މަސްތުވާތަކެތީގެ ފަރުވާ ދޭ ރިހެބިލިޓޭޝަން ސެންޓަރުތައް ހިންގުމުގެ ފުރުސަތު އަމިއްލަ ފަރާތްތަކަށް ދިނުމަށް ނިންމައިފިއެވެ.
ރައީސް އޮފީހުގައި އާދީއްތަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ނިންމި ކަންކަމުގެ މައުލޫމާތު ދިނުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، ޕްރައިވެޓް ރިހިބިލިޓޭޝަން ސެންޓަރުތައް ހިންގުމުގެ ފުރުސަތު ދިނުމަށް ނިންމީ ކެބިނެޓުގެ މަޝްވަރާގެ މަތިން ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށެވެ.
"މި މައްސަލައިގައި މަޝްވަރާ ކުރެވި މަސްތުވާތަކެތި ބޭނުން ކުރާ ފަރާތްތަކަށް ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ޕްރޮގްރާމް ކަމާ ބެހޭ ފަރާތްތަކުގެ އެހީތެރިކަން ހޯއްދަވައިގެން ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އަދި އިސްލާމީ ހަމަތަކަށް ފެތޭ ގޮތަށް ހިންގަން ފެއްޓުން،" ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ އެގޮތުން މަތިން ތިން ސަރަހައްދެއްގައި ރިހިބިލިޓޭޝަން ސެންޓަރުތައް ހިންގުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ. އެއީ ނ. ވެލިދޫ، ކ. ކާށިދޫ އަދި ލ. އަތޮޅުގެ ކޮންމެވެސް އެއް ރަށެއްގައި ރިހިބިލިޓޭޝަން ސެންޓަރު ހިންގުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ. އަމިއްލަ ފަރާތްތަކަށް ރިހިބިލިޓޭޝަން ސެންޓަރުތައް ހިންގުމުގެ ފުރުސަތު ދިނުމަށް ކެބިނެޓަށް ހުށަހެޅީ ހޯމް މިނިސްޓްރީން ކަމަށް ނާޒިމް ވިދާޅުވިއެވެ.
ރާއްޖޭގައި މިވަގުތު ހިންގަނީ ތިން ރިހިބިލިޓޭޝަން ސެންޓަރެވެ. އެއީ ކ. މާފުށި ރިހިލިބިޓޭޝަން ސެންޓަރާއި ހުޅުމާލެ ހާފްވޭ ހައުސް އަދި މާލޭގައި ހިންގާ ނޭޝަނަލް ޑްރަގް އެޖެންސީއެވެ. މި ސަރުކާރުގެ ސިޔާސަތަކީ ޑްރަގް އެޑިކްޝަނަކީ ސިއްހީ ކަމަކަށް ބެލުމުގެ ބަދަލުގައި ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ބަލައިގެން އެކަމަށް ހައްލު ހޯދުމެވެ.
ޚަބަރު
ޚަބަރު
ޚަބަރު