ޓްރާންޝިޕްމެންޓާއި ރީއެކްސްޕޯޓްގެ ވިޔަފާރިއަށް އަލަށް އުފައްދާ ސަރުކާރު ކުންފުންޏެއް ކަމަށްވާ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމެންޓް ފްރީ ޒޯންއަށް، މާލޭ ސަރަހައްދުން 100 ހެކްޓަރުގެ ބިމެއް ދޭން ނިންމާފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.
ރައީސް އޮފީހުގައި އާދީއްތަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ނިންމި ކަންކަމުގެ މައުލޫމާތު ހާމަކުރުމަށް، ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީޒޯން އުފައްދާނީ، ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ)، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އަދި މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ހިއްސާ އޮންނަ ގޮތަށް ކަމަށެވެ.
"މި ފަސް ކުންފުނި ޝާމިލުވާގޮތަށް އުފެއްދޭ މައި، ބޮޑު އެއްކުންފުންޏެއް ގޮތުގައި ފްރީ ޓްރޭޑް ޒޯނުތައް ގާއިމުކުރުމުގެ ހުއްދައަށް އެދި ބޯޑް އޮފް އިންވެސްޓްމަންޓަށް ހުށަހެޅުމަށް ވަނީ ނިންމާފައި. އަދި މި ފްރީ ޓްރޭޑް ޒޯންތައް ގާއިމުކުރާ އިރު އެއާޕޯޓު އަދި ޕޯޓު ހިމެނޭ ސަރަހައްދަކުން މި ޒޯން ކަނޑައަޅައިގެން ކުރިއަށް ގެންދިޔުމަށް، މި ކުންފުނީގެ ވިޔަފާރި ފެށުމަށް ބޭނުންވާ ބިން ހަމަޖެއްސުމަށްޓަކާ ތިލަފުއްޓާ، ގިރާވަރުފަޅު ބެއްލެއްވުމަށްފަހު އެންމެ އެކަށީގެންވާ ތަނަކުން މަދުވެގެން 100 ހެކްޓަރުގެ ބިން ކަނޑައެޅުމަށް ވެސް ވަނީ ނިންމާފައި،" ނާޒިމް ވިދާޅުވިއެވެ.
ރާއްޖެއަށް ބޭނުންވާ ވަރަށް ކާބޯތަކެތި އުފެއްދުމަށް އުތުރުތިލަފަޅުން ބިން ކަނޑައަޅައި، އެކަމަށް އިންވެސްޓްމެންޓު ހޯދައި، އެ އިންވެސްޓްމެންޓުތަކުގެ މޭޖާ ޝެއާ ހޮލްޑަރަކަށް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމެންޓް ފްރީ ޒޯން ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު "ވަން" އަށް ރޭ ވިދާޅުވެފައިވަނީ އެއީ ރާއްޖޭގެ އިގުތިސޯދު ރައްކާތެރިކުރުމަށާއި އިގުތިސޯދު ސިންދިފާތު ކުރަން އުފެއްދި ކުންފުންޏެއް ކަމަށެވެ. ރާއްޖޭގައި މި ވަގުތު އޮތީ މައިގަނޑު ދެ އިގުތިސޯދެއް ކަމަށާއި އެއީ މަސްވެރިކަމާއި ޓޫރިޒަމްކަން ފާހަގަކުރައްވައި ސައީދު ވިދާޅުވީ، ރައީސް ޑރ. މުހައްމަދުގެ މުއިއްޒުގެ ވިސްނުންފުޅަކީ ތިންވަނަ ދާއިރާއަކުން އިގުތިސޯދެއް އުފެއްދުން ކަމަށެވެ.
އެގޮތުން ރާއްޖެ އޮންނަ ސަރަހައްދަކީ ވަރަށް ގިނަ ކޯގާ ބޯޓުތައް ދަތުރުކުރާ ސަރަހަދައްކަށް ވުމުން، ޓްރާންޝިޕްމެންޓް ބަނދަރަކުން ރާއްޖެއަށް ރަނގަޅު އާމްދަނީއެއް ލިބުމުގެ ފުރުސަތު ބޮޑުކަމަށް ރައީސް މުއިއްޒު ދެކެވަޑައިގަންނަވާ ކަމަށް ސައީދު ވިދާޅުވެފައިވެއެވެ.
ރާއްޖެއަށް އެތެރެކުރާ ތަކެއްޗަށް އަދި ރާއްޖެއިން އުފައްދާ ތަކެއްޗަށް ވެލިއު އެޑް ކުރުމަށްފަހު، ރީއެކްސްޕޯޓް ކޮށްގެން ރަނގަޅު އާމްދަނީއެއް ހޯދިދާނެ ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.
ސައީދު ވިދާޅުވެފައިވަނީ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމެންޓް ފްރީ ޒޯން މެދުވެރިކޮށް ދައުލަތަށް ލިބޭނީ ކިހާ އަދަދެއްގެ އާމްދަނީއެއްކަން އަދި ދަންނަވަން ދަތި ކަމަށާއި ނަމަވެސް ރަނގަޅު އާމްދަނީ ލިބޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު