މާލެއަށް ކުރި ވިއްސާރައިގައި ގެއްލުންވި 70 ގެއަކަށް 457،246.20 ރުފިޔާ ދޭން ނިންމާފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.
އެންޑީއެމްއޭ އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މާލެއަށް މި ހަފުތާގައި ކުރި ވިއްސާރައިގެ ސަބަބުން ފެންބޮޑުވެގެން 164 ގެއަކުން ރިޕޯޓު ކުރި ކަމަށާއި އޭގެ ތެރެއިން ފުރަތަމަ އިޖާބާ ދެވުނީ 140 ގެއަކަށް ކަމަށެވެ.
ވިއްސާރައިގެ ސަބަބުން ފަސް ގެއެއްގެ ކަރަންޓަށް މައްސަލަ ޖެހުނު ކަމަށާއި ފަސް ގެއެއްގެ ފާހާނާއަށް މައްސަލަ ދިމާވި ކަމަށާއި ހަތް ގެއެއްގެ ފާރަށް ގެއްލުންވެ، 14 ގެއެއްގެ ތަޅުމަށް ގެއްލުންވި ކަމަށް އެ އޮތޯރިޓީން ބުންޏެވެ. އަދި 19 ގެ އެއްގެ ސީލިންގަށް ގެއްލުން ލިބުނުއިރު ހަތް ގެއެއްގެ ފުރާޅަށް ގެއްލުން ލިބިފައިވާ ކަމަށްވެސް ބުންޏެވެ.
އެންޑީއެމްއޭ އިން ބުނީ، ފެންބޮޑުވުމުގެ ސަބަބުން އަށް ގެއެއްގެ 42 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. ގެއްލުންވި ގެތަކަށް ފުރަތަމަ ފަހަރަށް އިޖާބާ ދިނުމަށް 179،275 ރުފިޔާ ހަރަދުވި ކަމަށާއި އެ ފައިސާ ހަރަދުކޮށްފައިވަނީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށާއި އިކުއިޕްމެންޓު ގަތުމަށް ކަމަށްވެސް ބުންޏެވެ.
އެ އޮތޯރިޓީން އިތުރަށް ބުނީ ގެ ތަކުގައި ފެންބޮޑުވުމުގެ ސަބަބުން އެކި ގެތަކުން 20 އައިސްއަލަމާރި، ދެ ދޮރުފަތްލީ 40 އަލަމާރި، 33 ޑަބަލް އެނދު، 12 ޑަބަލް ގޮދަނޑި އަދި 36 ގެއެއްގެ ބަދިގެ ކަބަޑު ސެޓަށް ގެއްލުން ވެފައިވާ ކަމަށެވެ. މީގެ އިތުރުން ބަދިގޭގައި ހިފާ ގެންގުޅޭ އެކި ސަމާނުތަކަށް ގެއްލުން ލިބުނު ކަމަށްވެސް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު