަ ހެޔޮ ޢުރުފު، މި އަސާސުތަކުގެ މަތީގައެވެ. އެއްވެސް ޙާލެއްގައި، އެއީ މަޖިލިހުގެ މެޖޯރިޓީގެ ތަޢައްޞުފީ އިރާދާ (arbitrary will) ގެ މައްޗަށް ކަނޑައެޅޭ މިންގަނޑަކަށް ވެގެން ނުވާނެއެވެ. މިސާލެއްގެ ގޮތުން، ސިނގިރެޓު ބުއިން ނަގަމާ ހިންގަވާށެވެ! ސިނގިރެޓު ބުއިމަކީ ޞިއްޙަތަށް އިންތިހާއަށް ގެއްލުން ހުރި ކަމެކެވެ. ގިނަ ދީނީ ޢިލްމުވެރީންގެ ނަޒަރުގައި ފާފައަކަށް ވާނޭ ޢަމަލެކެވެ. ސިނގިރެޓު ބޯ މީހާގެ ގައިން ދުވާ ނުބައި ވަހަކީ، އަޅުގަނޑުމެންގެ ދީނާއި ޢުރުފީ ހަމަތަކުން އެކަށައަޅާ ސާފުޠާހިރުކަމުގެ މިންގަނޑުތަކާ ޚިލާފު ކަމެކެވެ. ރައީސުލްޖުމްހޫރިއްޔާ އަކީ ރައްޔިތުންނަށް ހުރިހައި ކަމެއްގައި ރީތި ނަމޫނާ ދައްކާން ޖެހޭ މީހަކު ކަމުގައި ވާއިރު، ރައީސުލްޖުމްހޫރިއްޔާ ރައީސް އޮފީހުގެ ދޮރުމަތީގައި ރައްޓެހީންނާ އެކު ސިނގިރެޓު ބޯން ހުރުމަކީ، ނުވަތަ ރަށްރަށަށް ކުރާ ދަތުރުތަކުގައި، ފައިބައި ހުންނަ ގޭގެ ދޮރުމަތީގައި ނުވަތަ ގޭގެ މަގުފާރުމަތީގައި އިށީނދެގެން ސިނގިރެޓު ބޯން އިނުމަކީ، 100 ވަނަ މާއްދާގައި އެ ބުނާ "ރައީސުލްޖުމްހޫރިއްޔާގެ މަޤާމާ އެކަށީގެން ނުވާ ކަމެއް" ކަމަށް، ދީނީ އަދި ޢުރުފީ އަސާސްތަކުގައި އެކަށައެޅޭ ޢާއްމު އިޖުތިމާޢީ މިންގަނޑުތަކުގެ ދަށުން ބުނެވިދާނެ ކަމަށް ފެނެއެވެ! ހަމަ އެހެންމެ، ރަމަޟާން މަހުގެ ތަރާވީޙް ނަމާދަކީ މުސްލިމުންނަށް ފަރުޟު އަޅުކަމެއް ކަމުގައި ވިޔަސް، ވަލިއްޔުލް އަމްރު އެ ނަމާދު ދޫކޮށްލުމަކީ އޭނާ ރައީސުލްޖުމްހޫރިއްޔާގެ މަޤާމާ އެކަށީގެން ނުވާ ކަމެއް ކުރުން ކަމުގައި ބެލެވިދާނެއެވެ.
5. ފަސްވަނަ ކަމަކަށް، 100 ވަނަ މާއްދާގައި ބުނާ ފަސް ޙާލަތުގެ ތެރެއިން އެންމެ ފަހު ޙާލަތާ މެދު އެއްޗެއް ދަންނަވައިލާނަމެވެ. އެ ޙާލަތަކީ، ދުސްތޫރީ ނައްޞުގައި އޮންނަ ޢިބާރާތުން ދަންނަވަންޏާ، "ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނާޤާބިލް ވުން" މި ޙާލަތެވެ. ދިވެހި ބަހުގެ ޤަވާޢިދުގެ ހަމަތަކުގެ އަލީގައި މި ޢިބާރާތަށް ބަލައި ތަޙްލީލީ ނަޒަރެއް ހިންގައިލުމުން، މި ތަނުގައި އެ ބުނަނީ ރައީސުލްޖުމްހޫރިއްޔާގެ ކިބައިގައި ކުރީއްސުރެ ހުރި ނާޤާބިލުކަމެއް، ރައީސްކަމުގެ މަސްއޫލިއްޔަތު އަދާ ކުރާން ފެށި ފަހުން ފައުޅު ވެ އެކަން އެނގޭ ވާހަކަ ނޫން ކަމާއި، އެ ބުނަނީ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް އައުމަށް ފަހު އޭނާގެ ޖިސްމާނީ ނުވަތަ ނަފްސާނީ ނުވަތަ ޒިހުނީ ޙާލަތަށް އަންނަ ބަދަލަކުން، "ނާޤާބިލު ވާ" ވާހަކަކަން ސާފެވެ. އެހެންވިއްޔާ، މި މާއްދާގައި ރައީސުލްޖުމްހޫރިއްޔާ "ނާޤާބިލު ވުން" އެ ބުނަނީ އޭނާގެ ހަށިގަނޑަށް ލިބޭ ގެއްލުމަކުން ގުނަވަނެއް ނުވަތަ ގުނަވަންތަކެއް ބޭނުން ނުކުރެވޭ ގޮތް ވުން ފަދަ ޖިސްމާނީ ނާޤާބިލިއްޔަތެއްގެ ޙާލަތު މެދުވެރި ވުން، ނުވަތަ އޭނާގެ ސިކުނޑިއަށް ލިބޭ ގެއްލުމަކުން ވިސްނައި ފިކުރު ކުރުމާއި ކަންކަން ހަނދާނުގައި ބެހެއްޓުމުގެ ކުޅަދާނަކަން ގެއްލުން ނުވަތަ އެނޫނަސް ނަފްސާނީ ނުވަތަ ޒިހުނީ ނާޤާބިލިއްޔަތެއްގެ ޙާލަތު އޭނާއަށް މެދުވެރި ވުން ކަމުގައި ބެލެވިދާނެއެވެ. މިއީ މި މާއްދާގެ ރަނގަޅު ތަފްސ
ކޮލަމް މަލަސް
ކޮލަމް މަލަސް
ކޮލަމް މަލަސް